ފުރަތަމަ ކުއާޓަރުގައި އިންޑިއާގައި މުދާ ބޭނުން ކުރާ މިންވަރު އިތުރު ވެއްޖެ

ބޭންކް އޮފް ބަރޯޑާއިން ފަހުން ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާގެ އިޤްތިޞާދުގައި މުދަލަށް ޑިމާންޑް ރަނގަޅުވަމުންދާކަމުގެ މުހިންމު ނިޝާންތައް ފެންނަމުން ދެއެވެ. އެކި ބާވަތުގެ ކޮންސިއުމަރއާ ގުޅޭ އިންޑިކޭޓަރތަކުން ދައްކާގޮތުގައި، ކުރީ ކުއާޓަރާ އަޅާބަލާއިރު، ގިނަ ދާއިރާތަކެއްގެ އިޤްތިޞާދީ ހަރަކާތްތައް ވަނީ އިތުރު ވެފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިންޑިއާގެ އަގުތައް ބޮޑުވުމުގެ މިންވަރު ކޮންޓްރޯލްވެފައިވުމުން، ކުރިއަށް އޮތްތަނުގައި މަޑުމައިތިރި މަނިޓަރީ ސިޔާސަތެއް ގެންގުޅުމުގެ ފުރުޞަތު އޮތްކަމަށް ބެލެވެއެވެ.

މުދަލަށް ޑިމާންޑް އިތުރުވެފައިވާކަން ދޭހަވާ މުހިންމު ނިޝާންތަކުގެ ތެރޭގައި ދަގަނޑުގެ ބޭނުންކުރުން އިތުރުވުމާއި، އުމްރާނީ ތަރައްޤީއާއި އިމާރާތްކުރުމުގެ މަސައްކަތްތައް އިތުރުވެފައިވާކަން ފާހަގަ ވެއެވެ.

މީގެ އިތުރުން، ގޭބިސީތަކާއި ޞިނާޢީ ދާއިރާގެ ޑިމާންޑްތައް އިތުރުވެފައިވާކަން ދޭހަ ވާއިރު، އިލެކްޓްރޯނިކް މުދަލުގެ އިމްޕޯޓް ވެސް ވަނީ އިތުރުވެފައެވެ. އަދި މަރުކަޒީ ސަރުކާރުގެ ޚަރަދުތައް އިތުރުވުމާއެކު، ކޮންސިއުމަރ ޓްރެންޑްތައް އިތުރަށް ވަރުގަދަވެފައިވާ ކަން ފާހަގަކުރެވެއެވެ.

އޭގެ އިތުރުން ޚިދުމަތުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް އައިސްފައިވާ ކަމަށްވެސް ފހަގަ ކޮށްފައި ވެއެވެ.

ޚިދުމަތުގެ ދާއިރާގެ ޕަރޗޭސިންގ މެނޭޖަރުންގެ އިންޑެކްސް (ޕީއެމްއައި)އަށް ބަލާއިރު އުޅަނދު ރަޖިސްޓްރީކުރުން، ޑީސަލް ބޭނުންކުރުން، އަދި ބިލް ކުރުން ފަދަ އިންޑިކޭޓަރުތަކުން ވެސް ދައްކަނީ އިޤްތިޞާދީ ހަރަކާތްތައް އިތުރުވެފައިވާ މަންޒަރެވެ.

ޚިދުމަތާއި އުފެއްދުންތެރިކަމުގެ ދާއިރާގެ އިންޑެކްސް ވެސް ވަނީ މި ކުއާޓަރުގައި ރަނގަޅުވެފައެވެ. މީގެ އިތުރުން، 2025 ވަނަ އަހަރުގެ ޖުލައި 9 ގެ ނިޔަލަށް، އާދާޚިލާފަށް 15 އިންސައްތަ އިތުރަށް ވާރޭވެހުމުގެ ސަބަބުން ރަށްފުށުގެ އަދި ދަނޑުވެރިކަމުގެ ދާއިރާގެ ޑިމާންޑަށް ކުރިއެރުމެއް ލިބޭނެ ކަމަށްވެސް ބެލެވެއެވެ.

ހިއްސާ ކުރައްވާ!