މިއީ ތަރުޖަމާއެކެވެ. މި ލިޔުމަކީ 11 ސެޕްޓެމްބަރުގައި މުސްލިމުންނާ ދެކޮޅަށް އެމެރިކާއިން ފެށި ސޮލީބީ ހަމަލަތަކާ ގުޅިގެން ގުއަންޓަނާމޯ ޖަލުގައި އަނިޔާކޮށް އަދަބު ދިން ޔަމަންގެ މަންސޫރު ސައުދު އަހުމަދު އައްޟައިފީ ދުވަހުގެ މުނާސަބާއާ ގުޅިގެން އަލްޖަޒީރާއަށް ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާއެވެ.
ލިޔުންތެރިޔާއަކީ ފަންނާނެކެވެ. އެކްޓިވިސްޓެއް ވެސް މެއެވެ. އަދި އެމެރިކާއިން އަނިޔާކޮށްގެން ގެންގުޅުނު ގުއަންޓަނާމޯ ގައިދީއެކެވެ. މަންސޫރު އައްޟައިފީ އަކީ ދައުވާއެއް ނެތި 14 އަހަރަށް ވުރެ ގިނަ ދުވަހު އެމެރިކާއިން އަނިޔާކޮށްގެން ގެންގުޅުނު މީހެކެވެ. އައްޟައިފީ 2016 ވަނަ އަހަރު އެމެރިކާއިން އަރުވާލީ ސާބިއާއަށެވެ. އޭނާ އަށް އާ ދިރިއުޅުމެއް ހޯދައި ޓެރަރިސްޓެއްގެ ގޮތުގައި ޝައްކު ކުރެވޭ މީހެއްގެ ހައިސިއްޔަތު ފޮހެލުމަށް އުނދަގޫތަކަކާ ކުރިމަތިވި އެވެ.
އިޖުތިމާއީ އަދުލުގެ ނޫސްވެރިކަމުގެ ދާއިރާއިން ނޮންފިކްޝަން ލިޔުންތެރިންނަށް ދޭ ރިޗާޑް ޖޭ މާގޯލިސް އެވޯޑް، 2019 ވަނަ އަހަރު އައްޟައިފީ އަށް ލިބިފައި ވެއެވެ. އޭނާގެ ހަނދާނީ ފޮތް، "ޑޮންޓް ފޯގެޓް އަސް ހިއަރ، ލޮސްޓް އެންޑް ފައުންޑް އެޓް ގުއަންޓަނާމޯ" ރިލީޒްކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. އޭނާ މަސައްކަތް ކުރަނީ ކޭޖްގެ ގުއަޓަނާމޯ ޕްރޮޖެކްޓް ކޯޑިނޭޓަރުގެ ގޮތުގައެވެ.
އެތައް އަހަރެއް ވަންދެން އަޅުގަނޑާ ކުރާ ސުވާލަކީ، އަޅުގަނޑު ޖަލަށް ލައި، އަނިޔާކޮށް، އިންސާނިއްޔަތުކަން ނަގާލި މީހުންނަށް ދުވަހަކުވެސް މާފު ކުރާނަން ތޯއެވެ؟ މިއީ ވަރަށް ބޮޑު ސުއާލެކެވެ. މިސުއާލާއެކު، ގުއަންޓަނާމޯ ބޭގައި ބަންދުކޮށްފައި ތިބި ހުރިހާ ގައިދީންގެ ފަރާތުން ވާހަކަ ދެއްކުމަށް ވެސް ދައުވަތު ލިބެއެވެ.
މި ސުއާލަށް އާންމު ކޮށް އަޅުގަނޑު ދޭ ޖަވާބަކީ، މާފުކުރުމަކީ ދުވަހަކުވެސް ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ޚާއްޞަކޮށް އަދި އިންސާފު ނުލިބޭ ވަގުތުތަކުގައި މައާފަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އަޅުގަނޑު ގާތްގަނޑަކަށް 15 އަހަރު ވަންދެން ގުއަންޓަނާމޯ ޖަލުގައި އެއްވެސް ދައުވާއެއް ކުރުމެއް ނެތި ބަންދުކޮށްފައި ބެހެއްޓިއެވެ. އެތާނގައި އަޅުގަނޑުމެންނަށް އެމެރިކާ ސިފައިން ކުރަމުން ދިޔަ އަނިޔާއަކީ އެއްވެސް އިންސާނަކަށް ދުވަހަކުވެސް ތަހައްމަލު ކުރެވޭ ވަރަށް ވުރެން އަނިޔާވެރި ރަހުމު ކުޑަ އަނިޔާތަކެކެވެ.
