ފަލަސްޠީނުގެ ކޫފިޔާ: ސަގާފީ ހެދުމަކުން ބައިނަލްއަޤްވާމީ ދިފާޢީ ރަމްޒަކަށް

ކަޅާއި ހުދުކުލައިގެ ކޫފިޔާއަކީ ޒަމާނުއްސުރެ ފަލަސްޠީނުގެ ޙައްޤުތަކާ ގުޅިފައިވާ އަދި އެ ޤައުމުގެ ރައްޔިތުންނާއި އެމީހުންނަށް ތާއީދުކުރާ މީހުންގެ ނަޒަރުގައި އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރުމާއި ދެކޮޅުވެރިކަން ދެއްކުމުގެ ވަރުގަދަ ރަމްޒެކެވެ. އެއީ ހަމައެކަނި ސަގާފީ ހެދުމެއް ނޫނެވެ. ނަމަވެސް އެ ފޮތިގަނޑު ވަނީ ކޮންމެ ތަނެއްގައި ވެސް ފަލަސްޠީނަށް ތާއީދުކުރުމާއި އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމުގެ ބައިނަލްއަޤްވާމީ ރަމްޒަކަށް ބަދަލުވެފައެވެ.

ފަލަސްޠީނުގެ ތާރީޚު ދިރާސާކުރައްވާ ލިޔުންތެރިއެއް ކަމަށްވާ ހަމްޒާ އަލްއަޤްރަބާވީ ވިދާޅުވާ ގޮތުގައި ކޫފިޔާގެ މަޤްބޫލުކަން ތަރައްޤީވެފައިވަނީ ތަފާތު މަރުޙަލާތަކެއްގެ ތެރެއިންނެވެ.

1936 ގެ ބޮޑު އިންގިލާބާއި ކޫފިޔާގެ ފެށުން

  • އާދައިގެ ހެދުމަކުން އިންގިލާބީ ހެދުމަކަށް: ކޫފިޔާގެ ތާރީޚީ ބަދަލު އެންމެ ފުރަތަމަ ފެށުނީ 1936 ވަނަ އަހަރު އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް ހިންގި ފަލަސްޠީނުގެ ބޮޑު އިންގިލާބުގެ ތެރެއިންނެވެ. އޭރު ކޫފިޔާއަކީ ހަމައެކަނި ދަނޑުވެރި ހިސާބުތަކުގެ މީހުން އަޅައި އުޅުނު ސަގާފީ އެއްޗެކެވެ. ސިޓީތަކުގައި ދިރިއުޅުނު މީހުން އޭރު އަޅައިގެން އުޅުނީ އުސްމާނީ ތަރުބޫޝް ނުވަތަ އުސް ތާކިހާއެކެވެ.

  • އިންގިލާބުގެ މައިބަދަ: އިނގިރޭސި ސިފައިންނާ ދެކޮޅަށް ތެދުވި ދަނޑުވެރިންނަކީ އެ އިންގިލާބުގެ މައިބަދައެވެ. ހަނގުރާމަވެރިން އެމީހުންގެ މޫނު ނިވާކުރުމަށްޓަކައި މުޅި ބޮލުގައި ކޫފިޔާ އަޅަން ފެށިއެވެ. އޭރު ބޭނުންކުރި ކޫފިޔާގައި ވަކި ޚާއްޞަ ކުލައެއް ނޯވެއެވެ. ހުދު ކަޅު ރީނދޫ ނުވަތަ ރޮނގުދެމި ކޫފިޔާވެސް ބޭނުންކުރިއެވެ.

  • އިނގިރޭސިންގެ ބިރުވެރިކަން: ފަހުން ކޫފިޔާ އަޅައިގެން ހުންނަ ކޮންމެ މީހަކީ އިނގިރޭސިންނަށް ބިރަކަށް ވެ ކޫފިޔާ އަޅާ މީހުން ހައްޔަރުކުރަން ފެށިއެވެ. އެއާއެކު އިންގިލާބުގެ ލީޑަރުން 1938 ވަނަ އަހަރުގެ އޮގަސްޓް މަހު ބަޔާނެއް ނެރެ އުސްމާނީ ތަރުބޫޝް އެޅުން މަނާކޮށް އިންގިލާބީންނަށް ސަޕޯޓްކުރުމުގެ ގޮތުން އެންމެން ކޫފިޔާ އެޅުމަށް އެންގިއެވެ.

