އިނގިރޭސި އިސްތިޢުމާރީ ވެރިކަމުގެ ވަކިތަކުން އިންޑިއާއަށް ސިޔާސީ އަދި ދީނީ ބަދަލުތައް އަންނަމުން ދިޔަ ދުވަސްވަރެއްގައި، އެއްވުންތަކާއި، ދުދޫމަތިންނާއި ނޫސްތަކުގައި "މިރްޒާ ޣުލާމް އަހުމަދު" ގެ ނަން ކިޔަން ފެށިއެވެ. އޭނާ ދިޔައީ ދީނީ ވާހަކަތައް ދައްކަމުންނެވެ. އަދި ދީނީ ރޫހު އާކުރަން ޖެހޭ ކަމަށް ބުނެ މީހުންގެ މެދުގައި ވާހަކަތައް ފަތުރަމުންނެވެ.
އަހަރުތައް ވޭތިވެ މީހުންގެ ތެރޭން އޭނާއަށް ތަބާވާ ބަޔަކު ލިބި، ޣުލާމް އަހުމަދުގެ ވާހަކަތައް އަހާނެ ކަންފަތްތައް ގިނަ ވެއްޖެއެވެ. ގިނަ އަދަދެއްގެ ބަޔަކު އޭނާގެ ފަހަތަށް އެރުމުން، މިއަދު ޤާދިޔާނީގެ ނަމުން މަޝްހޫރު އަދި "އަހުމަދީ" ގެ ނަމުން މަޝްހޫރު ޖަމާއަތް ފާޅުވިއެވެ.
އެއިރު ދަންނަބޭކަލުން އޭނާގެ ވާހަކަތަކަށް ދެކޮޅު ހަދަމުން ދިޔައިރު އިސްތިއުމާރުން އޭނާއާއި އައުވާނުންނަށް ހިމާޔަތް ދިނެވެ. އަދި އޭނާއަށް ތަބާވުމަކީ ދީނުން ބޭރުވުން ކަމަށް ބުނެ ދަންނަބޭކަލުން ފަތުވާ ދިނެވެ.
ގާދިޔާނީ ޖަމާއަތުގެ މީހުން އެމީހުންގެ ސަރަހައްދުތަކުން ބޭރަށް ގޮސް ދުނިޔެއަށް ފެތުރިގަތެވެ.
މި ޖަމާއަތް އުފެއްދި ބާނީ، މިރްޒާ ޣުލާމް އަޙުމަދު އަކީ، އިންޑިއާގެ ޕަންޖާބުގެ އަވަށަކަށް ނިސްބަތްވާ މީހެކެވެ. މުޣަލް ނަސްލުގެ މީހެކެވެ. އޭނާ އުފަންވީ 1835 ގައެވެ. އޭނާގެ އައު މަޒުހަބު އުފެއްދީ، 1889 ވަނަ އަހަރު އެވެ. އޭނާ ވަނީ:
ނަބީ ކަމަށް ދައުވާ ކޮށްފައެވެ.
- 10 ހާސް އާޔަތުގެ ފޮތެއް ބާވައިލެއްވި ކަމަށް ދައުޥާ ކޮށްފައެވެ.
- ނަމަވެސް ކީރިތި ރަސޫލާގެ ނަބީކަމާށާއު ރަސޫލުކަމަށް އޭނާ ތަބައަ ވެއެވެ. ނަމަވެސް އެކަލޭގެފާނަކީ ފަހުގެ ނަބިއްޔާ ކަމަށް ގަބޫލެއް ނުކުރެއެވެ.
- އޭނާގެ "އައްތަޛުކިރާ" އަކީ ވަހީ ހިމެނޭ ފޮތެއް ކަމަށް ދައުވާ ކުރެއެވެ.
- ޣުލާމް އަހުމަދު ގާދިޔާނީ ވަނީ، އޭނާގެ ފިކުރު 10 ފޮތެއްގައި ނަކަލުކޮށްފައެވެ.
ޢުލާމް އަހުމަދު ގާދިޔާނީ ނިޔައުވީ، 1908 ވަނަ އަހަރު އެވެ. އެއަށްފަހު އެ ޖަމާއަތް ދެ ގޮތްޕަކަށް ބެހިގެން ދިޔައެވެ. ޕާކިސްތާންގެ ގާދިޔާންގައި އެއް ބަޔަކު ތިބި އިރު އަނެއް ބަޔަކު ލާހޯރުގައި ތިއްބެވެ.
