ވައިޓް ހައުސްގެ އާ ތަރުޖަމާން ކޭޓީ ޒަކާރިއާއަށް ބަލާލަމާ!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ވައިޓް ހައުސްގެ އާ ތަރުޖަމާނުގެ މަގާމަށް ގާނޫނީ ވަކީލު އަދި މީޑިއާ ޝަޚުސިއްޔަތު ކޭޓީ ޒަކާރިއާ ހަމަޖައްސައިފިއެވެ.

އުމުރުން 42 އަހަރުގެ ކޭޓީ ޒަކާރިއާ މި މަގާމަށް އައްޔަންކުރެއްވިކަން ރައީސް ޓްރަމްޕް އިއުލާނުކުރެއްވީ، އޭނާއަކީ ޓްރަމްޕްގެ އެމެރިކާ ގައްޑާ ކުރަމާ ހަރަކާތް ކަމަށްވާ މާގާގެ ވަފާތެރި، ޚިދުމަތްތެރި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ. ކޭޓީ ޒަކާރިއާ މިއަދު މި މަގާމާ ހަވާލުވެވަޑައިގަންނަވަނީ، އިސްތިއުފާ ދެއްވި ތަރުޖަމާނު ކެރޮލީން ލީވިޓްގެ ބަދަލުގައެވެ. މިއީ ރައީސް ޓްރަމްޕްގެ ދެ ދައުރުގެ ތެރޭގައި ވައިޓް ހައުސްގެ ތަރުޖަމާނުކަން ކުރައްވާ 6 ވަނަ ބޭފުޅާއެވެ.

ޒަކާރިއާއަކީ ކެލިފޯނިއާގެ ލޮސް އެންޖެލިސްއަށް އުފަން، ގާނޫނީ އަދި ސިޔާސީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2007 ވަނަ އަހަރު ޕެޕަރޑައިން ޔުނިވަސިޓީން ސިޔާސީ ސައިންސުން ބެޗްލާސް ޑިގްރީ ހާސިލުކުރެއްވުމަށްފަހު، 2011 ގައި އެ ޔުނިވަސިޓީގެ ކާރޫސޯ ސުކޫލް އޮފް ލޯއިން ގާނޫނީ ދާއިރާއިން ޑޮކްޓަރޭޓް ހާސިލުކުރައްވާފައެވެ.

ސިޔާސީ ދާއިރާގައި އޭނާގެ މަސައްކަތް ފެއްޓެވީ ރިޕަބްލިކަން ޕާޓީގެ ކޮލެޖް އޯގަނައިޒޭޝަނުގެ ރައީސްގެ ގޮތުގައެވެ. އަދި ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ދައުރުގައި ވައިޓް ހައުސްގެ އިންޓާނެއްގެ ގޮތުގައިވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.

ސަރުކާރުގެ އިދާރީ މައިދާން ގައި މަސައްކަތްކުރެއްވުމުގެ އިތުރުން، ޒަކާރިއާ ވަނީ ބައިނަލްއަގުވާމީ ފެންވަރުގައިވެސް ގާނޫނީ ތަޖުރިބާ ހޯއްދަވާފައެވެ. އެގޮތުން ޗައިނާގެ ބެއިޖިންގައި ތިން އަހަރު ދުވަހު އުޅުއްވައި، ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ އެކްސްޓާނަލް އެޑްވައިޒަރެއްގެ ގޮތުގައި ލޯ ފާމެއްގައި މަސައްކަތްކުރެއްވިއެވެ. މީގެއިތުރުން، އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ތަރުޖަމާނުކަމާއި، ރައީސް ޓްރަމްޕްގެ "ޓްރޫތު ސޯޝަލް" ކުންފުނީގެ ކޮމިއުނިކޭޝަންސް އެޑްވައިޒަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.

މި މަގާމުން ވަކިވި ކެރޮލީން ލިވިޓަކީ އުމުރުން 27 އަހަރުގައި ވައިޓް މުރާސިލުންގެ ކުރިމަތީގައި ތަރުޖަމާނުކަން ކުރެއްވި އެންމެ ހަގު ބޭފުޅާއެވެ. އޭނާ މަގާމުން ވަކިވެވަޑައިގަތީ ދެވަނަ ދަރިކަލުން ލިބިވަޑައިގަތުމާ ގުޅިގެން އާއިލާއަށް ވަގުތު ދެއްވުމަށެވެ. އަދި އަންނަ ނޮވެމްބަރު މަހުން ފެށިގެން ފޮކްސް ނިއުސްގެ ސިޔާސީ އެނަލިސްޓެއްގެ ގޮތުގައި އޭނާ ވަޒީފާ އަދާ ކުރާނެއެވެ.

ޒަކާރިއާ ވައިޓް ހައުސްގެ ތަރުޖަމާނުކަމާ ހަވާލުވެވަޑައިގަންނަވަނީ، އެމެރިކާގެ ކޮންގްރެސްގެ މިޑްޓާރމް އިންތިޚާބުގެ ތައްޔާރީތައް ހިނގަމުންދާ އަދި ސަރުކާރާއި ބޮޑެތި މީޑިއާއާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އޭނާގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވާނީ ސަރުކާރުގެ ޚާރިޖީ އަދި އެތެރޭގެ ސިޔާސަތުތައް މީޑިއާއަށް އޮޅުންފިލުވައިދީ، ރައީސް ޓްރަމްޕްގެ ތާކުންތާކު ނުޖެހޭ ސިޔާސަތު ދިފާއުކުރުމެވެ.

ހިއްސާ ކުރައްވާ!