ބެންގަލޫރުގައި ފިތިގެން 11 މީހުން މަރުވެއްޖެ

އިންޑިއަން ޕްރިމިއަރ ލީގް (އައިޕީއެލް) 2025 ގެ ޗެމްޕިއަންކަން ހޯދި ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރުސީބީ) އަށް ތަހުނިޔާ ކިޔުމުގެ ތެރޭގައި މީހުން އުތުރިއެރުމުން ހިނގި ހިތާމަވެރި ހާދިސާގައި 11 މީހުން މަރުވެ، 33 މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގީ މިރޭ ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގައެވެ. މިއީ ބެންގަލޫރުގެ ކްރިކެޓް ޓީމް އާރުސީބީ އިން އައިޕީއެލް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މި ޓީމަށް ތަހުނިޔާ ކިޔުމަށް އެތައް ހާސް ސަޕޯޓަރުންނެއް އެއްވެގެން ސެކިއުރިޓީ ބެރިކޭޑްތައް ވައްޓާލައި ދަނޑުގެ ތެރެއަށް ވަދެގެން ދަނޑުގެ ގޭޓްތަކާ ދިމާއަށް ދުއްވައިގަތުމުން ހަލަބޮލިކަން އުފެދުނީއެވެ.

ކަރްނާޓަކާގެ ޗީފް މިނިސްޓަރު ސިއްދާރަމައިޔާ ވިދާޅުވި ގޮތުގައި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް 10 ލައްކަ ރުޕީސް (ގާތްގަނޑަކަށް 12،000 ޑޮލަރު) ގެ ބަދަލެއް ސަރުކާރުން ދޭނެއެވެ. އަދި އަނިޔާވި މީހުންނަށް ހިލޭ ފަރުވާ ދޭނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން، މި ހާދިސާ ތަހުގީގު ކުރުމަށް ޑެޕިއުޓީ ކޮމިޝަނަރު ފެންވަރުގެ އިންކުއަރީއެއް ކުރިއަށް ގެންދިއުމަށް ވެސް އަމުރުކުރައްވާފައި ވެއެވެ.

ޑެޕިއުޓީ ޗީފް މިނިސްޓަރު ޑީކޭ ޝިވާކުމާރު ވިދާޅުވީ ހަމަނުޖެހުމުގެ ސަބަބުން އިވެންޓު ކުރުކޮށްލަން ޖެހުނު ކަމަށާއި 5 ހާސް ފުލުހުންނަށްވެސް މީހުންގަނޑު ކޮންޓްރޯލު ނުކުރެވުނީ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އިދިކޮޅު ބީޖޭޕީން ވަނީ އެ ސްޓޭޓްގައި ވެރިކަން ކުޜާ ކޮންގްރެސް ސަރުކާރަށް ފާޑުކިޔައި، އެމީހުންގެ ރޭވުންތައް ދަށީ ކަމަށް ބުނެ، ސިއްދާރަމައްޔާ އާއި ޝިވާކުމާރުގެ އިސްތިއުފާއަށް ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!