އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގައި ޓްރަމްޕަށް ނުހޮރޮއްޕާން ކުރާ ކޮންގްރެސް މެންބަރު އިލްހާން ޢުމަރުގެ ގެކޮޅަށް ފެޑެރަލް އޭޖެންޓުން ވަދެ ހިންގި ތަހުގީގަކީ އެކަމަނާގެ އެމެރިކާ ރައްޔިތުކަން ނިގުޅައި ގަނެ ގައުމުން އަރުވާލުމުގެ މަގުސަދުގައި ހިންގާ ތަހުގީގެއް ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އައިސް ގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްގެ އޭޖެންޓުން އިލްހާންގެ އަމިއްލަ ފޯނު އަތުލައި ގަނެ އޭނާގެ އާއިލާއިން 1990 ގެ އަހަރުތަކުގެ މެދުތެރޭގައި ރެފިއުޖީންގެ ގޮތުގައި އެމެރިކާއަށް އެތެރެވުމަށާއި ސިޓިޒަންޝިޕް ހޯދުމަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ ތަހުގީގު ފަށާފައި ވެއެވެ.
ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެ ހިންގާ މި ބަލައިފާސްކުރުމަކީ އިމިގްރޭޝަންގެ ލިޔެކިޔުންތަކުގައި މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ މައްޗަށް ބިނާކޮށްފައިވާ ކަމެކެވެ. މީގެއިތުރުން، ފެޑެރަލް ޕްރޮސެކިއުޓަރުން ވަނީ އިލްހާންގެ އާއިލީ ބޭފުޅުންނަށް ޗިޓް ފޮނުއްވައި، ތަހުގީގަށް ގެންނަން ފަށާފައެވެ.
ސޮމާލިއާއަށް އުފަން އިލްހާން ޢުމަރުއެމެރިކާގެ ސިޓިޒަންޝިޕް ހޯއްދެވީ 2000 ވަނަ އަހަރު އެވެ.
މިއީ އިސްލާމޯފޯބިއާއަށް ހިތްވަރުދޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިދިކޮޅު މުސްލިމު ސިޔާސީ ފަރާތްތަކަށް ބިރުދެއްކުމަށްޓަކައި ހިންގާ އަމަލެއްގެ ގޮތުގައި އިލްހާން ވަނީ ސިފަކުރައްވާފައެވެ.
އެމެރިކާގެ އަދުލު އިންސާފުގެ ވުޒާރާއިން މި މައްސަލައިގެ ވަކި ތަފްސީލެއް ދިނުމަށް އިންކާރު ކޮށްފައެވެ. ނަމަވެސް، އެ އިދާރާއިން ބުނީ އެމެރިކާގެ ސިޓިޒަންޝިޕް ލިބެންޖެހޭނީ ގާނޫނީ ގޮތުން ސައްހަ މަގުން ކަމަށާއި، ދޮގު މައުލޫމާތު ދީގެން ހޯދާފައިވާ ރައްޔިތުކަން ބާތިލުކުރުމުގެ މައްސަލަތައް ސަރުކާރުން ތަހުގީގުކުރާނެ ކަމަށެވެ.
ޓްރަމްޕްގެ އަންހެނުން ވެސް ގަވާއިދާ ޚިލާފަށް ރަށްވެހިމަން ހޯދާފައިވާ ކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް އޭނާއާ ދެކޮޅަށް މައްސަލަ ބެލުމެއް ނުވެއެވެ.
ދައުރުގ ެމެދުން ބާއްވާ އިންތިޚާބަށް އެންމެ ތިން ހަފުތާއަށް ވެފައިވަނިކޮށް، ކޮންގްރެސްގެ މެންބަރެއްގެ މައްޗަށް މިފަދަ ތަހުގީގެއް ހިންގުމުން ސިޔާސީ މައިދާން ވަނީ ނުތަނަވަސް ވެފައެވެ. އެމެރިކާގެ ގާނޫނުއަސާސީގެ ދަށުން ކޮންގްރެސް މެންބަރުންގެ ގާނޫނީ މަސައްކަތްތަކާ ގުޅޭ ލިޔެކިޔުންތައް ތަހުގީގީ އިދާރާތަކަށް ބެލުމުގެ ހައްގެއް ނުލިބެއެވެ. އެފަދަ މަޢުލޫމާތުތައް ރައްކާތެރިކުރުމަށް ކޯޓުން ވަނީ ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައެވެ.




