ސަލާމަތީ އިންތިޒާމުތައް ވަރުގަދަކުރުމަށް އިރާގުން އިރާނާއެކު އޮންނަ ބޯޑަރު ބަންދުކޮށްފި

އިރާގާއި އިރާނާ ދެމެދު ދަތުރުފަތުރާއި ވިޔަފާރީގެ މުއާމަލާތްތައް ހިންގާ މައި ސަރަހައްދީ ރަސްމީ ބޯޑަރު "އަލްޝީބު" ހުރަސްކުރުމަށް އޮން ދޮރާށި ބުދަ ދުވަހުން ފެށިގެން ވަގުތީ ގޮތުން ބަންދުކޮށްފިއެވެ. އިރާގުގެ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ އެ ސަރަހައްދުގެ ސަލާމަތީ އިންތިޒާމުތަކާއި ފިޔަވަޅުތައް އަލުން މުރާޖައާކުރުމުގެ ގޮތުން ކަމަށް މަސްދަރުތަކުން މައުލޫމާތުދެއެވެ.

ރޮއިޓާސް ނޫސް އޭޖެންސީން މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އަލްޝީބު ބޯޑަރު ބަންދުކޮށްފައިވަނީ ދަތުރުވެރިންނާއި، އަމިއްލަ އުޅަނދުފަހަރާއި އަދި ވިޔަފާރި މުދާ އުފުލާ ބޮޑެތި ޓްރަކްތަކަށްވެސް ނު ވަދެވޭ ގޮތަށެވެ. އަދި ވަކި ގޮތެއް އަންގަންދެން މި ބޯޑަރު އޮންނާނީ މުޅިން ބަންދުކޮށްފައެވެ.

އިރާގުގެ ބޯޑަރު ކަންކަމާ ބެހޭ އިސް އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން  ބުނެފައިވަނީ، އަލްޝީބު ބޯޑަރުގައި މިހާރު ގާއިމުކޮށްފައިވާ ސަލާމަތީ ފިޔަވަޅުތަކަކީ އެކަށީގެންވާ ވަރަށްވުރެ ދަށް އަދި ނިކަމެތި ފިޔަވަޅުތަކެއް ކަމަށެވެ. ސަރަހައްދީ މަސްރަހު ނުކުރެވޭ ހާލަތެއްގައި އޮތުމާއި، ބޯޑަރު ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަލުން ސަލާމަތީ ސްޓްރެޓެޖީ މުރާޖައާކޮށް، ސިފައިންނާއި އިންޓެލިޖެންސްގެ އިންތިޒާމުތައް ވަރުގަދަކުރަން ޖެހިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަލްޝީބު ބޯޑަރަކީ އިރާގާއި އިރާނާ ދެމެދު އާންމު ރައްޔިތުން ދަތުރުފަތުރުކުރުމަށާއި، ދެ ގައުމުގެ މެދުގައި ބޮޑެތި އަދަދުތަކުން މުދާ ބަދަލުކުރުމަށް ބޭނުންކުރާ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް މައުބަރެވެ. މި ބޯޑަރު ކުއްލި ގޮތަކަށް ބަންދުކުރުމާ ގުޅިގެން ވިޔަފާރި މުދާ އުފުލާ ގިނަ އަދަދެއްގެ އުޅަނދުތައް ވަނީ ބޯޑަރުގެ ދެފަރާތުގައި ތާށިވެފައެވެ.

ހިއްސާ ކުރައްވާ!