1948 ގެ ނަކްބާ އިން ފެށިގެން ސިޔާސީ ރަމްޒަކަށް ވުން

1948 ވަނަ އަހަރު ޒަޔަނިސްޓުން ހިންގި ނަކްބާ ނުވަތަ ބޮޑު ކާރިސާއާ ހަމައަށްވެސް ތަފާތު ކުލަކުލައިގެ ކޫފިޔާ ބޭނުންކުރިއެވެ. އެ ކާރިސާގެ ތެރޭގައި 8 ލައްކައެއްހާ ފަލަސްޠީނު މީހުން ވަޒަނުން ބޭރުކޮށްލައި ގަތުލުއާންމުތައް ހިންގައި ފެންވަޅުތަކަށް ވިހަލިއެވެ.

1960 ގެ އަހަރުތަކުގެ މެދުތެރެއާ ހަމައަށް އައިއިރު ކަޅާއި ހުދުކުލައިގެ ކޫފިޔާ މުޅި ފަލަސްޠީނުގެ ޤައުމީ ރަމްޒަކަށް ބަދަލުވިއެވެ. 1965 ވަނަ އަހަރުން ފެށިގެން އިސްރާއީލާ ދެކޮޅަށް ހަތިޔާރުއެޅި އިންގިލާބީ ޙަރަކާތްތައް ފެށުމާއެކު ޚާއްޞަކޮށް ފަތަޙަ ޖަމާޢަތުގެ މީހުންނަށް ކޫފިޔާ ވަރަށް މުހިންމު އެއްޗަކަށް ވިއެވެ.

ލީޑަރުންނާއި ކޫފިޔާގެ މަޤްބޫލުކަން

  • ފުރަތަމަ ލީޑަރު: ފަލަސްޠީނުގެ ފަންނާނު އިސްމާޢީލް ޝައްމޫޠުގެ ކުރެހުންތަކާއި އަރުޝީފުތަކުން ދައްކާގޮތުގައި މަރުޙޫމް ރައީސް ޔާސިރު ޢަރަފާތުގެ ކުރިން އެންމެ ފުރަތަމަ ކޫފިޔާ އަޅުއްވައިގެން އުޅުއްވި ސިޔާސީ ލީޑަރަކީ ފަތަޙަ ޖަމާޢަތުގެ އެއް ބާނީ ކަމަށްވާ ފާރޫޤް ޤައްދޫމީއެވެ.

  • ޔާސިރު ޢަރަފާތުގެ ސްޓައިލް: ކޫފިޔާ މުޅި ދުނިޔެއަށް މަޤްބޫލުކޮށްދެއްވި މޭސްތިރިއަކީ ޔާސިރު ޢަރަފާތެވެ. ރައްޔިތުން ބުނާގޮތުގައި އެ މުސްކުޅި ލީޑަރު ދުވަހަކުވެސް ޤައުމީ ނުވަތަ ސިޔާސީ އެއްވެސް ޙަރަކާތެއްގައި ކޫފިޔާއާ ނުލައި ފެނިފައެއް ނުވެއެވެ. އޭނާއާއި ކޫފިޔާ ގުޅިފައިވާ މިންވަރަކީ މިޞްރުގެ ޤާހިރާގެ ޚާން އަލްޚަލީލީ ބާޒާރުގައި ފަތުރުވެރިން ކޫފިޔާއާ ބެހޭގޮތުން ސުވާލުކުރުމުން ވިޔަފާރިވެރިން ޢަރަފާތު ޢަރަފާތު އޭ ކިޔައި ޖަވާބު ދިނުަމެވެ.

  • ޖަމާޢަތްތަކުގެ ކުލަތައް: ފަތަޙަ ޖަމާޢަތުގެ މީހުން ބޭނުންކުރީ ކަޅާއި ހުދުގެ ކޫފިޔާއެވެ. ނަމަވެސް ވާތުފިޔައިގެ ޖަމާޢަތްތައް ކަމަށްވާ ފަލަސްޠީނު މިނިވަންކުރާ ޕޮޕިއުލަރ ފްރަންޓް އަދި ޑިމޮކްރެޓިކް ފްރަންޓްގެ މީހުން ބޭނުންކުރީ ރަތާއި ހުދުކުލައިގެ ކޫފިޔާއެވެ.

ނުރަސްމީ ދިދައަކުން ބައިނަލްއަޤްވާމީ ފެޝަނަކަށް

ކޫފިޔާ ދުނިޔޭގެ ސަމާލުކަމަށް އެންމެ ބޮޑަށް އައީ ފަލަސްޠީނުގެ ފުރަތަމަ އިންތިފާޟާގެ ދުވަސްވަރުއެވެ. އިސްރާއީލުން ފަލަސްޠީނުގެ ދިދަ ގެންގުޅުން މަނާކުރި ދުވަސްވަރު ރައްޔިތުން އުޅުނީ ކަޅާއި ހުދުގެ ކޫފިޔާ އަތަށް ނަގައިގެން ދައްކައިގެންނެވެ. އެހެންކަމުން އެ ފޮތިގަނޑު ފަލަސްޠީނުގެ ނުރަސްމީ ދިދައަށް ބަދަލުވިއެވެ.

