އެމްޕީއެލްއަކީ އަވަސްކޮށް ބޯޓުތައް ހުސް ކުރެވޭ ވަރުގެ ގާބިލުކަން ހުރި ކުންފުންޏެއް ނޫން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ދުވާލަކަށް އެވްރެޖްކޮށް 204 ޓީއީޔޫގެ މުދާ (ޔައުނީ: 20 ފޫޓު ކޮންޓެއިނަރާ އެއްވަރުގެ މުދާ) ކްލިއަރކޮށްފައިވާ ކަމަށް ބުނެފައެވެ. ޖުލައި މަހުގެ ތެރޭގައި ޖުމްލަ 6،320 ޓީއީޔޫގެ މުދާ ކްލިއަރކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޕީއެލްއަކީ ބޮޑެތި ބޯޓުތައް އަވަސް ގޮތަކަށް ހުސްކުރެވޭ ވަރުގެ ޒަމާނީ ގާބިލުކަން ހުރި ކުންފުންޏެއް ނޫން ކަމަށް ޝިޕިންގެ ދާއިރާގެ ފަރާތްތަކުން ބުނެއެވެ. އެފަރާތްތަކުން މިސާލު ޖަހަމުން ބުނަނީ އެމްޕީއެލްއަށް ބޯޓެއް ކްލިއާ ކުރެވެން ނަގާ ވަގުތަކީ މެލޭޝިއާއިން ފުރައިގެން ބޯޓެއް ރާއްޖެއާ ހަމައަށް އައުމަށް ނަގާވަރުގެ ވަގުތެއް ކަމަށެވެ.

އެމްޕީއެލްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ޖުލައި މަހު، ޖޫން މަހާ އަޅާބަލާއިރު 6 އިންސައްތައިގެ ކުރިއެރުމެއް މުދާ ކްލިއަރ ކުރުމުގައި ހޯދާފައި ވެއެވެ. ޖޫން މަހު ދުވާލަކަށް އެވްރެޖްކޮށް ކްލިއަރކޮށްފައިވަނީ 198 ޓީއީޔޫގެ މުދަލެވެ. ކްލިއަރކުރެވުނު ކޮންޓެއިނަރުތަކުގެ ތެރޭގައި 20 ފޫޓުގެ 2،380 ކޮންޓެއިނަރާއި 40 ފޫޓުގެ 1،970 ކޮންޓެއިނަރު ހިމެނެއެވެ.

މިދިޔަ މަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރަށް 16 ޕެރިޝަބަލް ކާގޯ ބޯޓާއި 20 ކޮންވެންޝަނަލް ބޯޓު އައިސްފައިވާކަން އެމްޕީއެލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޖުލައި މަހު އެންމެ ގިނައިން އެތެރެކުރެވުނު ޕެރިޝަބަލް މުދަލުގެ ތެރޭގައި 66،000 ފޮށިގަނޑު ބިހާއި، 49،000 ބަސްްތާ ފިޔާ އަދި 30،000 ބަސްތާ ކަރާ ހިމެނެއެވެ. މީގެއިތުރުން 22،000 ބަސްތާ އަލުވި، 17،000 ފޮށިގަނޑު ޓޮމާޓޯ އަދި 12،000 ފޮށިގަނޑު އަލަނާސި ވެސް އެތެރެކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!