ތޫނުފިލިކަމަކީ ހަމައެކަނި ތަޢުލީމީ ގޮތުން ކުޅަދާނަވުމެއް ނޫނެވެ. ނުވަތަ އަވަހަށް ކަމެއް ވިސްނައިގަތުމެއްވެސް ނޫނެވެ. ތޫނުފިލި ކަމަކީ، ދުނިޔެއާ މެދު ތަފާތު ނަޒަރަކުން ބެލުމެވެ. އަދި ތޫނުފިލި މީހުން އެހެން މީހުންނާ ތަފާތު ވުމުން، އެމީހުންގެ މިޒާޖާއި، އަމަލުތަކާއި އެމީހުން އިސްކަންދޭ ކަންތައްތައް އެހެން މީހުންނަށް އޮޅެއެވެ.
ތިރީގައި މިވަނީ ވަރަށް ތޫނުފިލި މީހުންގެ 10 ސިފައެވެ.
އެކަހެރިވުމަށް އިސްކަންދޭނެ:
ތޫނުފިލި މީހުން ގިނަފަހަރު އެކަހެރި ދިރިއުޅުމަށް އިސްކަންދޭނެ އެވެ. އެއީ، އެމީހުންގެ ކިބައިގައި، އިޖްތިމާޢީ ގުޅުންތައް ދަމަހައްޓަން ޝައުޤުވެރިކަން ނެތިގެނެއް ނޫނެވެ. އެއީ، އެކަހެރި މާހައުލުގައި އެމީހުންނަށް ފުންކޮށް ވިސްނައި، އުނދަގޫ ޚިޔާލުތައް އެކުލަވާލުމަށް ފުރުޞަތު ލިބޭތީއެވެ. ދިރާސާތަކުން ދައްކާގޮތުގައި ތޫނުފިލި މީހުންނަށް އިޖްތިމާޢީ ގުޅުންތަކުން ލިބޭ ހިތްހަމަޖެހުން މަދުވެ ދާނެއެވެ. އެފަދަ މީހުންނަށް ނަފްސާނީ ހިތްހަމަޖެހުން ލިބޭނީ އެމީހުންގެ އެތެރޭގެ ވިސްނުންތަކުންނެވެ.
ކަންކަމާމެދު ސުވާލު އުފައްދާނެ:
ތޫނުފިލިކަމުގެ އަނެއް ސިފައަކީ ކަންކަމާ މެދު ގިނައިން ސުއާލު އުފެއްދުމެވެ. ތޫނުފިލި މީހުން ކަންކަމާ މެދު ފުންކޮށް ވިސްނައި ޚިޔާލުތަކާއި ނިޒާމުތައް ވަކިވަކިން ދިރާސާކުރާ ނެއެވެ. އެމީހުން އެކަން ކުރަނީ ޝައްކާއި ވަސްވާސްތަކާ ހެދިއެއް ނޫނެވެ. އެއީ ކަންކަން އޮޅުން ފިލުވަން އޮންނަ ޝައުގުވެރިކަމުންނެވެ. ތަބީޢީ ގޮތުން އެމީހުންގެ ސިކުނޑި ބައްޓަން ވެފައި ވަނީ އާންމު ހަމަތަކާ ޚިލާފްކަންކަން ހޯދައި ބަލާށެވެ.
އަމިއްލަ ނަފްސަށް ފާޑުކިޔާނެ:
ތޫނުފިލި މީހުން ގިނަފަހަރު އަމިއްލަ ނަފްސު ބަހައްޓާނީ ވަރަށް މަތީ މިންގަނޑެއްގައެވެ. މިއީ އަމިއްލަ އެދުމެއް އޮވެގެން ނޫނެވެ. އަދި އަމިއްލަ ނަފްސަށް އިތުބާރު ނެތިގެނެއްވެސް ނޫނެވެ. އެމީހުންނަށް އެމީހުންގެ އަމިއްލަ އުނިކަންތައްތައް އިޙުސާސް ކުރެވޭނެއެވެ. އެނގުމާއި ނޭނގުމުގައި ހުރި ފަރަގާ މެދު އެމީހުން ހައްސާސް ވާނެއެވެ. މިއީ އަމިއްލަ ނަފްސަށް ހޭލުންތެރިވުމުގެ ބައެކެވެ.
އުނދަގޫ ކަންކަމަށް ޝައުޤުވެރިވާނެ:
އާންމު މީހުން އިސްކަން ދެނީ ސީދާ ސާދާ ޙައްލުތަކަށެވެ. ތޫނުފިލި މީހުން ޝައުޤުވެރި ވާނީ ފުންކޮށް ވިސްނަންޖެހޭ އުނދަގޫ މައްސަލަތަކަށެވެ. އެގޮތަށް ކަންކަން ކުރަން އުޅުމުން، ބައެއް ފަހަރަށް، ބޭކާރު ގޮތެއްގައި ކަންކަން އުނދަގޫކުރަން އުޅެނީ ކަމަށްވެސް ހީވެދެއެވެ. ޙަޤީޤަތުގައި އެމީހުންގެ ސިކުނޑި ބައްޓަންވެފައިވަނީ އުނދަގޫ ނިޒާމުތައް ދެނެގަތުމަށެވެ. އެމީހުންނަށް އުފާވެރިކަން ލިބި ގަންނަނީ އެހެން މީހުން އަޅާނުލައި ދޫކޮށްލާ ކަންތައްތައް ދަނެގަތުމުންނެވެ.
