Tukaram Mundhe
Tukaram Mundhe

ޤާނޫނު ތަންފީޒުކުރުމުގައި ފަސްނުޖެހި މަސައްކަތްކުރައްވާ ތުކާރާމް މުންޑޭގެ ޚިދުމަތް

އިންޑިއާގެ މުމްބައިގައި ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފަސްޖެހުމެއް ނެތި ޤާނޫނު ތަންފީޒުކުރައްވަމުން ގެންދަވާ އައި.އޭ.އެސް އޮފިސަރު ތުކާރާމް މުންޑޭ، އަޅުއްވަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މީޑިއާގެ ބޮޑު ސަމާލުކަމެއް އޭނާއަށް ލިބިއްޖެއެވެ. ކާނާ އުފެއްދުމުގައި ހިންގާ ބޮޑެތި ވިޔަފާރިތަކާއި ކުންފުނިތަކުން ހިންގާ ނޭދެވޭ އަމަލުތަކާ ދެކޮޅަށް އޭނާ ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކަކީ މުޅި އިންޑިއާގައި މިހާރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައެވެ.

ނިއުޔޯކް ޓައިމްސްއިން ވަނީ އޭނާގެ ވާހަކަ ރިޕޯޓް ކޮށްފައެވެ.

ފާއިތުވި 20 އަހަރު ދުވަހު ސަރުކާރުގެ ވަޒީފާގައި 25 ފަހަރަށް އޭނާގެ ވަޒީފާ ބަދަލުކޮށްފައިވާ ތުކާރާމް މުންޑޭ ވިދާޅުވެއެވެ. މިހާރު އޭނާ ހުންނެވީ މަހަރާސްޓްރާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ) ގެ ކޮމިޝަނަރުގެ މަގާމުގައެވެ. އޭނާގެ މަސައްކަތްތަކާ ގުޅޭގޮތުން ބައިނަލްއަގުވާމީ ނޫސްތަކުން ފާހަގަކުރާ ގޮތުގައި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ ބޮޑެތި ރެސްޓޯރެންޓް ޗޭނުތަކާއި ކުންފުނިތައް ހުއްޓުވުމުގައި އޭނާ ވަނީ ފަސްޖެހިވަޑައިނުގެން ފިޔަވަޅު އަޅުއްވާފެވެ. މީގެ އިތުރުން، ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ކަމަށްވާ ޝާހްރުޚް ޚާން، އަޖޭ ދެވްގަން އަދި ޓައިގަރ ޝްރޮފް ފަދަ ފަރާތްތަކުން ސިއްހަތަށް ގެއްލުންހުރި ތަކެތި އިސްތިހާރުކުރުމާ ގުޅިގެން އެ ފަރާތްތަކަށް ވެސް އޭނާ ވަނީ ރަސްމީ ނޯޓިސްތައް ފޮނުވާފައެވެ.

މިފަދަ ހަރުދަނާ ޝަޚުސިއްޔަތެއް ބިނާވެގެން އައިގޮތުގެ ފަހަތުގައިވަނީ އާދަޔާޚިލާފު ބުރަ މަސައްކަތްތަކަކާއި އާއިލީ ގުރުބާނީތަކެކެވެ. އިންޑިއާގެ މަހަރާސްޓްރާގެ ފަގީރު ސަރަހައްދެއް ކަމަށްވާ ތަޅްސޯނާ އަވަށުގައި އުފަންވެވަޑައިގެންނެވި ތުކާރާމް މުންޑޭގެ ޢާއިލާއަކީ ވަރަށް ނިކަމެތި ދަނޑުވެރި އާއިލާއެކެވެ. ޅަފަތުގެ ދުވަސްވަރު ކަރަންޓުގެ ޚިދުމަތް ލިބެން ނުހުރެއެވެ. ކަރަންޓު ރޭގަނޑުގެ ވަގުތުތަކުގައި އަންނަ އިރު ދަނޑަށް ފެންދިނުމަށްޓަކައި އޭނާއާއި އޭނާގެ އާއިލާ ފަންވަރު މަސައްކަތް ކުރަންޖެހުނެވެ. މިފަދަ ދަތި ހާލަތުގައި ހުންނަވައިގެން ތުކާރާމް މުންޑޭ ނިންމެވީ ކިޔަވައިގެން އާއިލާގެ ހާލަތު ބަދަލުކުރުމަށެވެ.

މި މަގުފަހިކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ އޭނާގެ ދޮށީ ބޭބެ އެވެ. އެއީ އާއިލާގެ އެންމެ ފުރަތަމަ ކިޔަވައިގެން ސަރުކާރުގެ އޮފިސަރު ކަމަށް ވަން އަޝޯކެވެ. ފަގީރުކަމުގެ ތެރެއިން ތަޢުލީމު ހޯއްދަވައިގެން މަހަރާސްޓްރާ ޕަބްލިކް ސަރވިސް ކޮމިޝަން (އެމް.ޕީ.އެސް.ސީ) ގެ އިމްތިޙާން ކާމިޔާބުކުރެއްވި އަޝޯކަކީ ތުކާރާމްގެ ހަޔާތުގެ އެންމެ ބޮޑު ހީރޯއެވެ.

އޭގެ ފަހުން، 2004 ވަނަ އަހަރު އިންޑިއަން އެޑްމިނިސްޓްރޭޓިވް ސަރވިސް (އައި.އޭ.އެސް) ގެ އިމްތިޙާނުން މަތީ ވަނައެއް ހޯއްދަވައިގެން ތުކާރާމް ވަނީ ޤައުމީ ފެންވަރުގައި ޚިދުމަތަކަށް ނުކުމެވަޑައިގެންފައެވެ.

މިއަދު މުންޑޭއަކީ މުޅި އިންޑިއާގައި ނަން މަޝްހޫރުވެފައިވާ ޝަހުސިއްޔަތެކެވެ.

ހިއްސާ ކުރައްވާ!