ސައްޙަ ނޫން ލިޔުންތަކެއް ހުށަހަޅައިގެން ދައުވާކޮށް، ދައުލަތުން ފައިސާ ހޯދަން އުޅޭ ކުންފުންޏެއްގެ މައްސަލަ ތަޙުޤީޤު ކުރުމަށް ބަންޑާރަ ނާއިބް ފުލުހަށް އަންގައިފިއެވެ. ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓްގެ ފަރާތުން ސިވިލް ކޯޓަށް ދެ މައްސަލައެއް ހުށަހަޅާފައި ވެއެވެ. ދެ މައްސަލަވެސް ރައްދު ވަނީ ދައުލަތުގެ އިދާރާތަކަށެވެ.
ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ބުނަނީ، 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް އަދި ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ސަޕްލައި ކޮށްފައި ވާނެ ކަމަށެވެ. ޖުމުލަ ދެ ފަރާތަށް ރައްދުވާ 3 މައްސަލައެކެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ސަޕްލައިކޮށްދީފައިވާ ކަމަށް ބުނަނީ، ކަޅުހަންތަކަކެވެ. އަދި ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނަނީ މެޑިކަލް އިކުއިޕްމަންޓްތަކެކެވެ.
ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދައުލަތާއި އެކުންފުންޏާ ދެމެދު ކޮށްފައިވާކަމަށް ބުނާ މުޢާމަލާތްތައް ހިނގާފައިވާކަން ސާބިތުކުރުމަށް އެ ކުންފުނިން ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާމެދު ދައުލަތުން ސުއާލު އުފައްދައެވެ. އެހެންވެ، ދައުލަތުން ވާނީ، އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ. އަދި މި މުޢާމަލާތްތަކާ ގުޅޭ މައްސަލަތަކާ ގުޅިގެން ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމެވުންތައް ދައުލަތުން ވަނީ އިސްތިއުނާފުކޮށްފައެވެ.
ހަމައެއާއެކު، މި މައްސަލަތަކާ ގުޅިގެން ދައުލަތުގެ ހުރި ކަންބޮޑުވުންތައް އޮޑިޓަރ ޖެނެރަލްގެ އޮފީހާ ޙިއްޞާކޮށްފައި ވެއެވެ. އެކަމާ ގުޅިގެން މި މައްސަލަތަކާ ގުޅޭ ޚާއްޞަ އޮޑިޓެއް ތައްޔާރުކޮށްދެއްވުމަށް ބަންޑާރަ ނާއިބް އޮފީހުން އެދުމުން އެކަމުގައި ފާހަގަ ކުރެވުނު ކަންކަމުގެ އިބްތިދާއީ ރިޕޯޓެއް މިހާރު ބަންޑާރަ ނާއިބް އޮފީހަށް ލިބިފައި ވެއެވެ.
އެއިން ފާހަގަވަނީ: ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ޞައްޙަ ނޫން އިންވޮއިސްއެއް ހުށަހަޅާފައިވާކަން؛
ދިވެހިރާއްޖެ އެތެރެކޮށްފައިނުވާ ބައެއް މެޑިކަލް އިކުއިޕްމަންޓްތައް ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ސަޕްލައިކޮށްދީފައިވާ ކަމަށް ދައުވާ ކުރުން؛
އެ ކުންފުނިން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާކަން އެ އޮޑިޓުން ފާހަގަ ނުވާތީ އެ މައްސަލަތަކާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ކަމާގުޅުންހުރި އިދާރާތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ލަފާ ދީފައެވެ.
އެހެންވެ، ޖިނާއީ ތަހުޤީޤަކަށް ފުލުހުގައި ބަންޑާރަ ނާއިބް އޮފީހުން އެދިފައި ވަނީއެވެ.
މިމައްސަލައާ ގުޅިގެން ކާފު ނިއުސްއިން ޙިއްސާދާރު އަޙުމަދު ޖާމިޒުއަށް ދެންނެވުމުން ވިދާޅުވީ ކުންފުނީގެ މުއާމަލާތެއްގެ މަޢުލޫމާތު، ޙިއްސާދާރުންނާ މަޝްވަރާ ނުކޮށް ނު ދެވޭނެ ކަމަށެވެ.

ފަސްމަންޒަރު:
ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަކީ، 2006 ގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ. އެކުންފުނީގެ ޙިއްސާ ދާރުންގެ ތެރޭގައި އަޙުމަދު ޖާމިޒުއާއި ޢަބްދުﷲ ޢާރިފް ހިމެނެއެވެ.
މިކުންފުނިން ދައުލަތުގެ ފަރާތްތަކާ ދެކޮޅަށް މީގެ ކުރިން ހަރަކާތްތެރި ވެފައި ވެއެވެ.
އެއީ 40 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް، ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާއެވެ. އެ މައްސަލައަކީ 6 ޓަނުގެ ފޯކުލިފްޓެއް 1.2 މިލިއަން ރުފިޔާއަށް ގަތުމަށް ޢަޤުދުކޮށް، ފައިސާ ނުދެއްކުމުން ބަދަލުގެ ގޮތުގައި 40 މިލިއަން ރުފިޔާ ހޯދުމަށް ކުރި ދަޢުވާއެވެ.
ދެ ވަނަ މައްސަލައަކީ، އެމްޕީއެލްއާ ދެކޮޅަށް ދައުވާ ކޮށްފައިވާ، 160 މިލިއަން ރުފިޔާ ހޯދުމުގެ ދަޢުވާއެވެ. އެ ޓަގްބޯޓެއް ހޯދުމާ ގުޅޭ މައްސަލާގައި އޭސީސީން ވަނީ 2012ގައި އެފައިސާ ނުދިނުމަށް، އެމްޕީއެލްއަށް އަންގާފައެވެ.
އެއަށް ފަހު، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ވަނީ އޭސީސީއާ ދެކޮޅަށް 85 މިލިއަންގެ ބަދަލެއް ހޯދުމަށްވެސް ދައުވާ ކޮށްފައެވެ.






