ސްޓީލް ހާޑްވެއަރއިން ލީޑަރޝިޕް ޓްރެއިނިންގ ޕްރޮގްރާމެއް ބާއްވައިފި

ސްޓީލް ހާޑްވެއަރއިން އެ ކުންފުނީގެ ސީނިއަރ އަދި މެދު ފަންތީގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ލީޑަރޝިޕް ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށާއި، ދާއިމީ ތަރައްޤީއަށް އަދި އުމުރު ދުވަހަށް އުނގެނުމުގައި ދެމިތިބުމުގެ ސަގާފަތެއް އާލާކުރަށް އެންމެން އެއް ރޫޙެއްގައި މަސައްކަތް ކުރުމުގެ މާޙައުލެއް އުފެއްދުމެވެ.

ސްޓީލް ހާޑްވެއަރ އިން މައުލޫމާތު ދިން ގޮތުގައި މި ޕްރޮގްރާމަކީ ކުންފުނީގެ އިސް މެނޭޖަރުންނާއި މެދުފަންތީގެ އިސްވެރިން ބާރުވެރިކޮށް، ވާދަވެރި މާޙައުލެއްގައި ކުރިއަށްދިއުމަށާއި، ފެންވަރު ރަނގަޅު ޚިދުމަތެއް ކަސްޓަމަރުންނަށް ދިނުމުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އަދި ކުންފުނީގެ މިޝަންއާއި ވިޜަން ހާސިލުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށްވެސް މަޢުލޫމާތުދީ މި ޕްރޮގްރާމުގައި ބާރުއަޅާފައި ވާނެއެވެ. ސްޓީލް ހާޑްވެއަރއިން އަމާޒު ހިފާފައިވަނީ ފެންވަރު ރަނގަޅު ޚިދުމަތެއް ދީގެން، ވާދަވެރި މަޤާމެއްގައި ދެމިހުންނާށެވެ.

މި ޕްރޮގްރާމުގައި ސީނިއަރ އަދި މެދު ފަންތީގެ 27 އިސް މުވައްޒަފުން ބައިވެރިވިއެވެ.

މި ޓްރެއިނިންގ ސެޝަންގައި ކުންފުނީގެ މަޤްޞަދުތައް ޙާޞިލުކުރުމަށް އެންމެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. މީގެ ސަބަބުން ހުރިހާ މެނޭޖަރުންވެސް އެއް ވިސްނުމެއްގައި ތިބެ، ކުންފުނިން ދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް، އައު ގޮތްތައް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އުންމީދުކުރެވެއެވެ.

"ރަނގަޅު ވިޔަފާރިއެއް އުފެއްދޭނީ ރަނގަޅު އިންސާނީ ވަސީލަތްތައް ތަރައްޤީ ކޮށްގެން. އެހެންވެ، މި ޕްރޮގްރާމަކީ ކުންފުނީގެ އަގުތަކާއި ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް އަދި މެނޭޖަރުން ބާރުވެރިކުރުވައި، އެއްބައިވަންތަކަން އާލާކުރުމަކީ ކުންފުނީގެ ކުރިމަގު އުޖާލާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް." ކަމަށް ސްޓީލް ހާޑްވެއަރގެ އެމްޑީ ޢަލީ ފައުޒީ ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!