ހިޓްލަރުގެ އުފަން ގައުމުން އަނެއްކާވެސް ބުރުގާއާ ހަނގުރާމަ ކުރަން ނިކުންނަނީ

ހިޓްލަރުގެ އުފަން ގައުމު، އޮސްޓްރިއާގެ ސަރުކާރުން ސްކޫލްތަކުގައި މުސްލިމް އަންހެން ކުދިންނަށް ހިޖާބު އެޅުން މަނާކުރުމުގެ ޤާނޫނެއް އަލުން ތަޢާރަފުކުރަން މަސައްކަތް ފަށައިފިއެވެ. މިއީ 2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް ތަޢާރަފުކުރެވުނު ޤާނޫނެއް އަލުން އިޞްލާޙުކޮށްގެން ހަރުކަށި ކުރުމަށް ކުރާ މަސައްކަތެކެވެ.

ކުރީގެ ޤާނޫނުގައި 6 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް ބުރުގާ އެޅުން މަނާކޮށްފައި ވެއެވެ. ނަމަވެސް، މިހާރު ހުށަހަޅާފައިވާ އިސްލާހުގައި 14 އަހަރާ ހަމައަށް، ބުރުގާ މަނާ ކުރާ އުމުރު މަތި ކުރުމަށް ނިންމާފައި ވެއެވެ. އަދި ސަރުކާރުގެ ހުރިހައި ސްކޫލަކާއި އަމިއްލަ ސްކޫލްތަކަށް މި ގާނޫނު ހިނގާނެ ކަމަށް ބުނެއެވެ. އަދި ޖޫރިމަނާގެ އަދަދުވެސް 150 ޔޫރޯއިން އިން 1000 ޔޫރޯއާ ހަމައަށް މަތިކޮށް ނުވަތަ 14 ދުވަހުގެ ޖަލު ޙުކުމެއް އަންނަ ގޮތަށް ބަދަލު ކުރުން ހިމެނެއެވެ.

އޮސްޓްރިއާގެ ކޮންސްޓިޓިއުޝަނަލް ކޯޓުން 2020 ވަނަ އަހަރު ވަނީ މި ޤާނޫނު ފާސްކުރުމުން ބާޠިލުކޮށްފައެވެ. އަދި އެއީ ދީނީ މިނިވަންކަމާއި ޤާނޫނުގެ ކުރިމަތީގައި ރައްޔިތު މީހާގެ ހަމަހަމަކަން ގެއްލޭ ކަމެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. ނަމަވެސް މިހާރު މި ޤާނޫނު އަލުން ތަޢާރަފުކުރަން މަސައްކަތްކުރަނީ ކުރިއާ ޚިލާފަށް މެދު މިނުގެ ޕާޓީތަކާއި ލިބަރަލް ޕާޓީތަކުގެ އެއްބާރުލުމާއެކުގައެވެ.

އޮސްޓްރިއާގެ އިސްލާމިކް ރެލިޖަސް ކޮމިއުނިޓީ (IGGÖ) އިން ވަނީ މި ހުށަހެޅުމާ ދެކޮޅު ހަދާފައެވެ. އަދި ޤާނޫނީ މާހިރުން ވެސް މިއީ ވަކި ދީނަކަށް އަމާޒުކޮށްގެން ހަދާ ޤާނޫނަކަށް ވާތީ، މއީ ހަމަހަމަކަމުގެ އުސޫލާ ޚިލާފު ގާނޫނެއް ކަމަށް ފާހަގަ ކޮށްފައެވެ.

ހިއްސާ ކުރައްވާ!