ކުޑަކުދިންނަށް ގެއްލުންވާގޮތަށް ޗެޓްޖީޕީޓީ ބައްޓަންކޮށްފައިވާތީ ދައުވާކޮށްފި

ކުޑަކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ ގެއްލުން ލިބޭފަދަ ކަންކަމަށް މަގުފަހިވާގޮތަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް "ޗެޓްޖީޕީޓީ" ބައްޓަންކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެމެރިކާގެ ކެންސަސްއާއި އިތުރު ހަ ސްޓޭޓަކުން އޯޕަންއައި ކުންފުންޏާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އެމެރިކާގެ އެކި ކަންކޮޅުތަކުގެ ސްޓޭޓް ކޯޓުތަކަށް ހުށަހަޅާފައިވާ މި މައްސަލަތަކުގައި، ކުޑަކުދިން އަމިއްލަ ނަފްސަށް ގެއްލުންދިނުމަށާއި އެހެން މީހުންނަށް އަނިޔާކުރުމަށް ޗެޓްޖީޕީޓީން ހިތްވަރުދީ، އެކަމަށް މަގުފަހިކޮށްދީފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި މިފަދަ ނުރައްކާތެރި ކަންކަމުން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި، ކުޑަކުދިންނަށްޓަކައި ޗެޓްޖީޕީޓީ މަސައްކަތްކުރާގޮތް ބަދަލުކުރުމަށް އޯޕަންއައިގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެ ސްޓޭޓްތަކުން ވަނީ އެދިފައެވެ. މީގެ އިތުރުން، ޒުވާން އަދި ޅަ އުމުރުގެ ޔޫޒަރުންގެ ކިބައިން އެ ކުންފުންޏަށް ލިބިފައިވާ މާލީ މަންފާއާއި ފައިދާ ދޫކޮށްލަންޖެހޭގޮތަށް އަމުރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން، މިއަހަރުގެ ޖޫން މަހުގައި ފްލޮރިޑާގެ އެޓާނީ ޖެނެރަލް ވަނީ މިފަދަ ތުހުމަތުތަކާއެކު އޯޕަންއައިއާ ދެކޮޅަށް ފުރަތަމަ ފަހަރަށް ދައުވާ އުފުއްލަވާފައެވެ. މިހާރުވެސް އެ ކުންފުންޏަށް އަމާޒުވާ ފާޑުކިޔުންތަކުގެ ތެރޭގައި، އެކި ހަމަނުޖެހުންތަކާއި އަނިޔާވެރި އަމަލުތައް ހިންގުމުގައި ޗެޓްޖީޕީޓީގެ އެހީތެރިކަން ލިބިފައިވާ ކަމަށް ބުނެ އެކި ފަރާތްތަކުން ހުށަހަޅާފައިވާ އެއް ދޮޅަސް ދައުވާތައް ހިމެނެއެވެ.

ޓެކްނޮލޮޖީގެ ސިނާއަތުގައި އޭއައި ޚިދުމަތްތައް ހަލުވިކަމާއެކު ފުޅާވަމުންދާ މި ދަނޑިވަޅުގައި، ޑިޖިޓަލް މާހައުލުގައި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ މެދު ސިޔާސީ އަދި ޤާނޫނީ މައިދާނުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ޚާއްސަކޮށް، ޒުވާން ޖީލުގެ ނަފްސާނީ ދުޅަހެޔޮކަމަށް އޭއައި ނިޒާމުތަކުގެ ސަބަބުން ކުރަމުންދާ ނޭދެވޭ އަސަރުތަކާމެދު ކަމާބެހޭ އިދާރާތަކުން އަންނަނީ ފާރަވެރިވަމުންނެވެ.

ހިއްސާ ކުރައްވާ!