މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވި ގޮތުގައި، އިސްތިއުމާރީ ނުފޫޒުން މިނިވަންވި ދުނިޔޭގެ ދެކުނުގެ ގައުމުތަކުން ވިސްނި އުންމީދީ މިސްރާބު، ބޮޑެތި ބާރުތަކުގެ ވާދަވެރިކަމުގެ ތެރެއަށް ގެނބި، އުންމީދުތައް ވަނީ ފަނޑުހވެފައެވެ. ނަމަވެސް، އެ ރޫހު އާ ސިފައެއްގައި އަލުން އާލާވަމުން އަންނަ ކަމަށާއި، ބޮޑެތި ބާރުތަކުގެ ނުފޫޒާ ދެކޮޅަށް ގައުމުތަކުން އަޑުއުފުލަންޖެހޭ ކަމަށް އަންވަރު ފާހަގަކުރެއްވިއެވެ.
އަލްޖަޒީރާ އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި، ނޫސްވެރިޔާ ސްރީނިވާސަން ޖައިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަންވަރު ވިދާޅުވީ، 20 ވަނަ ގަރުނުގެ މެދުތެރޭގައި އިންޑިއާގެ ޖަވާހަރްލާލް ނެހްރޫ، އިންޑޮނޭޝިޔާގެ ސުކާރުނޯ، ޗައިނާގެ ޝޫ އެންލައި އަދި ގާނާގެ ކުވާމޭ ނިކްރޫމާ ފަދަ ޒައީމުން އިސްނަންގަވައިގެން ފެއްޓެވި ހަރަކާތްތަކަކީ މުސްތަގުބަލަށް އޮތް ބޮޑު އުންމީދެއް ކަމަށެވެ. އެހެންނަމަވެސް، އެ އުންމީދުތައް ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ސިޔާސީ އޮއިވަރުގެ ތެރެއަށް "ދިރުވާލެވުނީ" ކަމަށް ސިފަކުރެއްވިއެވެ.
އަންވަރު އިޝާރާތް ކުރެއްވި ޒައީމުންނަކީ 1955 ވަނަ އަހަރުގެ ބަންޑުން ކޮންފަރެންސާއި ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނެވެ. އެ ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ފިނިހަނގުރާމައިގެ ދުވަސްވަރު ސުޕަޕާވަރުތަކުގެ ފަހަތަށް އަރައިގަތުމުގެ ބަދަލުގައި، މިނިވަންވި އޭޝިއާ އަދި އެފްރިކާގެ ގައުމުތަކަށް އަމިއްލަ ސިޔާސަތެއް ބައްޓަންކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.
އިންޓަވިއުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވީ، އެމެރިކާ، ޗައިނާ އަދި ރަޝިޔާ ފަދަ ބޮޑެތި ބާރުތަކާއެކު ވިޔަފާރީގެ ގުޅުން ބެހެއްޓުމަކީ، އެ ގައުމުތަކުން ހިންގާ ބޭއިންސާފު އަމަލުތަކަށް ހިމޭނުން ތިބެންޖެހޭ ސަބަބެއް ނޫން ކަމަށެވެ. މެލޭޝިޔާއަކީ ހުރިހާ ގައުމަކާއެކުވެސް ވިޔަފާރިކުރާ، އަމިއްލަ މިނިވަން ހާރިޖީ ސިޔާސަތެއް ގެންގުޅޭ ގައުމެއް ކަމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ހިނގާ ނުބައި އަމަލުތަކާ ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށް އަންވަރު ވިދާޅުވިއެވެ.
އަދި އެކަން ހާސިލުކުރުމަށްޓަކައި އާސިއާން ބްރިކްސް އަދި ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން ފަދަ ޖަމާއަތްތައް މެދުވެރިކޮށް ދުނިޔޭގެ ދެކުނުގެ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ވަރުގަދަކުރަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އިންޓަވިއުގައި ތައިވާނުގެ މައްސަލައާ މެދު ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، މެލޭޝިޔާއިން "ވަން ޗައިނާ" ސިޔާސަތަށް ތާއީދުކުރާކަން އަންވަރު ކަށަވަރުކޮށްދެއްވިއެވެ. އަދި ގައުމެއްގެ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ގުޅޭގޮތުން ކުރެއްވި ބައެއް ސުއާލާ ގުޅިގެން، ތައިވާނުގެ ހާރިޖީ ވުޒާރާއިން ވަނީ އެ ވާހަކަތަކާ ދެކޮޅުހަދައި، އެފަދަ ވިސްނުންތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށާއި އިގްތިސާދީ ގުޅުންތަކަށް އަސަރުކޮށްފާނެ ކަމުގެ އިންޒާރު ދީފައެވެ.
ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކާއި އިގްތިސާދުގެ ބޮޑު ހިއްސާއެއް ތަމްސީލުކުރާ ދުނިޔޭގެ ދެކުނުގެ ގައުމުތަކުން، މިހާރު އަންނަނީ ބައިނަލްއަގުވާމީ އިދާރާތަކަށް އިސްލާހު ގެނައުމަށާއި، ބޮޑެތި ބާރުތަކުގެ ނުފޫޒުން ބޭރުގައި އަމިއްލަ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ.