މިހާތަނަށް ގާދިޔާނީންގެ 5 ޚަލީފާއިން އަތުވެއްޖެއެވެ. މިހާރުގެ ޚަލީފާއަކީ، ލަންޑަންގައި ދިރިއުޅޭ މިރްޒާ މަސްރޫރު އަޙުމަދުއެވެ. މި "ޚަލީފާ" މަސްރޫރު އަހުމަދު އިސްވެ އޭނާގެ ޖަމާއަތުގެ މީހުންނަށް ހުކުރު ކޮށް ދެއެވެ. ހުކުރު ޚުތުބާވެސް ކިޔައެވެ. އެކަމަކު އޭނާއަށް ރަނގަޅަށް ޤުރުއާން ކިޔަވާކަށް ނޭނގެއެވެ. އާޔަތްތައް ކިޔަނީވެސް ކޮށަކޮށައިގެންނެވެ.
މި ޖަމާއަތަކީ އެމީހުން ދިރިއުޅޭ ތަންތާނގައި އުޅޭ މީހުންގެ ރުހުން ހޯދައިގެން އުޅެން އުޅޭ ބައެކެވެ. އެހެންވެ ﷲއާއި ރަސޫލާ ދެކެ ލޯބިވާ ކަމށް ބުނެ އެއްވެސް އެހެން ފަރާތަކަށް އަދާވާތްތެރި ކަމެއް ނެތް ކަމަށްވެސް ބުނެއެވެ.
ގާދިޔާނީންގެ ބާނީ 1898 ވަނަ އަހަރު އިންޑިއާގެ އިނގިރޭސި ގަވަރުނަރަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވެއެވެ.
"އަޅާގެ ޒުވާން ދުވަސްވަރުން ފެށިގެން އަދި މިހާރު އަޅާގެ އުމުރުން ގާތްގަނޑަކަށް އަށްޑިހަ އަހަރު ވާއިރު އަޅާވާނީ މުސްލިމުންގެ ހިތްތައް އިނގިރޭސި ސަރުކާރަށް ވަފާތެރިވުމަށް ބަދަލުކޮށް ދީފައެވެ. އެކަމަށް ނަސޭހަތްތެރި ވީމެވެ. އެކަންކަމަށް ބާރުއެޅުމަށް ދުލާއި ގަލަމުން މަސައްކަތް ކުރީމެވެ. ބައެއް ޖާހިލު މުސްލިމުން ތަބާވާ ޖިހާދުގެ ޚިޔާލާ އަޅާ ދެކޮޅު ހަދަމެވެ. އެއީ އިނގިރޭސިންނަށް ވަފާތެރިވުމަށް ހުރަސްއެޅޭ ކަމެއް ކަމުގައި އަޅާ ދެކޭތީއެވެ."
އަދި އިތުރަށްވެސް ލިޔުނެވެ. "އަޅާ ގަބޫލުކުރާ ގޮތުގައި އަޅާއަށް ތަބާވާ މީހުންގެ އަދަދު ގިނަވި ވަރަކަށް ޖިހާދުގެ މުހިންމުކަން ކުޑަވާނެ އެވެ. އަޅާގެ ނަބީކަން ގަބޫލުކުރުމާއި އަޅާއަކީ އީސާގެފާނު ނުވަތަ މަހުދީ ކަމަށް އީމާންވުމަކީ ޖިހާދަށް އިންކާރުކުރުމަށް މުހިންމު ކަމެކެވެ."
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާދިޔާނީ ޖަމާއަތުގެ ގާތްގަނޑަކަށް 20 މިލިއަން މީހުން އުޅޭ ކަމަށް ލަފާ ކުރެވެއެވެ. އޭގެ ތެރެއިން ގިނައީ އިންޑިއާ، ޕާކިސްތާން، އަދި ހުޅަނގު އެފްރިކާގެ ގާނާ، ބުރްކިނާ ފާސޯ، އަދި ގަމްބިއާ ފަދަ ގައުމުތަކުގަ އެވެ. އަދި ނައިޖީރިޔާގެ ވެރިކަން ކުރާ ފަންތީގެ މުސްލިމުންގެ މެދުގައިވެސް ގާދިޔާނީން ގިނައެވެ. ރާއްޖެއަށް ޔޫގެންޑާއިން ގެނަސްފައި ހުންނަ ގިތެޔޮ މިރުސް ގޮތަށް ހުންނަ ގުރުޑު މިރުހަކީ، ޔޫގަންޑާއަށް ހިޖުރަކޮށް، އެތާނގައި ބިން ގަނެގެން ގާދިޔާނީން ދަނޑުވެރިކަން އާލާކުރި ދުވަސްވަރު ތައާރަފް ކުރިއެއްޗެކެވެ. އެކަމުގައި އިސްކޮށް އުޅުނު މީހަކީ މިހާރުގެ ޚަލީފާ މިރްޒާ މަސްރޫރު އަހުމަދެވެ. އޭނާއަކީ ކަރާޗީ ޔުނިވާސިޓީން ދަނޑުވެރިކަމުގެ ދާއިރާއިން ބީއޭ ނަގާފައިވާ މީހެކެވެ.
