ވޯލްޑް ބެޑުމިންޓަންޑޭ: އައްޑޫއިން ތަފާތު ދައްކައިފި

ވޯލްޑް ބެޑުމިންޓަން ދުވަސް އައްޑޫ ސިޓީގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތްތައް ކުރިއަށް ގެންދިޔައީ އައްޑޫސިޓީ ހިތަދޫ ބެޑުމިންޓަން އެރީނާގައެވެ. މި ހަރަކާތްތައް ކުރިއަށް ގެންދިޔައީ ހަތަރު އެކެޑަމީއަކާއި ސްޕޯޓްސް މިނިސްޓްރީ ގުޅިގެންނެވެ. އެ ހަތަރު އެކެޑަމީއަކީ އައްޑޫ ބެޑްމިންޓަން ކުލަބާއި، އިކުއެޓޯރިއަލް ބެޑުމިންޓަން އެކެޑަމީއާއި  ޓްރިޑީ ސްޕޯޓްސް އެކެޑަމީއާއި އެމް ސްޕޯޓްސް އެވެ.

ދުނިޔޭގެ ބެޑުމިންޓަން ދުވަހަކީ ޖުލައިމަހު ފަސް ވަނަ ދުވަހެވެ. ޖުލައި ފަސް ވަނަ ދުވަހު ބޭއްވި ހަރަކާތުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްސަ ކޮށްގެން ބޭއްވި ބެޑުމިންޓަން ފިއެސްޓާ އަކާއި، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ބޭއްވި ބެޑުމިންޓަން މުބާރާތެއް ހިމެނެއެވެ. ކުޑަކުދިންގެ ފިއެސްޓާ ބޭއްވީ ޖުލައި ފަސް ވަނަދު ދުވަހު ހަވީރުއެވެ. ބެޑުމިންޓަން މުބާރާތް ބޭއްވީ އެދުވަހުގެ ރޭގައެވެ. މުބާރާތުގެ އަންހެނުންގެ ބައިންނާއި ފިރިހެނުންގެ ބައިންވެސް ޗެންޕިއަންކަން ހޯދީ ރަތް ޓީމެވެ.

ސްޕޯޓްސް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރ އާމިނަތު ނުސްރަތު ވިދާޅުވީ މިދުވަސް ފާހަގަ ކުރުމަށް އެމިނިސްޓްރީގެ އެހީތެރިކަން ލިބިފައިވާތީ، މިނިސްޓަރަށާއި އިސް ވެރީންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މިފަދަ ހަރަކާތްތަކީ ބެޑުމިންޓަން ކުޅެން ބޭނުންވާ ޒުވާނުންނަށް އިތުރު ފުރުސަތު ލިބި ކުޅިވަރުގެ ކުރިމަގަށް ފާގަތިކަން ލިބޭނޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ދުވަސް ފާހަގަ ކުރުމަށް އިސްކޮށް އުޅުއްވި އެއްބޭފުޅެއް ކަމަށްވާ ޓްރިޑީ ސްޕޯޓްސްގެ ރައީސް، ނާތިޖު އަލީ ވިދާޅުވީ މިއަހަރުގެ ދުނިޔޭގެ ބެޑުމިންޓަން ދުވަސް ރާއްޖޭގައި ފާހަގަކުރީ ހަމައެކަނި ސިޓީގައި ކަމަށެވެ. އެއިން ދޭހަވަނީ އައްޑޫގައި ބެޑުމިންޓަންއަށް އޮތް ލޯބި ކަމަށް އޭނާ ވިދާޅުވިއެވެ.

”ރާއްޖޭގައި މިދުވަސް މިއަހަރު ފާހަގަކުރި ކަމަށްވަނީ ހަމައެކަނި އައްޑޫގައި. އެއިން ދޭހަވަނީ އައްޑޫގެ ޒުވާނުން މިކުޅިވަރަށްދޭ އަހައްމިއްޔަތުކަން. އަންނަ އަހަރު އިރާދަ ކުރެއްވިއްޔާ ކުރިއާލައި ތައްޔާރުވެގެން މިދުވަސް ފާހަގަ ކުރަން މަސައްކަތްކުރާނަން. އުންމީދު ކުރަނީ ކުޅިވަރާ ބެހޭ މިނިސްޓްރީން ވެސް މިފަހަރަށްވުރެ ބޮޑު އެއްބާރުލެއްވުމަކާއި އެހީތެރިކަމެއް ދެންފަހަރަކު ދެއްވާނޭ ކަމަށް،“ ނާތިޖު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް