އިންޑިއާގެ ކަނޑުގެ ސިފައިންގެ ޚިދުމަތަށް އެންޓި-ސަބްމެރީން އުޅަނދު "އައިއެންއެސް މަންގްރޯލް" އިތުރުކޮށްފި

އިންޑިއާގެ ކަނޑުގެ ސިފައިންގެ ޚިދުމަތަށް، އެންޓި-ސަބްމެރީން ވޯފެއާ ޝެލޯވޯޓަރ ކްރާފްޓް (އޭއެސްޑަބްލިއު-އެސްޑަބްލިއުސީ) ކްލާހުގެ ތިންވަނަ އުޅަނދު ކަމަށްވާ "އައިއެންއެސް މަންގްރޯލް" ރަސްމީކޮށް އިތުރުކޮށްފިއެވެ. މުމްބާއީގެ ނޭވަލް ޑޮކްޔާޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އުޅަނދު ސިފައިންގެ ޚިދުމަތަށް ނެރެދެއްވީ ވެސްޓަރން ނޭވަލް ކޮމާންޑްގެ ފްލެގް އޮފިސަރ ކޮމާންޑިންގ-އިން-ޗީފް، ވައިސް އަޑްމިރަލް ސަންޖޭ ވަތުސާޔަން އެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ ދިފާއީ ބާރުތަކުގެ އިސް އޮފިޝަލުންނާއި، ދިފާއީ ވުޒާރާގެ މަންދޫބުންނާއި، ކޮޗިން ޝިޕްޔާޑް ލިމިޓެޑް (ސީއެސްއެލް) ގެ އިސްވެރިންނާއި ސިނާއީ ބައިވެރިން ބައިވެރިވެވަޑައިގަތެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވައިސް އަޑްމިރަލް ސަންޖޭ ވަތުސާޔަން ވަނީ، ބަދަލުވަމުންދާ ކަނޑުގެ ސަލާމަތީ މާހައުލުގައި އިންޑިއާގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ސަބްމެރީންތަކަށް ރައްދު ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް އަމިއްލަ ގައުމުގައި އުފައްދާ ސިފައިންގެ އުޅަނދުތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އިންޑިއާގެ ކަނޑުގެ ސިފައިންގެ އޮޕަރޭޝަނަލް ތައްޔާރީތަކާއި، ޓެކްނޮލޮޖީގެ ކުރިއެރުމާއި، ދިފާއީ އުފެއްދުންތެރިކަމުގައި އަމިއްލަ ފުދުންތެރިކަން ހޯދުމަށް ކުރާ މަސައްކަތްތަކަށް އޭނާ އަލިއަޅުވާލެއްވިއެވެ.

އައިއެންއެސް މަންގްރޯލް އަކީ ކޮޗިން ޝިޕްޔާޑް ލމިޓެޑުން އަމިއްލައަށް ފަރުމާކޮށް ބަނދެފައިވާ އުޅަނދެކެވެ. މި އުޅަނދުގެ 80 އިންސައްތައަށްވުރެ ބޮޑު ބައެއް އުފައްދާފައިވަނީ އިންޑިއާގެ އަމިއްލަ އުފެއްދުންތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. މިއީ އަމިއްލަ ފުދުންތެރި އިންޑިއާ އަދި "މޭކް އިން އިންޑިއާ" ސިޔާސަތުގެ ދަށުން، އިންޑިއާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އެހީތެރިކަމާއެކު ހާސިލުކުރި ކާމިޔާބީއެކެވެ.

ތިލަ ފެނުގެ ސަރަހައްދުތަކުގައި އޮޕަރޭޓްކުރުމަށް ފަރުމާކޮށްފައިވާ މި އުޅަނދަކީ ސަބްމެރީންތަކާ ދެކޮޅަށް ހަރަކާތްތެރިވުމާއި، ކަނޑުއަޑީގެ ހަރަކާތްތައް މޮނީޓަރުކުރުމާއި، ކުޑަފެންވަރުގެ ކަނޑުގެ އޮޕަރޭޝަންތައް ހިންގުމުގެ އިތުރުން ކަނޑުމައިންގެ ނުރައްކާތަކުން ރައްކާތެރިވުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ.

ހިއްސާ ކުރައްވާ!