ތިލަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ޝެޑިއުލްއަށްވުރެ 8 ޕަސަންޓް ފަހަތުގައި

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކުރި ގޮތުގައި، ތިލަމާލެ ބްރިޖް މަޝްރޫޢުގެ 62 ޕަސަންޓް މަސައްކަތް މިހާރު ނިމިފައިވީ ނަމަވެސް، މަސައްކަތް ކުރިއަށްދާ ސްޕީޑް އުޅެނީ، ޝެޑިއުލްއާ އަޅާބަލާއިރު 8 ޕަސަންޓް ފަހަތުގައިވެއެވެ.

މަޝްރޫޢުގެ ތަފްސީލަށް ބަލާއިރު، މާލެއާއި ގުޅީފަޅު ގުޅާލާ ސެގްމަންޓުގެ މަސައްކަތް 18 ޕަސަންޓް ލަސްވެފައިވާ ކަން ފާހަގަކުރެވެއެވެ. ނަމަވެސް، ގުޅީފަޅާއި ތިލަފުށި ގުޅާލާ ސެގްމަންޓުގެ މަސައްކަތް ކަނޑައެޅިފައިވާ ޝެޑިއުލްއަށް ވުރެ ކުރިއަށްދާ ކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މަޝްރޫޢުގެ މަސައްކަތް ލަސްވުމަށް މައިގަނޑު ގޮތެއްގައި ހިއްސާކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި، ޕްލޭންކުރަންޖެހޭ ކަންކަން ރަނގަޅަށް ރޭވިފައި ނުވުމާއި، ޕައިލް ކެޕް މަސައްކަތަށް އެކަށީގެންވާ ތައްޔާރީތައް ނުވުން ހިމެނެއެވެ. މީގެއިތުރުން، ތަނބުތައް ޖަހަން ގެނައި، "ރުމެއިލާ" އަކީ މި މަސައްކަތަށް އެންމެ އެކަށޭނަ ޕްލެޓްފޯމެއް ނޫންކަމާއި، މަސައްކަތަށް ބޭނުންވާ މެޓީރިއަލް ގެނައުމުގައި ދިމާވެފައިވާ ލަސްވުންތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.

7.7 ބިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރއެވެ. މިއީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރުއެކެވެ.

އެފްކޮން އިން އަދި މަސައްކަތް ނިންމާފައެއް ނުވެއެވެ، ނަމަވެސް އެކުންފުނިން ވަނީ ރިޓެންޝަން ފައިސާ ދޫކޮށްދޭން އެދިފައެވެ. އެ ކުންފުނިން މަސައްކަތުގެ ރިޓެންޝަން ފައިސާ ދޫކުރުމަށް އެދުމާ ގުޅިގެން، އެކަމަށް އިންޑިއާ ސަރުކާރުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކަށް ދިވެހި ސަރުކާރުން އެދިފައިވާކަން ފާހަގަކުރެވެއެވެ.

މި މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް އައު ބަދަލުތަކެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ. ނަމަވެސް މަސައްކަތް ލަސްވަމުންދާތީ، މަޝްރޫޢު ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތަށް ބަދަލު އަތުވެދާނެކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!