އެމެރިކާއިން އަފްޣާނިސްތާނާއި އިރާގަށް ގަވާއިދާ ޚިލާފަށް އުދުވާނީ ހަމަލައެއްގައި އަރައިގަތުމަށް ބަހަނާ ދެއްކިއެވެ. އެ ބަހަނާއަށް ބޭނުން ކުރީ ސެޕްޓެމްބަރު 11 ގެ މުސްލިމުންގެ ބޮލުގައި ބަދުނާމު އެޅުވި ޝައްކު ކުރެވޭ ހަމަލާ އެވެ.
އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން ހިންގި އަނިޔާވެރި ބިންގަރާހުގެ އަނދި ޖަލުތަކާއި އިރާގްގެ އަބޫޣްރައިބު ޖަލުގައި އަނިޔާކުރުމުގެ ޕްރޮގްރާމްތައް ހިންގައި އަނިޔާކުރުން ގާނޫނަށް ފައްތައި ހެއްޖެވެ. އަދި ގުއަންޓަނާމޯ ޖަލަކީވެސް އިންސާނިއްޔަތުކަމެއް ނެތް ލެބޯޓްރީއަކަށް ބަދަލުކޮށް، ސެޕްޓެމްބަރު 11، 2001 އަށް ފަހު އެމެރިކާއިން މުސްލިމުންގެ ކިބައިން ބަދަލު ހިފަން ދިމާ ކުރިއެވެ. އަޅުގަނޑަކީވެސް އެމެރިކާއިން ބަދަލު ހިފުމަށް ހިންގި ކެމްޕޭނުގައި ރަހީނުކުރި އަދަދު ނުކުރެވޭ ހައިގިނަ މައުސޫމް މީހުންގެ ތެރެއިން އެކަކެވެ.
އަޅުގަނޑު ބަންދުކޮށްފައި ހުރި ގޮޅީގައި އެއްފަހަރަކު ފޮށިގަނޑެއްގައި ހުރި ކެއުމެއް ހުޅުވާލިއިރު ފޮށީގެ އެތެރޭގައި ލިޔެފައި އޮތީ "އަހަރެމެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން، އަހަރެމެން ކަލެމެންނަށް ދުވަހަކުވެސް މާފެއް ނުކުރާނަން" މިފަދައިންނެވެ.
އަޅުގަނޑު އެއަށް ޖަވާބުގައި ލިޔެލީމެވެ: "އަހަރެމެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން. އަހަރެމެން ދުވަހަކު މާފެއްވެސް ނުކުރާނަން، އަހަރެމެން ހައްގު ހޯދަން އިންސާފަށް ހަނގުރާމަކުރާނަން." މިފަދައިންނެވެ.
މި ވާގހަކަ ލިޔުނު ކަމަށްޓަކައި ގުއަންތަނާމޯ ޖަލުގެ އިދާރާއިން އަޅުގަނޑަށް އަދަބު ދިނީ އަޅުގަނޑުގެ މެސެޖަކީ މަރުގެ އިންޒާރެއް ކަމަށް ބުނެ އެވެ. އަދި އަޅުގަނޑު ބަނޑަށް ޖައްސައި އެކަހެރިކޮށް ބަންދުކޮށް ހިލިހިލާ ޖަހައި ބިޑިއަޅުވާފައި ބޭއްވިއެވެ.
މިއަދަކީ ސެޕްޓެމްބަރު 11 ވަނަ ދުވަހު ދިން ހަމަލާތަކަށް 24 އަހަރު ފުރުމުގެ މުނާސަބަތެވެ. "ދުވަހަކުވެސް ހަނދާން ނައްތައެއް ނައްތާނުލަން. ދުވަހަކު މާފެއްވެސް ނުކުރަން" މިއަޒުމު މިއަދުވެސް އެތެރޭގައި ގުގުމައެވެ.
އެމެރިކާއިން ސެޕްޓމްބަރު 11 ގެ ފަހުން ހިންގި އުދުވާނީ ނޭއްގާނީ އަނިޔާވެރި އަމަލުތަކުން ސީދާ އަސަރުކުރި މީހެއްގެ ގޮތުގައި، އަޅުގަނޑު ގަބޫލުކުރަނީ، އެމެރިކާ ސިފައިންގެ މީހާ ކޮއްތުއާއެކު ލިޔެފައި އަޅުގަނޑަށް ދިން މެސެޖަކީ ބަދަލު ހިފުމުގެ މެސެޖެއް ކަމުގައެވެ.
އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން ހިންގި ބިންގަރާސް ސައިޓްތަކާއި، ގުއަންޓަނާމޯ ޖަލާއި، އަބޫޣްރައިބު ޖަލާއި އަދި "ޓެރަރިޒަމާ" ދެކޮޅަށް ހަނގުރާމަކުރުމުގެ ނަމުގައި ހިންގާފައިވާ އެތައް އަނިޔާވެރި ކަމަކަށް މާފުކުރުމަކީ ފަރުދީ ފެންވަރެއްގައި ކުރެވޭނެ ކަމެއް ނޫނެވެ.
އެކަމަކީ ދުނިޔޭގެ ފެންވަރުގައި ދިހަ މިލިއަން މީހުންނަށް އަސަރުކުރި އެމެރިކާއިން ހިންގި އަނިޔާވެރި ކަންކަމެވެ. އެމެރިކާއިން ކުރި އަނިޔާތަކުގެ ޝިކާރައަކަށް ވި މީހުންނާއި އެމެރިކާގެ ޑްރޯން ހަމަލާތަކުގައި މަރާލި މީހުންނާއި، އެމީހުންގެ ޔަތީމުވި ކުދިންނާއި ހުވަފަތްވި އަނބިންނާއި އާއިލާތައް މަތިން ހަނދާން ކުރަން ޖެހެއެވެ. އަފްޣާނިސްތާނާއި އިރާގު، ޔަމަނާއި ސޯމާލިއާގައި މުޅި މުޖުތަމައުތަކަށް އެމެރިކާގެ އަނިޔާވެރިކަމުގެ އަސަރު ކުރިއެވެ.
ބައެއް މީހުން މަޝްހުރުވާން ފަރުދީ ފެންވަރުގައި މައާފު ކޮށްފައި ވެއެވެ. އެކަމަކު 10 މިލިއަން މިހުންގެ ހައްގުގައި ވެފައިޥާ އެމެރިކާގެ އަނިޔާވެރިކަމަކީ އެމީހުންނަށް މައާފް ކުރެވޭނެ ކަމެއް ނޫނެވެ.
މިފަދަ މާފެއް ކުރާ މީހުންނަށް އަޅުގަނޑު ކުރާ ސުވާލަކީ:
ތިބާ މާފުކުރަނީ ކާކަށް ހެއްޔެވެ؟
އަނިޔާ ކުރި މީހަކު ދުވަހަކުވެސް މައާފަށް އެދުނު ހެއްޔެވެ؟
ތިޔަ މައާފު ކުރަނީ އެމީހުންގެ ޖަރީމާތަކަށް އިންކާރުކުރާ ސަރުކާރުތަކެއް ހެއްޔެވެ؟
ތިބާގެ މަޢާފަށް އެއްވެސް މީހަކު އެދިފައިވޭތޯ ނުވަތަ އެއްވެސް ގޯހެއް ނުކުރާކަމަށް ބާރުއަޅާ މީހުންނަށް ހިތުން ރުހުމުން މައާފް ހުށަހަޅަނީ ކިއްވެގެން ހެއްޔެވެ؟
އެމެރިކާގެ ޑްރޯން ހަމަލާތަކުގައި ރަޖިސްޓްރީތަކުން ހިނދުކޮޅެއްގެ ތެރޭގައި ފޮހެވި، ހަނދާން ނެތިގެން ދިޔަ އާއިލާތަކާ މެދު ވިސްނައިފިން ހެއްޔެވެ؟
ސީއައިއޭގެ ބިންގަރާސް ސައިޓްތަކުން ދުވަހަކުވެސް ނުނިކުތް މީހުންނާ މެދު ވިސްނިން ހެއްޔެވެ؟
ނަން ނޭނގޭ، އަދި އެމީހުން މަރުވެފައިވާ ކަމުގެ ރެކޯޑެއް ވެސް ނެތް މީހުންނާ މެދު ވިސްނާލިން ހެއްޔެވެ؟
ހަށިގަނޑު އަނބުރާ އާއިލާއަށް ލިބިފައި ނުވާ މީހުންނާ މެދު ވިސްނާލިން ހެއްޔެވެ؟
މި ސުވާލުތަކުން އިޝާރާތް ކުރަނީ މިއަށްވުރެ ފުން މައްސަލައަކަށެވެ!
އަބަދުވެސް އަނިޔާވެރިން މާފަށް އެދެނީ ކީއްވެގެން ހެއްޔެވެ؟
އަނިޔާ ލިބޭ މީހުންނަށް އަނިޔާވެރިވާ މީހުންގެ ދުނިޔެއަކަށް ޝިފާ ހޯދުމުގެ އަޚްލާޤީ ބުރަ މަޒުލޫމު އުފުލަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟
އެއްވެސް ތަހުގީގެއް ހިންގުމެއް ނެތި، އެއްވެސް ޖަވާބުދާރީވުމެއް ނެތި، ނުވަތަ ގެއްލުމެއް ލިބިފައިވާކަން ގަބޫލުކުރުމުގެ މާކުރިން ވެސް އަނިޔާވެރިންނަށް މައާފް ކުރތަންވީ ކީއްވެގެން ހެއްޔެވެ؟
މި އަޚްލާޤީ ދެފުށްކެހެރި މިންގަނޑުން ހާމަވެގެންދަނީ އިންސާނެއްގެ ގޮތުގައި ދެނެގަނެވޭ މީހުންނާއި އިންސާނުން ކަމަށް ބަލައި ނުގަންނަ މީހުންނާ މެދުގެ ތަފާތެވެ.
އެމެރިކާއިން މީހުން މަރަމުން ދާއިރު، އަދި އަނިޔާކުރަމުން ދާއިރު، ނުވަތަ ނިޒާމުން މީހުން ގެއްލުވާލަމުންދާ އިރު، މިފަދަ އަމަލުތައް ފްރޭމް ކުރެވެނީ ކޮންމެހެން ކުރަންޖެހޭ، ސްޓްރެޓެޖިކް، ނުވަތަ ބުޓޫލީ އަމަލުތަކެއްގެ ގޮތުގައި ހެއްޔެވެ؟
އެމެރިކާގެ އަނިޔާތަކުން ސަލާމަތްވި މީހުން ވާހަކަ ދައްކާއިރު، އެމީހުން ދަނީ ޖަވާބުދާރީވުމަށް ޑިމާންޑް ކުރަމުންނެވެ. އަދި އެމީހުން މާފުކުރުމަށް ދެކޮޅު ހަދާއިރު، އެމީހުން ސިފަކުރެވެނީ ހިތްކަޅު ބަދަލު ހިފުންތެރި، އަދި ޝުކުރުވެރި ނުވާ ބައެއްގެ ގޮތުގައެވެ.
މި މުނާފިގު ކަމަކީ އިއްތިފާގެއް ނޫނެވެ. އެއީ އަނިޔާވެރިކަމުގެ ވެށީގައި ބިންވަޅު ނެގިފައިވާ ކަމެކެވެ.
އަޅުގަނޑުމެންނަށް އިންސާފު ދިނުމުގެ ކުރިން ނުވަތަ ބަދަލު ދިނުމުގެ ކުރިން މާފުކުރުމާ ބެހޭ ވާހަކައެއް ނުފެށޭނެއެވެ. ފެށިގެން ނުވާނެއެވެ.
މިފަދަ ދަނޑިވަޅެއްގައި މާފުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަކީ ކުރާ ކުށްތަކުން އަނިޔާވެރިން ބަރީއަކޮށް އެމީހުންގެ އަނިޔާތައް ޖަސްޓިފައި ކުރުމަށް ކުރާ މަސައްކަތެކެވެ. ހަގީގީ މާފުކުރުމަކީ އިންސާފާއި ވަކިނުކުރެވޭނެ ކަމެކެވެ.
އިންސާފުގެ ކުރިމަތީގައި މާފުކުރުމަށް ބާރުއެޅުމަކީ ޝިފާ ހޯދުމަށް އޮތް މަގެއް ނޫނެވެ؛ އެއީ ހަގީގަތް ފޮހެލުމަށް ގެންގުޅޭ ސްޓްރެޓެޖީއެކެވެ.
