ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިސްރާއީލުގެ އިންވެސްޓަރުންނަށް ފުރުސަތު ނުދޭނެ ކަމަށް ސަރުކާރުން ބުނެފި

ރަސްމާލެ ތަރައްގީ ކުރުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެ ރަށުގައި އިސްރާއީލުގެ ނުވަތަ ޒަޔަނިސްޓުންގެ އިންވެސްޓްމަންޓްތަކަށް ޖާގަ ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދެއްވައިފިއެވެ.

ސެޕްޓެމްބަރު 21، 2026 ގައި ސޮއިކުރި 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމުގެ މި އެއްބަސްވުމާ ގުޅިގެން އާންމުންގެ މެދުގައި ބަހުސްތައް އުފެދިފައިވަނިކޮށް، މިނިސްޓަރު މުއްތަލިބު ލިންކްޑްއިން މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި މަޝްރޫއާ މެދު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދަނީ ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ފުން ލޯތްބާއި، އިސްރާއީލުން ދެމުންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން ކަމަށެވެ. އަދި އާންމުންގެ މި ކަންބޮޑުވުންތަކަށް ސަރުކާރުން ސީދާ ގޮތުން ޖަވާބުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަސްމާލޭގެ މަޝްރޫއުގައި އިސްރާއީލުގެ ބައިވެރިވުން ހުއްޓުވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ،

  • އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމުގެ ކުންފުނިތަކަށް ރަސްމާލެއިން އެއްވެސް މިލްކުވެރިކަމެއް ނުވަތަ ހިއްސާއެއް ނުހޯދޭނެ ކަމަށެވެ.
  • މީގެ އިތުރުން، ބިން ގަންނަ ފަރާތްތަކުން އެމީހުންގެ ހުރިހާ ގައުމިއްޔަތުތަކެއް ހާމަކުރަންޖެހޭނެ ކަމަށާއި،
  • މައުލޫމާތު ވަންހަނާކޮށްފިނަމަ އެއްބަސްވުން ބާތިލުކޮށް ދައުލަތަށް މުދާ ނަގާނެ ކަމަށް ވިދާޅުވިއެވެ.
  • ބޭރުގެ އެއްވެސް ފަރާތަކަށް ދާއިމީ ރައްޔިތުކަން ނުދޭނެ ކަމަށާއި، ބިމުގެ މިލްކުވެރިކަން އަބަދުވެސް ދިވެހިންނަށް ހާއްސަވާނެ ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫއާ ގުޅިގެން ޤާނޫނީ އަދި ދީނީ އިލްމުވެރިންގެ ފަރާތުން ކަންބޮޑުވުންތައް ފާޅުކުރަމުންދާއިރު، ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ކޯޓުގެ ރަޖިސްޓްރާ ވަނީ އާދީއްތަދުވަހު ބާތިލުކުރައްވާފައެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެހެއިޚް އާދަމް ނިޝާން ވަނީ ބޮޑު ބިމެއް ބޭރުގެ ކުންފުންޏަކަށް ދޫކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްލާމީ ވަހުދަތަށް ލިބޭނެ ނުރައްކަލެއް ކަމަށް ވިދާޅުވެ އިންޒާރުދެއްވާފައެވެ. މި މައްސަލައާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސަރަހައްދާއި އިމްތިޔާޒުތައް ހިމާޔަތްކުރުމުގައި ސަރުކާރުން އެއްވެސް ދުލެއް ނުދޭނެ ކަމަށާއި، މި މަޝްރޫއަކީ އިގްތިސާދީ ކުރިއެރުމަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ހިއްސާ ކުރައްވާ!