އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ނަވީ މުންބާއީ އިންޓަނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވައި ދެއްވާފައެވެ. އިންޑިއާގެ އެންމެ ބޮޑު ގްރީންފީލްޑް އެއަރޕޯޓް މަޝްރޫޢުގެ ގޮތުގައި 19،650 ކްރޯރު ރުޕީސް ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ މި އެއަރޕޯޓަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް މޮޑެލްގެ ދަށުން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މި ތަން ޑިވެލޮޕް ކުރީ އަދާނީ އިންނެވެ.
1،160 ހެކްޓަރުގެ ސަރަހައްދެއްގައި ތަރައްޤީކޮށްފައިވާ މި އެއަރޕޯޓުގެ ފުރަތަމަ ފިޔަވަހި ފުރިހަމަވުމުން އަހަރަކު 90 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. އަދި 3.25 މިލިއަން މެޓްރިކް ޓަނުގެ ކާގޯ މެނޭޖްކުރެވޭނެއެވެ. މި އެއަރޕޯޓުގައި ހުރިހާ ޓާމިނަލްތައް ގުޅުވައިދޭ އޮޓޮމޭޓެޑް ޕީޕަލް މޫވަރ ސިސްޓަމެކާއި، ސަސްޓެއިނަބަލް އޭވިއޭޝަން ފިއުލްއަށް ޚާއްސަ ވަސީލަތްތަކާއި، އަދި 47 މެގަވޮޓުގެ ސޯލާ ހަކަތަ އުފެއްދޭނެ ނިޒާމެއް ގާއިމު ކުރުން ހިމެނެއެވެ.
އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) ގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް ޝެލްޑަން ހީ ވިދާޅުވި ގޮތުގައި މިއީ އިންޑިއާގެ އޭވިއޭޝަން ދާއިރާގެ މުހިންމު މަރުހަލާއެކެވެ. އޭވިއޭޝަން ދާއިރާއިން އިންޑިއާގެ އިޤްތިޞާދަށް 53.6 ބިލިއަން ޑޮލަރުގެ އެހީތެރިކަން ލިބި، 7.7 މިލިއަން ވަޒީފާ އުފެދިފައިވެއެވެ. މި އެއަރޕޯޓަކީ އިންޑިއާގައި ފެރީ ޚިދުމަތް ދޭ ފުރަތަމަ އެއަރޕޯޓް ވެސް މެއެވެ.
މުމްބާއީގެ ދެވަނަ އެޕޯޓާއެކު ބައެއް ޕްރައިވެޓް ޖެޓްތަކާއި އެތެރޭގެ އުދުހުންތައް މިތަނަށް ބަދަލު ކުރާނެ ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން މުމްބާއީ އެއާޕޯޓަށް ލުޔެއް ލިބިގެންދާނެއެވެ.