2015 ވަނަ އަހަރު ޗައިނާއިން ފެށި މޭޑް އިން ޗައިނާ 2025 ޕްރޮގްރާމްގެ މަގުސަދަކީ ހައިޓެކް ސިނާއަތްތަކުގައި ވެރިކަންކޮށް ދުނިޔޭގެ އިގްތިސާދީ ބާރުވެރިކަން ހޯދުމެވެ. މި އިސްނެގުމުގައި އާޓިފިޝަލް އިންޓެލިޖެންސް، އެޑްވާންސް ރޮބޮޓިކްސް، އަދި އިލެކްޓްރިކް ވެހިކަލްސް ފަދަ ދާއިރާތަކަށް ޗައިނާއިން އަމާޒު ހިފާފައިވެއެވެ.
2025 ވަނަ އަހަރުގެ ނިޔަލަށް %70 އުފެއްދުމުގައި އަމިއްލައަށް ބަރޯސާވުމާއި 2049 ވަނަ އަހަރުގެ ނިޔަލަށް ފުރިހަމައަށް ހުރިހައި އެއްޗެއްވެސް ޗައިނާގެ ބާރުގެ ދަށުގައި ބޭއްވުމަށް އަމާޒު ހިފާފައިވެއެވެ.
އެމެރިކާއާއި އެމެރިކާގެ އެކުވެރި ގައުމުތައް ހިމެނޭ ގޮތަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތު ކުރަނީ ޗައިނާގެ އަމާޒުތައް ހާސިލް ކުރުމަށްތަކައި މަޖުބޫރުކޮށްގެން ޓެކްނޮލޮޖީ ޓްރާންސްފާ ކުރުމާއި ފިކުރީ މުދާ ވަގަށް ނެގުމާއި ސައިބަރ ޖާސޫސު ކުރުން ފަދަ ނާއިންސާފު އުކުޅުތައް ބޭނުންކުރަމުންދާ ކަމަށެވެ.
އެކަމުގެ ރައްދުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބެއިޖިންގެ ހަރުކަށި ސްޓްރެޓެޖީއާ ދެކޮޅު ހަދަން އެމެރިކާގެ ޓެކް ކުންފުނިތައް ޗައިނާއިން އަނބުރައި ގެނައުމަށްޓަކައި އެކުންފުނިތަކުގެ އުފެއްދުންތަކަށް ޓެރިފް އިތުރަށް ނެގުމަށް ނިންމާފައެވެ.
ޗައިނާގެ ސަރުކާރުން އިސްނަގައިގެން އުފައްދާފައިވާ އިގްތިސާދީ މޮޑެލްއަށް މާކެޓް ލަންބާލައި، ސަބްސިޑީ ދިނުމާއި، އަދި އިތުރަށް އުފައްދައި މާކެޓްތަކަށް މުދާ އޮއްސާލާކަމަށް ތުހުމަތުތައް ކުރެވެއެވެ. އަދި އެކަމުގެ ސަބަބުން ދުނިޔޭގެ ވާދަވެރިކަމަށް ގެއްލުން ލިބޭ ކަމަށް ބުނެއެވެ.
އެމެރިކާއިން ހިންގާފައިވާ ތަހުގީގުތަކުގައި ޗައިނާއިން ބޭރުގެ ސިނާއަތްތައް ބަލިކަށިކޮށް، މުހިންމު ސަޕްލައި ޗޭންތައް ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް ވެސް އަލިއަޅުވާލާފައިވެ އެވެ.