މިސްރުގެ ހަތް ހޮސްޕިޓަލަކަށް ބައިނަލްއަގުވާމީ ސްޓްރޯކް ކެއަރގެ އެންމެ މަތީ ޝަރަފު

މިސްރުގެ ހެލްތް އޮތޯރިޓީ (އީ.އެޗް.އޭ) ގެ ދަށުން ހިންގާ ހަތް ހޮސްޕިޓަލަކުން ބައިނަލްއަގުވާމީ ފެންވަރުގައި ދެވޭ "ސްޓްރޯކް ކެއަރ" ފަރުވާދިނުމުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "ޑައިމަންޑް ސްޓޭޓަސް" ހޯދައިފިއެވެ. މިއީ ޔޫރޯޕިއަން ސްޓްރޯކް އޯގަނައިޒޭޝަން (އީ.އެސް.އޯ) އާއި ވޯލްޑް ސްޓްރޯކް އޯގަނައިޒޭޝަން (ޑަބްލިއު.އެސް.އޯ) ގުޅިގެން ދޭ ބައިނަލްއަގުވާމީ އެވޯޑެކެވެ.

އީ.އެޗް.އޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހޮސްޕިޓަލްތަކަށް މި ޝަރަފު ލިބިގެންދިޔައީ އެ ތަންތަނުން ޤާއިމުކޮށްފައިވާ "ސްޓްރޯކް ކޯޑު" ކުއްލި ފަރުވާގެ ޚާއްސަ އުސޫލުގެ ސަބަބުން ކަމަށެވެ. މި ޕްރޮޓޮކޯލްގެ ދަށުން ބަލިމީހާ ހޮސްޕިޓަލަށް ގެންނާތާ އެވްރެޖްކޮށް 44 މިނެޓުގެ ތެރޭގައި ފަރުވާ ފެށޭނެ ނިޒާމެއް ވަނީ ހަމަޖައްސާފައެވެ. މީގެ ސަބަބުން ބަލީގެ ނުރައްކާ ކުޑަކޮށް، ބަލިމީހުންގެ ހާލަތު ރަނގަޅުވުމަށް އެހީތެރިކަމެއް ލިބިގެންދެއެވެ.

މި އެވޯޑު ލިބުނު ހޮސްޕިޓަލްތަކުގެ ތެރޭގައި އިސްމާއީލިއާ މެޑިކަލް ކޮމްޕްލެކްސް، އަދި ޕޯޓް ސައީދުގެ އައްސަލާމް ހޮސްޕިޓަލް، އަދި ތީބާ ސްޕެޝަލައިޒްޑް ހޮސްޕިޓަލް، އަދި ޝަރްމު އްޝެއިޚް އިންޓަރނޭޝަނަލް ހޮސްޕިޓަލް، އަދި އަޤްސަރުގެ އިންޓަރނޭޝަނަލް މެޑިކަލް ކޮމްޕްލެކްސް، އަދި ކަރްނަކް އިންޓަރނޭޝަނަލް ހޮސްޕިޓަލް އަދި ހޯރަސް ސްޕެޝަލައިޒްޑް ހޮސްޕިޓަލް ހިމެނެއެވެ.

މީގެ ތެރެއިން ތީބާ ހޮސްޕިޓަލަށް ފާއިތުވި މޭ މަހު "ގޯލްޑް ސްޓޭޓަސް" ލިބިފައިވާއިރު، އިސްމާއީލިއާ މެޑިކަލް ކޮމްޕްލެކްސް އިން ވަނީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގައިވެސް "ޑައިމަންޑް ސްޓޭޓަސް" ހޯދާފައެވެ.

އެތަންތަނުގެ ފެންވަރު ވަޒަންކުރުމުގައި ބަލާފައިވާ މައިގަނޑު މިންގަނޑުތަކުގެ ތެރޭގައި ބަލި ދެނެގަތުމާއި ފަރުވާދިނުމުގެ އަވަސްމިނާއި، ކްލިނިކަލް ޕްރޮޓޮކޯލްތަކަށް އަމަލުކުރާ މިންވަރާއި، ޚިދުމަތުގެ ފެންވަރާއި، ތެދު މައުލޫމާތު ރެކޯޑުކުރުމުގެ އިތުރުން މަސައްކަތުގެ ފެންވަރާއި ފާރަވެރިވެ ބެލެހެއްޓުންތރިކަމަށް ބެލުން ހިމެނެއެވެ.

"ސްޓްރޯކް ކޯޑު" ގެ ދަށުން ކުއްލި ފަރުވާގެ މަގު ހުޅުވި، ޚާއްސަ މެޑިކަލް ޓީމުތައް ވަގުތުން ހަރަކާތްތެރިވާން ފަށައެވެ.

އީ.އެޗް.އޭ އިން ފާހަގަކުރި ގޮތުގައި، މި ކާމިޔާބީއަކީ މެޑިކަލް ޓީމުތަކާއި، ނަރުހުންނާއި، އެޑްމިނިސްޓްރޭޓިވް ސްޓާފުންގެ އިތުރުން ކުއްލި ފަރުވާއާއި ފެންވަރު ކަށަވަރުކުރާ ޓީމުތަކުން ކުރާ ބުރަ މަސައްކަތުގެ ނަތީޖާއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޕްރޮޓޮކޯލް އިތުރު ހޮސްޕިޓަލްތަކަށް ފުޅާކޮށް، ރޭޑިއޮލޮޖީއާއި ލެބޯޓްރީގެ ޚިދުމަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ ނިންމާފައެވެ.

މިސްރުގެ 27 ޕްރޮވިންސެއްގައި ސްޓްރޯކަށް ފަރުވާދޭ 206 ޚާއްސަ ޔުނިޓު މިހާރު އަންނަނީ ހިންގަމުންނެވެ. މި އަދަދު 440 އަށް އިތުރުކުރުމަކީ އެ ޤައުމުގެ އަމާޒެކެވެ.

މި ހުރިހާ ހޮސްޕިޓަލަކީވެސް މިސްރުގެ އާންމު ސިއްހީ ފަރުވާގެ ނިޒާމު (ޔޫ.އެޗް.އައި.އެސް) ގެ ދަށުން ހިންގާ ތަންތަނެވެ. އެގޮތުން، 2026 ވަނަ އަހަރުގެ ފުރަތަމަ ބައިގައި އެކަނިވެސް އިސްމާއީލިއާގެ 1.27 މިލިއަން މީހުންނަށް މި ނިޒާމުގެ ދަށުން ޚިދުމަތް ފޯރުކޮށްދީ، 18,700 އަށްވުރެ ގިނަ އޮޕަރޭޝަން ވަނީ ކޮށްފައެވެ. އަދި ސައުތު ސީނާގައި އާބާދީގެ 92.4 އިންސައްތަ މީހުންނަށް ސިއްހީ ރައްކާތެރިކަން ވަނީ ލިބިފައެވެ.

ހިއްސާ ކުރައްވާ!