އޮސްޓްރިއާގެ ވެރިރަށް ވިއެނާގެއެންމެ އުސް ފައްޅީގެ ކުރި ބޯށީގައި ފަލަސްޠީނުގެ ދިދަ ނަގާފައި ހުއްޓާ ފެނިއްޖެއެވެ. މިއީ އާދައިގެ އިންސާނަކަށް ފަސޭހައިން ކުރެވޭނެ ކަމަކަށް ނުވާތީ މި ދިދަ ނެގުނު ގޮތާ މެދު އޮސްޓްރިއާ ސަރުކާރާއި އާންމުން ވަނީ ހައިރާން ކަމަކަށް ވެއްޓިފައެވެ. ބަޔަކު ބުނަނީ ފަލަސްޠީނަށް ތާއީދުކުރާ އެކްޓިވިސްޓުންގެ ބަޔަކު، ވިއެނާގެ މެދުތެރޭގައި ހުންނަ ތާރީޚީ ވޮޓިވްކިރްކޭ ފައްޅީގެ ދެ ޓަވަރަށް ފަލަސްޠީނުގެ ބޮޑެތި ދިދަތައް ނެގީ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ހަވީރު ބޭއްވި މުޒާހަރާއަކަށް ފަހު ކަމަށް ބުނެއެވެ. 100 މީޓަރަށް ވުރެން އުހުގައި ނަގާފައިވާ މި ދިދަތައް ނަގާފައިވަނީ ހޮނިހިރު ދުވަހުގެ ދުވަހުގެ ހެނދުނު ކްރޭނެއް ބޭނުންކޮށްގެންނެވެ.
މި ދިދަތައް ނެގުމަށް ވިއެނާ ސިޓީއަށް ގާތްގަނޑަކަށް 10,000 ޔޫރޯ (166,000 ދިވެހި ރުފިޔާ) ޚަރަދުކުރަން ޖެހުނެވެ.
ފަލަސްޠީނަށް ތާއީދުކުރާ ފަރާތްތަކުން މިކަން ސިފަކޮށްފައިވަނީ އެއްބައިވަންތަކަމުގެ ވަރުގަދަ ރަމްޒެއްގެ ގޮތުގައެވެ. ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ވަނީ މިއީ 19 ވަނަ ޤަރުނުގެ ތާރީޚީ ބިނާއަކަށް ގެއްލުން ދިނުމެއް ކަމަށެވެ.
ކަމި ހާދިސާގެ ސަބަބުން ފުލުހުން ވަނީ މުދަލަށް ގެއްލުން ދިނުމާއި، ހުއްދަ ނެތި ވަނުމުގެ ތުހުމަތުގައި ތަޙްޤީގެއް ފަށާފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.








