ވެރިމީހާ ގެންނަ ބަދަލު ރައްޔިތުންނަށް ފެންނަ ހިނދު…

މިސްރުގެ ކަދުރު އެކްސްޕޯޓް އިތުރު، ބައިނަލްއަގުވާމީ މައިދާނުގައި ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.

ސަހަރާގެ ހަނަފަސް ބިންތައް އުފެއްދުންތެރި ދަނޑުވެރިކަމުގެ ބިންތަކަކަށް ބަދަލުކުރުމަށް މިސްރުގެ ސަރުކާރުން ފެއްޓި ސްޓްރެޓެޖީގެ ދަށުން ހިންގި ބިޔަ މަޝްރޫއާއެކު، އެ ގައުމުގެ ކަދުރު އެކްސްޕޯޓް ރެކޯޑް މިންވަރަކަށް އިތުރުވެއްޖެއެވެ. މީގެ އަހަރުތަކެއް ކުރިން މި މަޝްރޫއަށް ފާޑުކިޔައި މީހުން މަލާމާތްކުރި ސީދީ ރައީސަކީ ކަދުރު ރައީސް އޭ ކިޔަމުންނެވެ. ނަމަވެސް، މިއަދު ފެންނަމުންދަނީ އެ ސިޔާސަތުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ލިބެމުންދާ ބޮޑު ކުރިއެރުމާއި އިތުބާރެވެ.

ރަސްމީ ތަފާސްހިސާބުތައް ދައްކާގޮތުން، މިސްރުގެ ކަދުރު އެކްސްޕޯޓްގެ އަގު 2024 ވަނަ އަހަރު ހުރީ 105 މިލިއަން ޑޮލަރުގައެވެ. ނަމަވެސް 2025 ވަނަ އަހަރު މި އަދަދު ވަނީ 162 މިލިއަން ޑޮލަރަށް އުފުލިފައެވެ. އަދި އެކްސްޕޯޓްކުރި މިންވަރު 112 ހާސް ޓަނަށް އަރުވައި، ދުނިޔޭގެ އެންމެ ގިނައިން ކަދުރު އެކްސްޕޯޓްކުރާ ގައުމުތަކުގެ ލިސްޓުގެ 12 ވަނައިގައި އޮތް މިސްރު ވަނީ ދުނިޔޭގެ 4 ވަނަ ރޭންކަށް ކުރިއަށްޖެހިލާފައެވެ.

މި ކާމިޔާބީގެ ފަހަތުގައިވަނީ 2018 ވަނަ އަހަރު ސީސީގެ ސަރުކާރުން ފެއްޓެވި 2.5 މިލިއަން ކަދުރުގަސް އިންދުމުގެ ބިޔަ މަޝްރޫއެވެ. ސަހަރާގެ ބިންތައް ފެހިކޮށް، ދުނިޔޭގެ ބާޒާރުގައި ކަދުރުގެ ޑިމާންޑް ބޮޑުވުމުގެ ފައިދާ ނެގުމަށް އަމާޒުކޮށްގެން ފެއްޓި މި މަޝްރޫއުއަކީ ޚަރަދު ކުޑަ އަދި އޭގެ ބަދަލުގައި ބޮޑު އާމްދަނީއެއް ލިބޭނެ ސްޓްރެޓެޖީއެއް ކަމަށް މިހާރު އިގްތިސާދީ މާހިރުން ފާހަގަކުރެއެވެ.

ނަމަވެސް މަޝްރޫއު ފެއްޓިއިރު ސިޔާސީ ބައެއް ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުން ވަނީ މިކަމަށް ފާޑުކިޔައި، މީސް މީޑިއާގައި މަލާމާތްކޮށްފައެވެ. މާހިރުން ބުނާގޮތުގައި މިހާރު މި ފެންނަނީ އެކަމަކި ގައުމުގެ ކުރިމަގަށްޓަކައި އެޅުނު ސައްހަ ފިޔަވަޅެއްގެ ނަތީޖާއެއް ކަމަށެވެ. އަދި ކަދުރު ރުށްތަކުން އަދިވެސް އެންމެ ފުރިހަމަ މޭވާ ލިބެން ފަށާފައިނުވާތީ، ކުރިއަށް އޮތް ތަނުގައި މިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު އިތުރަށް ބޮޑުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ހިއްސާ ކުރައްވާ!