ފުލުހަކު ކުޑަކުއްޖަކަށް ބިރުދައްކައި ޖިސްމާނީ އަނިޔާދޭން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ތަހުގީގެއް ފަށައިފި

ދެކުނަށް ނިސްބަތްވާ ރަށެއްގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުޑަކުއްޖަކަށް ފުލުހަކު ބިރުދައްކައި، ޖިސްމާނީ އަނިޔާ ވެދާނެ ފަދަ އަމަލެއް ކުރިކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ މިއީ ސީރިއަސް މައްސަލައެއް ކަމަށާއި، ދެ ދިމާލުންވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ، އިއްޔެ ހަވީރުގެ ވަގުތެއްގައި ދެކުނަށް ނިސްބަތްވާ ރަށެއްގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށެވެ. މި ހަމަނުޖެހުމާ ގުޅިގެން، އެތަނުން ކުއްޖެއްގެ އާއިލީ މަސްލަހަތު އޮންނަ ފުލުހަކު، އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާ ވެދާނެ އަމަލެއްކޮށް ބިރުދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގެ ޖިނާއީ ބައި، ފުލުހުންގެ ތަހުގީގީ އިދާރާއިން މިހާރު ތަހުގީގުކުރަމުންދާ ކަމަށް ބުނެއެވެ. މީގެ އިތުރުން، މި މައްސަލައަކީ ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކަށް ވުމާއެކު، އިދާރީ މައްސަލަ ފުލުހުންގެ 'ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން' ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައަކީ ކުޑަކުދިންގެ މަސްލަހަތު ހިމެނޭ ކަމަކަށްވުމުން، މިހާރު ފުލުހުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

Police Officer Accused of Assaulting Child at Island Football Ground

ހިއްސާ ކުރައްވާ!