އަލްއަޒްހަރު ޔުނިވާސިޓީގެ ކުރީގެ ޑީން އަދި އިސް އިލްމުވެރިންގެ މަޖިލީހުގެ މެންބަރު އިމާމް އަޙުމަދު ޢުމަރު ހާޝިމް އަވަހާރަވެއްޖެއެވެ. އުމުރުން 75 އަހަރުގައި އަޙުމަދު ޢުމަރު ހާޝިމް އަވަހާރަވިއިރު އޭނާ މަޝްހޫރުވެ ވަޑައިގެންފައި ވަނީ އިސްލާމީ ދަޢުވާއާއި މެދުމިނުގެ ފިކުރު އާލާ ކުރެއްވުމަށް މަސައްކަތް ކުރެއްވި ޝަޚުސިއްޔަތެއްގެ ގޮތުގައެވެ.
އަޙުމަދު ޢުމަރު ހާޝިމްގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އަލްއަޒްހަރު މިސްކިތުގައެވެ.
ޑރ. އަޙްމަދު ޢުމަރު ހާޝިމަކީ ފާއިތުވި 20 އަހަރުގެ ތެރޭގައި އަޒުހަރުގެ އެންމެ ފާހަގަ ކުރެވުނު އެއް ޝަޚުސިއްޔަތެވެ.
އަލްއަޒުހަރު ޔުނިވާސިޓީގެ ރިއާސަތު ބެލެހެއްޓެވުމުގެ އިތުރުން އޭނާ ވަނީ އިސްލާމިކް ރިސާޗް އެކަޑަމީ އާއި އިސް ދަންނަބޭކަލުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި ބައިނަލްއަގްވާމީ އިސްލާމީ ޖަމުއިއްޔާތަކުގައިވެސް އޭނާ އިސް ދައުރެއް އަދާކުރައްވާފައި ވެއެވެ.
އަދި އޭނާ ވަނީ އިސްލާމީ ފިކުރާ ބެހޭ ގިނަ ފޮތްތަކެއް ތައުލީފް ކުރައްވާފައެވެ.