ތިލަމާލެ ބްރިޖުގެ މަސައްކަތް ބެއްލެވުމަށް އިންޑިއާގެ އިސް ވަފުދެއް ޒިޔާރަތްކުރައްވައިފި

ތިލަމާލެ ބްރިޖުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް މޮނިޓަރ ކުރެއްވުމަށް އިންޑިއާ ސަރުކާރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ސުޖާ ކޭ މެނަން ރާއްޖެއަށް ޒިޔާރަތްކުރައްވައިފިއެވެ.

އިމާރާތްކުރުމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދަތުރުފުޅުގައި ސުޖާ ކޭ މެނަންއާއެކު ބްރިޖުގެ މަސައްކަތް ބައްލަވައިލެއްވުމުގައި އިމާރާތްކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދާއި، ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ޑރ. އިބްރާހީމް ޒުހުރީގެ އިތުރުން ޑެޕިއުޓީ މިނިސްޓަރ ޙަސަން ވިޞާލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި ބްރިޖުގެ މަސައްކަތް ކުރިއަށްދާ މިންވަރު ބެއްލެވުމުގެ އިތުރުން، މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ޒިޔާރަތްކުރެއްވި ވަފުދުގައި އެގްޒިމް ބޭންކް އޮފް އިންޑިއާގެ އިސްވެރިންނާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ އެފްކޮންސް އަދި ކޮންސަލްޓަންޓް ކުރުޕްގެ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ތިލަމާލެ ބްރިޖަކީ މާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް އެޅޭ ބްރިޖެކެވެ. މި މަޝްރޫޢުގެ މަސައްކަތް އަވަސް މިނެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!