ރޭގަނޑު ހޭލާ ތިބޭނެ:
ދިރާސާތަކުން ދައްކާގޮތުގައި ތޫނުފިލިކަން މަތިވުމާއި ރޭގަނޑުގެ ހިމޭން މާހައުލަށް ގަޔާވުމާ ގުޅުމެއް އޮވެއެވެ. ގިނަފަހަރު ތޫނުފިލި މީހުންނަށް އެންމެ އުފެއްދުންތެރިކަން އިޙްސާސް ކުރެވޭނީ ރޭގަނޑުގެ ހިމޭން ވަގުތުގައެވެ. އެ ވަގުތަކީ އެމީހުންގެ އުފެއްދުންތެރިކަން އެންމެ މަތީ ދަރަޖައަކަށް ހުންނަ ވަގުތެވެ. މިއީ އެހެން މީހުންގެ ދިރިއުޅުން ބައްޓަންކޮށްފައިވާ އާންމު ތާވަލުތަކަށް ތަބާވާ މީހުންނަށް ބަލައި ގަންނަން އުދަގޫ ކަމަކަށް ވެދާނެއެވެ.
ޖަޒުބާތީ ގޮތުން ޙައްސާސްވާނެ:
ތޫނުފިލި މީހުންނަކީ، ގިނަފަހަރަށް ޖަޒުބާތީ ބައެކެވެ. އަދި ނިކަން އަވަހަށް ކަންކަމާ ހައްސާސްވެސް ވާނެއެވެ. ބައެއް ފަހަރަށް "އެހެރީ މޫޑީ ވެފައި" ކަމަށްވެސް ހީކުރެވިދާނެއެވެ. ނަމަވެސް ޖަޒުބާތުގައި ކަންކަމަށް ރައްދު ދިނުމާއި މާޔޫސްކަން އިޙުސާސް ވުމަކީ އެމީހުންގެ ވިސްނުމުގެ ބައެކެވެ. އަދި އެއީ، ފުންކޮށް ކަންކަމާ މެދު ވިސްނުމުގެ ނަތީޖާއެއްވެސް މެއެވެ.
ބޭކާރު ވާހަކަތަކަށް ނުރުހޭނެ:
ތޫނުފިލި މީހުންނަކީ، ބޭކާރު، ތިލަ ވިސްނުމުގެ ވާހަކަތަކަށް ގަޔާވާނެ ބަޔެއް ނޫނެވެ. އެމީހުން އެދޭނީ ފުންކޮށް ވިސްނައި، އާރުލާ ކަމެއްގައި ބަހުސް ކުރާށެވެ. މިއީ ބައެއް ވާހަކަތާއި މައުޟޫއުތަކާ އެމީހުން ދުރުހެލި ކޮށްލާނެ ކަމެކެވެ. އެހެންވެ، އެމީހުން ކަންކަމަށް ޝައުގުވެރި ނުވަނީ ކަމަށް ބަލާކަށް ނުވާނެއެވެ. އެމީހުން ބޭނުންވާނީ ފަލްސަފާވެރި ވިސްނުމަކުން ޚިޔާލުތަކާއި، މާނަހުރި ތަޖުރިބާތައް އިހުސާސް ކުރާށެވެ.
އަމިއްލައަށް ދެކޭގޮތް ދިފާޢުކުރާނެ:
ތޫނުފިލި މީހުންނަކީ އާ މަޢުލޫމާތަށް ނުވަތަ އާ މާޙައުލުތަކަށް ފަސޭހައިން ހޭނުވޭނެ ބައެކެވެ. ނަމަވެސް، އެމީހުން ފުންކޮށް ވިސްނާފައިވާ މައްސަލައެއް ނަމަ، އެކަމެއް ދިފާއު ކުރާނެއެވެ. އެހެންވެ، ގިނަފަހަރަށް އެއީ، "ހާދަހާ ބަސް ހަރު"، "ހާދަހާ ބޯހަރު" މީހެކޭވެސް ހިތަށް އަރާފާނެއެވެ.
އެހެން މީހުންނާ ތަފާތު ސަކަ މަޖާ ޙިއްސެއް ހުރެދާނެ:
ތޫނުފިލި މީހުންގެ ކިބައިގައި އެކަހެރި ވުމުގެ ޝައުގުވެރިކަމެއް އޮތް ނަމަވެސް، އެމީހުންގެ ސަކަ މަޖާ ހިއްސެއްވެސް ހުރެއެވެ. ނަމަވެސް އެއީ، އާދައިގެ އެހެން މީހުންގެ މަޖާ ކުރުމާއި ނުވަތަ އެފަދަ މަގާމުގައި ބޭނުން ކުރާ ތަފާތު ބަސްމަގާއި ތަފާތު ގޮތަކަށް ފެންނަ ސަކަ ކަމެއް ކަމުގައިވެދާނެއެވެ.
ޔަޤީންކަން ނެތް ކަންކަން ފަސޭހައިން ދޫކޮށްލާނެ:
ޔަގީންކަމެއް ނެތް ކަންކަމާ މެދު އެހެން މީހުން ޖަވާބު ހޯދަން ގަދައަޅައި މަސައްކަތް ކޮށްފާނެއެވެ. ނަމަވެސް އެއާ ޚިލާފަށް ތޫނުފިލި މީހުން އެފަދަ ކަންކަން ފަސޭހަ ކޮށްލައި ދޫކޮށްލާނެއެވެ. އެމީހުން ދެކޭނީ ދުނިޔެއަކީ އުނދަގޫ ތަނެއްގެ ގޮތުގައެވެ.
މި ސިފަތަކަކީ ތޫނުފިލި މީހުންގެ ކިބައިގައި އާންމުކޮށް ފެންނާން ހުންނަ ސިފަތަކެކެވެ. ބައެއް ފަހަރަށް މި ސިފަތައް ނޭނގުމުން، އެމީހުންގެ މިޒާޖު ދަނެގަތުމުގައި އޮޅޭގޮތް ވެދެއެވެ. (ތަރުޖަމާއެއް)