ގާދިޔާނީން މިހާރު ވަނީ މުސްލިމުންގެ ތެރއަށް ފެތެންވެގެން ބައެއް ކަންކަން ބަދަލުކޮށްފައެވެ. ބީބީސީ އަރަބިކް އަށް ދިން އިންޓަވިއުއެއްގައި އިނގިރޭސިވިލާތުގެ ގާދިޔާނީ ޖަމާއަތުގެ ލީޑަރު ރަފީގު އަހުމަދު ހަޔާތު ބުނަނީ އެ ޖަމާއަތުން ޖިހާދާ ދެކޮޅުވެރިކަމެއް ނުގެންގުޅޭ ކަމަށެވެ. އޭގެ ބަދަލުގައި އެމީހުން ދެކެނީ ޖިހާދަކީ މައިގަނޑު ގޮތެއްގައި އަމިއްލަ ނަފްސާ ދެކޮޅަށް ކުރާ މަސައްކަތެއް ކަމަށް ދެކޭ ކަމަށެވެ. އަދި ﷲއަށް އީމާންވެ ރަސޫލާއަށް ތަބާވެ، ކީރިތި ޤުރުއާނަށް އީމާންވެ، މައްކާއާއި މަދީނާއަކީ މާތް ތަންތަނުގެ ގޮތުގައި ދެކޭކަމަށްވެސް ބުނެއެވެ.
އާންމު ކޮށް ގާދިޔާނީން ދެކެނީ ޕާކިސްތާންގައި ގާދިޔާދީން ގިނަ ރަބްވާއަކީ މުގައްދަސް ތަނެއްގެ ގޮތުގައި ބަލާފައެވެ. ރަފީގް އަހުމަދު ބުނަނީ އެއީ ގޮތެއް ކަމަށެވެ. އަދި ރަބްވާއަކީ ގާދިޔާނީންގެ ޖަމާއަތުން ތަރައްގީކޮށްފައިވާ އާބަން ސެންޓަރެއް ކަމަށެވެ.
މިމީހުން ދެކޭ ގޮތުގައި:
ގާދިޔާނީ މަޒުހަބު ގަބޫލު ނުކުރާ މީހެއްގެ ފަހަތުގައި ނަމާދުކުރުން ސައްހަ އެއް ނުވާނެއެވެ.
ގާދިޔާނީ ނޫން މީހަކު މަރުވިއަސް އޭނާގެ މައްޗަށް ދުއާކުރުމަކީ އެމީހުންނަށް މަނާ ކަމެކެވެ.
ގާދިޔާނީ ނޫން މީހުންނާއި ގާދިޔާނީންނަށް ކައިވެންޏެއް ނުކުރެވޭނެއެވެ. އަދި ގާދިޔާނީއަކު ގާދިޔާނީ ނޫން މީހަކާ ކައިވެނި ކުރާނަމަ ޚަލީފާގެ ރުހުން ހޯދަން ޖެހެއެވެ.
އަންހެނަކަށް ގާދިޔާނީ ނޫން މީހަކާ ކައިވެންޏެއް ނުކުރެވޭނެއެވެ.
ޕާކިސްތާންގައި ގާދިޔާނީންނަކީ މުސްލިމުން ކަމަކަށް ބަލައެއް ނުގަނެއެވެ.
އިންޑިއާގެ ހައިކޯޓުގެ ހުކުމަކުން ނިންމާފައި ވަނީ ގާދިޔާނީންނަކީ މުސްލިމުން ކަމަށެވެ.
އަޒުހަރުގެ އިމާމް ޑރ. އަޙުމަދު އައްޠައްޔިބު ވިދާޅުވަނީ މިމީހުން އެއްކައުވަންތަކަމާއި މުޙައްމަދުގެފާނުގެ ނަބީކަމާއި ރަސޫލުކަން ގަބޫލު ކުރާނަމަ ބޭރެއް ނުކުރެވޭނެ ކަމަށެވެ.

