ވައިގެ މަގުން ހަމަލައެއް ދިނުމަށް ބޭނުންވާ އެހީތެރިކަން ރަޝިޔާއިން ފޯރުކޮށްދެނީ

ޔޫކޭގެ ޑިފެންސް ތިންކް ޓޭންކް، ރޯޔަލް ޔުނައިޓެޑް ސަރވިސަސް އިންސްޓިޓިއުޓް އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ޓައިވާނަށް ވައިގެ މަގުން ހަމަލާއެއް ދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ އަސްކަރީ އާލާތްތަކާއި ތަމްރީނު ރަޝިޔާއިން ދަނީ ޗައިނާއަށް ފޯރުކޮށްދެމުންނެވެ.

ހެކަރުންގެ ޖަމާއަތެއް ކަމަށްވާ ބްލެކް މޫން ހެކްޓިވިސްޓް ގްރޫޕުން ހޯދި 800 ސަފުހާގެ ލީކްވެފައިވާ ރަޝިޔާގެ ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ރިޕޯޓުގައި، ބުނެފައި ވަނީ އުހުން ވައި ކުޑަ ބޭނުންކޮށްގެން ފުންމާލުމުގެ ތަމްރީންތަކާއި ކަނޑުމަގުން އަރައި ގަތުމަށް ބޭނުންވާ އެމްފިބިއަސް އެސޯލްޓް ވެހިކަލްތަކުގެ ކޮންޓްރެކްޓްތަކާއި ޓެކްނިކަލް ތަފްސީލުތައް ދިނުން މިމަސައްކަތުގައި ހިމެނޭ ކަމަށެވެ. މި ލިޔެކިޔުންތަކުގައި ޓައިވާނުގެ ވާހަކަ ސީދާ ބަޔާންކޮށްފައި ނުވެއެވެ. ނަމަވެސް ޓައިވާނަކީ ޗައިނާ އިން ދެކޭ ގޮތުގައި ބާޣީ ޕްރޮވިންސެކެވެ. އެހެންވެ، ޗައިނާއަށް ފޯރުވައިދޭ މި އާލާތްތަކުން ޗައިނާގެ އެއަރބޯން ޤާބިލުކަން އިތުރުވެ، ބާޣީ ވެރިކަމެއް ކުރަމުންދާ އެ ޖަޒީރާގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ނަގާ މުއްދަތު ކުރުވެދާނެ ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.

ޔޫކޭ އިދާރާގެ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، ޗައިނާއިން މި މުއާމަލާތަށް 210 މިލިއަން ޑޮލަރަށްވުރެ މަތީ އަގެއް ދައްކަމުން ދެއެވެ. މި މުޢާމަލާތުގައި 37 ލައިޓް އެމްފިބިއަސް އެސޯލްޓް ވެހިކަލް، 11 އެމްފިބިއަސް އެންޓި-ޓޭންކް ބަޑި، އަދި 11 އެއަރބޯން އާމަޑް ޕަރސަނަލް ކެރިއަރ ވިއްކުން ހިމެނެއެވެ. މީގެ އިތުރުން، އެއަރބޯން ބެޓަލިއަން އޮޕަރޭޝަންތަކަށް ޗައިނާގައި ތަމްރީނު ދިނުމަށްވެސް ރަޝިޔާއިން ވަނީ އެއްބަސްވެފައެވެ.

އެއަރބޯން ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލްގެ ތަމްރީނާއި އިޖުރާއާތުތަކަށް ޗައިނާއިން ބޮޑު ހޭދައެއް ކުރާނެ ކަމަށް ބެލެވެއެވެ. މި ރިޕޯޓު އެކުލަވާލާފައި ވަނީ ޔޫކޭގެ ޑިފެންސް ތިންކް ޓޭންކް، ރޯޔަލް ޔުނައިޓެޑް ސަރވިސަސް އިންސްޓިޓިއުޓްގެ އޮލެކްސާންޑަރ ޑެނިލްޔުކް އަދި ޖެކް ވޯޓްލިންގ އެވެ. އަދި ޔުކްރެއިންގެ ހަނގުރާމައިން ސަމާލުކަން އެހެން ދިމާލަކަށް ބަދަލުކުރުމަށްޓަކައި، ޓައިވާނާ ގުޅޭގޮތުން އެމެރިކާއާ ކުރިމަތިލުމަށް ރަޝިޔާއިން ޗައިނާ ޝާމިލުކުރަން މަސައްކަތްކުރަމުންދާ ކަމަށްވެސް އެ ދެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ބައިނަލްއަގްވާމީ މީޑިއާއިން މި މައްސަލައާ ގުޅޭގޮތުން ކޮމެންޓަކަށް އެދުމުން ކްރެމްލިން އާއި ޗައިނާ އަދި ޓައިވާންގެ ޑިފެންސް މިނިސްޓްރީތަކުން އެއްޗެއް ބުނެފައި ނުވާ ކަމަށް ވެއެވެ.

ހިއްސާ ކުރައްވާ!