އެއީ ހަނދާނުގެ ބަދަލުގައި ހިމޭންކަން، ދެކޮޅުވެރިކަމުގެ ބަދަލުގައި ކިޔަމަންތެރިކަމަށް ބާރު އެޅުމަށް ކުރާ ކަމެކެވެ. އެއީ މާފުކުރުމާ ބެހޭ ވާހަކަތައް ކޮންޓްރޯލް ކުރުމުގެ އިތުރު އާލާތަކަށް ބަދަލުކޮށް، ކުށްވެރިޔާ ބަރީއަކޮށް، ސަލާމަތްވި މީހާ ލަދުގަންނަވާލުމަށް ފަރުމާކޮށްފައިވާ ބަހަނާއެކެވެ.
ސުވާލު އުފެދޭ އަނިޔާވެރިކަމުގެ ނިޒާމުތައް އަދިވެސް ހަމަ އެއްގޮތަކަށް ހުރިއިރު ހަގީގީ މާނައިގައި މައާފެއް ނުދެވޭނެއެވެ. އެމެރިކާއިން ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށް ބުނާ ހަނގުރާމަ ރަސްމީކޮށް އަދިވެސް ނިންމާފައެއް ނުވެއެވެ. ގުއަންޓަނާމޯ އަދިވެސް އޮތީ ހުޅުވާފައެވެ. އެތަން ބަންދުކުރުމާއި، އެތަނުގައި އަނިޔާކުރުމާއި، ޝަރީޢަތުން ބޭރުގައި މީހުން މަރާލުމުގެ މެޝިނަރީ ހަމަ އެގޮތަށް އަދިވެސް ސިއްރިއްޔާތުގައި އެކި ގޮތްގޮތުން ކުރިއަށްދެއެވެ.
އެމެރިކާ ސަރުކާރުން ދިން ގެއްލުމުގެ ޒިންމާ ވެސް ނަގާފައެއް ނުވެއެވެ. ޝިކާރައަކަށް ވެފައިވާ މީހުންނާއި ސަލާމަތްވި މީހުންވެސް އެމީހުންގެ ކުށަށް އިއުތިރާފުވެފައި ނުވާ ކަމަށް ވެސް ބުނެއެވެ. އެކަމަކުވެސް މާނަހުރި ބަދަލެއް ގެނަށް ފައެއް ނުވެއެވެ. އަދި، އިސްލާހު ގެނައުމަށް އެއްވެސް މާނަހުރި މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.
ސެޕްޓެމްބަރު 11 ގެ ހަމަލައަށް ފަހު، މައުސޫމް މީހުން ދިފާއު ކުރަމުން ދިޔަ ކަމަށް ބުނާ އެމެރިކާގެ ބާރު މިހާރު ޣައްޒާގައި އެތައް ހާސް މީހުން ޝަހީދުކޮށްލައި، ނަސްލު ނައްތާލުމުގައި ބައިވެރިވާއިރު، މާފުކުރުމުގެ ވާހަކަ އެފަރާތުން ދައްކާނީ ކިހިނެއް ހެއްޔެވެ؟
ގުއަންޓަނާމޯ ވުޖޫދުގައި އޮތުމަށް ހުއްދަ ދިން މީހުންގެ ނިޒާމުގެ އަޚްލާޤީ ނާކާމިޔާބީތައް މިއަދު ފެންނަ މޫނުބަލާ ލޯގަނޑަކީ ފަލަސްތީނެވެ. އެތާނގައި ފަލަސްޠީނު ރައްޔިތުން ބަނޑަށް ޖައްސައި ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ކަތިލާ ސިޔާސަތުތަކަށް އެމެރިކާއިން ދަނީ ތާއީދު ކުރަމުންނެވެ.
ބައެއް ކުށްތަކަކީ ދުވަހަކުވެސް މާފު ހޯދުމުގެ ގާބިލްކަމެއް ނެތް ކުށްތަކަކަށް ވެދާނެއެވެ. ފަހަރެއްގައި މިފަދަ އަނިޔާވެރިކަމަށް ދޭން ޖެހޭ ހަމައެކަނި އުސޫލީ ޖަވާބަކީ މާފުކުރުމަށް ދެކޮޅު ހެދުމެވެ. އަދި ހަނދާން ނައްތާލުމަށް ވެސް ދެކޮޅު ހެދުމެވެ. ދުވަހަކުވެސް މާފު ކޮށްގެން ނުވާނެއެވެ! ދުވަހަކުވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ! (ނިމުނީ)