67 މިލިއަން ޑޮލަރުގެ ބޯޓެއް މަނަވަރުން ކަނޑަށް ވެއްޓިއްޖެ

ރެޑް ސީގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރެއްގައި ޖައްސަން ދިޔަ އެފް18ގެ މަތިންދާބޯޓެއް އަނެއްކާވެސް ކަނޑަށް ވެއްޓިއްޖެއެވެ. މިއީ މިދިޔަ އަހަރު އެ މަނަވަރު އެމެރިކައިން ފުރި ފަހުން ދިމާވި އެފަދަ 4 ވަނަ ސުންޕާ ހާދިސާއެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައި ވަނީ "ގާތްގަނޑަކަށް 67 މިލިއަން ޑޮލަރުގެ އަގުހުރި އެމެރިކާގެ އެފް/އޭ-18އެފް ސުޕަ ހޯނެޓް ފައިޓަރ ޖެޓެއް އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ހެރީ އެސް ޓްރޫމަން އަށް ޖައްސަން އުޅުމުގެ ތެރޭގައި ނާކާމިޔާބުވެ ކަނޑަށް ވެއްޓިއްޖެ" ކަމަށެވެ.

މިއީ ޔަމަނަށް އުދުވާނީ ހަމަލަ ދޭން އެމެރިކާއިން ބޭނުން ކުރި އުޅަނދުތަކެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ "ބޯޓުގައި ތިބި ދެ ޕައިލެޓުން ސަލާމަތުން ބޭރުވެއްޖެ، އެމީހުން ކަނޑުން ނެގީ ހެލިކޮޕްޓަރުގައި. އެމީހުންނަށް ކުދިކުދި އަނިޔާތަކެއް ލިބިފައިވޭ" ކަމަށެވެ. އަދި މަނަވަރުގެ  ކޮމާންޑް ޑެކްގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.

އެމެރިކާގެ ދިފާއީ ވުޒާރާއިން ދަނީ މި މައްސަލަ ދިރާސާ ކުރަމުންނެވެ. މިފަހަކަށް އައިސް ހިނގަން ފަސާފައިވާ ބޯޓު ވެއްޓޭ އާދަޔާ ޚިލާފު ހާދިސާތަކަށް އެމެރިކާއަށް އަދި ޖަވާބެއް ހޯދިފައެއް ނުވެއެވެ.

އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ވެސް ހަމަ އެ މަނަވަރުން އެފް 18ގެ 67 މިލިއަން ޑޮލަރުގެ މަތިންދާ ބޯޓެއް ވެއްޓިފައި ވެއެވެ.

މިދިޔަ ފެބްރުއަރީ މަހު މެޑިޓެރޭނިއަން ކަނޑުގައި އެހެން މަނަވަރަކާ ޖެހިގެން ހިނގި އެކްސިޑެންޓަށް ފަހު އެ ބޯޓުގެ ކޮމާންޑަރު ނޭވީ ކެޕްޓަން ޑޭވް ސްނޯޑަން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އަންސާރުﷲގެ ތަރުޖަމާން ޔަޙުޔާ ސަރީޢު ވިދާޅުވަނީ ބޯޓު ކަނޑަށް ވެއްޓުނީ އެމެރިކާއިން ހަމަލަ ހުއްޓާލިކަން އިއުލާން ކުރުމުގެ ކުރިން ޔަމަނުން ދިން ބެލެސްޓިކް މިސައިލަކަށް ބިރުން މަނަވަރުގެ ޑެކްމަތި ހަލަބޮލިބެ ބިރުވެރިކަން ފެތރުމުން ކަމަށެވެ. މިމަނަވަރު މިހާރު ފިލައިގެން ދުރު ސަރަހައްދަކަށް ގޮސްފައިޥާ ކަމަށް ސަރީއު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!