ރޭގަނޑުގެ ވަގުތުގައި ބިންމައްޗަށް އަލިކަން ފޯރުކޮށްދިނުމުގެ އާ ޚިދުމަތެއް ތައާރަފް ކުރުމުގެ މަޤުޞަދުގައި، އެމެރިކާގެ ސްޓާޓްއަޕް ކުންފުންޏެއް ކަމަށްވާ "ރިފްލެކްޓް އޯބިޓަލް" އިން އިންޑިއާގެ ޖައްވީ ކުންފުންޏެއް ކަމަށްވާ "ސްކައިރޫޓް އެއަރޮސްޕޭސް" އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ޖައްވުން އިރުގެ އަލިކަން ރޭގަނޑުގެ ވަގުތުގައި ކަނޑައެޅޭ ވަކި ސަރަޙައްދުތަކަށް ރިފްލެކްޓްކޮށްގެން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިކަމަށް ރިޕޯޓުތައް ބުނެއެވެ.
ކެލިފޯނިއާއަށް ނިސްބަތްވާ މި ކުންފުނިން ރާވާފައިވާ ގޮތުން ދުނިޔޭގެ ތިރީ މަދާރުގައި ބޮޑެތި ލޯގަނޑުތައް ހަރުކޮށްގެން، އިރު އޮއްސުމަށްފަހުވެސް ސޯލާ ފާމްތަކަށް އަލިކަން ފޯރުކޮށްދީ އެތަންތަނުން ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ދެމެހެއްޓުމާއި، އަދި ކުއްލި ހާލަތްތަކުގައި ހިންގާ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް އެހީތެރިވުމަށް މި ޚިދުމަތް ބޭނުން ކުރެވޭނެއެވެ. މި މަޤުޞަދުގައި އިންޑިއާގެ ހައިދަރާބާދުގައި ޤާއިމުކޮށްފައިވާ ސްކައިރޫޓް ކުންފުނީގެ "ވިކްރަމް" ރޮކެޓްތައް މެދުވެރިކޮށް އެކަމާ ގުޅޭ ދެ ސެޓެލައިޓް ލޯންޗު ކުރުމަށް ވަނީ ރޭވިފައެވެ.
ނަމަވެސް، ޖައްވުން ބިންމައްޗަށް އަލި ރައްދުކުރުމުގެ މި އައުޓެކްނޮލޮޖީއާ ގުޅޭގޮތުން ތިމާވެށީގެ މާހިރުންނާއި، ޢާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ޖައްވުން ރައްދުވާ އަލިގަދަ ދޯދިތަކުގެ ސަބަބުން ރޭގަނޑުގެ ގުދުރަތީ އަނދިރިކަމަށް ބުރޫއަރައި، ތިމާވެށްޓަށާއި ތަރިތަކާ ބެހޭ ދިރާސާތަކަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ސައިންސްވެރިން އިންޒާރުދެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރިފްލެކްޓް އޯބިޓަލް ކުންފުނީގެ އޮފިޝަލުން ވިދާޅުވީ، މި ޚިދުމަތް ފޯރުކޮށް ދޭނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަތައް ހޯދައިގެން، ވަކި އުސޫލުތަކެއްގެ މަތިން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސޯލާ ހަކަތައިގެ ސިނާއަތަށް ބޮޑު އިންޤިލާބެއް އަންނާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.







