އެމްޕީއެލްގެ ސީއީއޯ ކަމުން ވަޖީހު ވަކިކޮށްފި

އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ފުރުއްވަމުން ގެންދެވި މުހައްމަދު ވަޖީހު އިބްރާހީމް، އެ މަޤާމުން ދުރުކޮށްފިއެވެ. މި މަޢުލޫމާތު އާންމުކޮށްފައިވަނީ ޕީސީބީގެ ފަރާތުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ބަޔާންކޮށްފައިވަނީ ވަޖީހު، އެމްޑީކަމާއި ބޯޑު ޑިރެކްޓަރުކަމުގެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު 28 ގައި އެމްޑީގެ މަޤާމަށް އައްޔަންކުރެވުނު ވަޖީހު ވަކިކޮށްފައި މި ވަނީ، މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވަކިކުރިތާ ދުވަސްކޮޅެއް ތެރޭގައެވެ.

ފައިސަލްއަކީ މަޖިލިސް ރައީސް އަބްދުއްރަހީމްގެ ދަރިކަލުންނެވެ. އަދި ވަޖީހަކީވެސް އަބްދުއްރަހީމާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

ރައީސް މުޢިއްޒުގެ ވެރިކަމުގެ ފެށުމުގައި މައި ތަނބެއްގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް، ފުރަތަމަ ހުންނެވީ ރައީސްގެ މުޝީރެއްގެ ގޮތުގައި ވަޒީރު ފެންވަރުގައި ރައިސް އޮފީހުގައެވެ.

މަޖިލި ސްއިންތިޚާބު ކަމިޔާބު ކުރުމަށް ފަހު، ރައީސްގެ އެދިވަޑައިގަތުމުގެ މަތިން މަޖިލީހުގެ ރައީސްކަމަށް އަބްދުއްރަޙީމު ހޮވިއެވެ. ނަމަވެސް، މިހާރު ރައީސާއި އަބްދުއްރަހީމާ ދެމެދު އޮތް ގުޅުން ރަނގަޅު ނޫންކަން އަބްދުއްރަހީމް ވަނީ މީޑއާއަށް ދެއްވި އިންޓަވިއުއެއްގައި ހާމަކުރައްވާފައެވެ. މި ދެ ބޭފުޅުންގެ ސިޔާސީ ގުޅުން ފެށިގެން އައީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ޒަމާނުންނެވެ.

ހިއްސާ ކުރައްވާ!