21 ވަނަ ޤަރުނުގެ ފުރަތަމަ ދިހަ އަހަރުގެ ތެރޭގައި ކޫފިޔާ ބައިނަލްއަޤްވާމީ ގޮތުން ޒުވާނުންގެ މެދުގައި މަޤްބޫލު ފެޝަނަކަށް ވިއެވެ. ފެޝަން ދައްކާލާ ސްޓޭޖުތަކުން ތަފާތު ޑިޒައިންތަކާއި ކުލަތަކުގައި ކޫފިޔާ ފެންނަން ފެށިއެވެ.

އަޤްޞާ ތޫފާނަށްފަހު ކޫފިޔާގެ މަޤްބޫލުކަން

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށުނު އަޤްޞާ ތޫފާން ހަނގުރާމައަށްފަހު ކޫފިޔާގެ މަޤްބޫލުކަން މުޅި ދުނިޔޭގައި ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިހާރު އެއީ ފަލަސްޠީނުގެ ރައްޔިތުންނަށް ތާއީދުކޮށް އެމީހުންގެ ޙައްޤުގައި ތެދުވުމުގެ ބައިނަލްއަޤްވާމީ އެންމެ ބޮޑު ރަމްޒެވެ.

މިކަމާ ގުޅިގެން ޖަރުމަނާއި ފްރާންސް ފަދ ބައެއް ހުޅަނގުގެ ޤައުމުތަކުގައި ފުލުހުން ވަނީ މުޒާހަރާތަކުގައި ކޫފިޔާ އެޅުން މަނާކޮށް އެ ބޭނުންކުރާ މީހުންނަށް އަނިޔާކޮށް ހަދާފައެވެ. އަދި އެމެރިކާގައިވެސް މި ފަހަކަށް އައިސް ކޫފިޔާއަށް އޮންނަ ޑިމާންޑް ވަނީ ސައްތައިން ސައްތަ އިތުރުވެފައެވެ.

ކޫފިޔާގެ ތާރީޚާއި ބައިނަލްއަޤްވާމީ ތަރިކަ

  • އާސާރީ ފެށުން: މުއައްރިޚުން ބުނާގޮތުގައި ކޫފިޔާ މި ލަފުޒު ނެގިފައިވަނީ ޢިރާޤުގެ ކޫފާ ސިޓީންނެވެ. އަދި މިއީ ރަސޫލާގެ ދަޢުވަތުގެ ކުރިންވެސް ބޭނުންކުރި ހެދުމެކެވެ. މީގެ 5000 އަހަރު ކުރިން ސުމޭރިއަން އަދި ބެބިލޯނިއަން ޙަޟާރާތްތަކުގެ ފައްޅިތަކުގައިވެސް ކޫފިޔާ ބޭނުންކުރި ކަމުގެ ހެކިތައް ވެއެވެ. 1890 ގެ އަހަރުތަކުގައި ޖަރުމަނުގެ އާސާރީ ދިރާސާވެރިޔާ މެކްސް ފޮން އޮޕެންހައިމް ވަނީ ކޫފިޔާއަކީ ޢަރަބި ބަދަވީން ބޮލުގައި އަޅާ ފޮތިގަނޑެއްގެ ގޮތުގައި ތަފްޞީލ ކޮށްދީފައެވެ.

  • އިސެސްކޯ ޖަމާޢަތުގެ ތަރިކަ: 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިސްލާމީ ދުނިޔޭގެ ތަޢުލީމީ ސައިންޓިފިކް އަދި ސަގާފީ ޖަމާޢަތް ކަމަށްވާ އިސެސްކޯއިން ވަނީ ކޫފިޔާއަކީ އިންސާނިއްޔަތުގެ މާއްދީ ނޫން ސަގާފީ ތަރިކައެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ފަލަސްޠީނުގެ ސަގާފަތާ ބެހޭ މިނިސްޓަރު ޢިމާދު ޙަމްދާން ވިދާޅުވިގޮތުގައި މިއީ ފަލަސްޠީނުގެ ޤައުމީ އައިޑެންޓިޓީ ރައްކާތެރިކުރުމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

އައިލެންޑް އެޕަރެލްސްއިން ބޭނުންވާ ކޮންމެ ޑިޒައިނަކަށް ކޫފިޔާގެ ކުރެހުންތައް ހިމެނޭ ޓީޝާޓް ފަރުމާކޮށް ޕްރިންޓްކޮށްދެއެވެ.

ހިއްސާ ކުރައްވާ!