ގްރީސްގައި ހުންނަވާ އެމެރިކާގެ ސަފީރު ކިމްބަލް ގިލްފޮއިލް އަނގަ ގަދަކޮށް ފައިސާ ހޯދައި މަގާމުގެ ނުފޫޒު ބޭނުން ކުރުމުން އޭނާ މަގާމުން ވަކިކުރުމާ މެދު ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވަން ފަށައިފިއެވެ.
ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ ގިލްފޮއިލް މަގާމުން ވަކިކުރުމުގެ މައްސަލަ މިހާރު ބަލަމުންދާ ކަމަށާއި، އެކަމާ މެދު އެމަނިކުފާނު ގަޔާވެ ވަޑައި ނުގަންނަވާ ކަމަށެވެ. އެމެރިކާގެ ރައީސްގެ ދަރިކަލުން ޑޮނަލްޑް ޓްރަމްޕް ޖޫނިއާއާ ކުރިން ކައިވެނިކުރުމަށް ގެންގުޅުއްވި ގިލްފޮއިލް، އާ ބެހޭ ގޮތުން ފެތުރިފައިވާ ވާހަކަތަކުގައި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ބަދަލުގައި ފައިސާއަށް މީހުން ފާރު އެދިފައިވާ ކަމަށާއި، އަދި އަގުބޮޑު ހަދިޔާތަކެއް ގަބޫލުކޮށްފައިވާ ކަމަށާއި ފޮނިކަޑައި ހަދާފައިވާ ކަމަށް ވެއެވެ.
މި ތުހުމަތުތަކާ ގުޅިގެން، ސްޓޭޓް ޑިޕާޓްމަންޓުގެ އޮފީސް އޮފް ދަ އިންސްޕެކްޓަރ ޖެނެރަލް (އޯއައިޖީ) އިން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. ނަމަވެސް އޯއައިޖީގެ ޕްރެސް އޮފީހުން މި ތަހުގީގާ ގުޅޭގޮތުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ގިލްފޮއިލްގެ ގާނޫނީ ވަކީލުން ވަނީ ފައިސާއަށް އެދިފައިވާކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ.
ކުރިން މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ މިކަމުގެ މައުލޫމާތު މިހާރު ލިބިވަޑައިގެންފައިވާ ކަމަށާއި، ނަމަވެސް ގިލްފޮއިލްއަކީ އަބަދުވެސް ވަރަށް ހެޔޮކޮށް ކަންތައް ކުރެއްވި ބޭފުޅެއް ކަމަށެވެ.
މި މައްސަލަ އިތުރަށް ހޫނުވެފައިވަނީ ކުރީގެ ޑޮނޭޓަރެއް ކަމަށްވާ އެރިކް ޑީޓާސް،އަށް ގިލްފޮއިލް ފޮނުއްވި ކަމަށް ބުނާ ޓެކްސްޓް މެސެޖުތަކެއް ހާމަކުރުމާ ގުޅިގެންނެވެ. އެ މެސެޖުތަކުގައި ސެނެޓުން އެމްބެސެޑަރުކަމަށް ކަށަވަރުކުރުމުގެ ކުރިން އޭނާގެ ކްރެޑިޓް ކާޑު ބިލެއް ދެއްކުމަށްޓަކައި 100,000 ޑޮލަރު ފޮނުވައި ދިނުމަށް އެދިފައިވާ ކަމަށް ބުނެފައިވެއެވެ. ގިލްފޮއިލްގެ ވަކީލުން ވަނީ މި ވާހަކަތައް ދޮގުކޮށް، އެއީ ކުރިން ކޮށްފައިވާ މަސައްކަތްތަކަށް ހައްގުވާ ފައިސާ ހޯދުމަށް ކުރި ކަމެއް ކަމަށް ބުނެފައެވެ.





