އިންޑިއާއާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް ޔޫރަޕް ޝައުޤުވެރިވެއްޖެ

އިންޑިއާގެ އިޤްތިޞާދީ ކުރިމަގާމެދު ދުނިޔޭގެ އިތުބާރު ބޮޑުވަމުން ދާކަމަށް އިންޑިއާގެ ވިޔަފާރިއާއި ޞިނާޢަތުގެ މިނިސްޓަރު ޕިޔުޝް ގޯޔަލް ވިދާޅުވެއެވެ. އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް (އެފްޓީއޭ) ޔޫރަޕުން ޝައުޤުވެރި ވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ޕެރިހުގައި މީޑިއާއާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ގޯޔަލް ވިދާޅުވީ، މިއަހަރުގެ ފެބްރުއަރީ މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރްސުލާ ވޮން ޑަރ ލެޔެން ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައި މިއަހަރު ނިމުމުގެ ކުރިން އެފްޓީއޭގެ މަޝްވަރާތައް ނިންމުމަށް ދެ ލީޑަރުން އެއްބަސްވި އެވެ. އީޔޫގެ ވިޔަފާރިއާ ބެހޭ ކޮމިޝަނަރު މާރޯސް ސެފްކޮވިޗްއާއެކު ކުރެވުނު މަޝްވަރަތަކުގައި ދެފަރާތަށްވެސް މި އެއްބަސްވުމުން ލިބޭނެ ފައިދާތަކާ މެދު މަޝްވަރާ ކުރެވުނު ކަމަށާއި މިކަމުގައި އަވަސް ކުރިއެރުމެއް ލިބޭނެކަމުގެ އުންމީދު އޮތްކަމަށް ގޯޔަލް ވިދާޅުވިއެވެ.

ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއާ ގުޅިގެނ ފްރާންސްއިން ދެއްކެވި އެއްބައިވަންތަކަމަށް ގޯޔަލް ޝުކުރު އަދާކުރެއްވިއެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ދެ ޤައުމުންވެސް ގެންގުޅޭ ސިޔާސަތު ފާހަގަކުރެއްވިއެވެ. އިންޑިއާއާއި ފްރާންސްއާ ދެމެދު އޮތް ވަރުގަދަ ގުޅުމަކީ މޯދީއާއި ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯންއާ ދެމެދު އޮތް ފަރުދީ ގުޅުމުގެ ސަބަބުން ކުރިއަރާފައިވާ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފްރާންސްގެ ދަތުރުފުޅުގައި، އެޤައުމުގެ އިޤްތިޞާދީ ވަޒީރު އެރިކް ލޮމްބާޑްއާއެކުވެސް ގޯޔަލް މަޝްވަރާތައް ބާއްވަވާނެއެވެ. އަދި، ޓޯޓަލް އެނަރޖީސްއާއި ލޯރިއަލްފަދަ ބޮޑެތި ކުންފުނިތަކުގެ ވެރިންނާއެކުވެސް މަޝްވަރާ ކުރައްވާނެއެވެ. މިބައްދަލުވުންތަކުގެ މަޤްޞަދަކީ ދެގައުމުގެ ދެމެދުގެ ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމެވެ. ފްރާންސަށްފަހު، އިޓަލީއަށް ވަޑައިގަތުމުގެ ކުރިން ގޯޔަލް ޑަބްލިޔުޓީއޯ މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ނެއެވެ.ADV

ހިއްސާ ކުރައްވާ!