ފަލަސްޠީނު ގައިދީންނަށް ނިޒާމީ ސިފައެއްގައި އަނިޔާދިނުމަށް އިސްރާއީލުގެ ޤާނޫނީ ނިޒާމުން މަގުފަހިކޮށްދޭ

ފަލަސްޠީނުގެ ގައިދީންނަށް ނިޒާމީ ސިފައެއްގައި އަނިޔާދިނުމަށް އިސްރާއީލުގެ ޤާނޫނީ ނިޒާމުން މަގުފަހިކޮށްދޭ ކަމަށާއި، އަނިޔާދީގެން ހޯދާ އިޢުތިރާފުތައް ޖިނާޢީ ޝަރީޢަތްތަކުގައި ހެކީގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ދީ، އަނިޔާ ވެރިވާ ފަރާތްތަކަށް ޙިމާޔަތްދޭ ކަމަށް ޕަބްލިކް ކޮމިޓީ އެގެއިންސްޓް ޓޯޗަރ އިން އިސްރާއީލް (ޕީސީއޭޓީއައި) އިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

ބުދަ ދުވަހު ޝާއިއުކުރި "ޓެއިންޓެޑް ބައި ޓޯޗަރ: ޕެލަސްޓީނިއަން ޑިޓެއިނީސް އިން ދަ އިސްރާއީލީ ލީގަލް ސިސްޓަމް" ގެ ނަމުގައި ނެރުނު މި ރިޕޯޓުގައި، މަޖުބޫރުކޮށްގެން ހޯދާ މަޢުލޫމާތު ޝިން ބެޓްގެ ސުވާލުކުރާ ކޮޓަރިތަކުން ފުލުހުންގެ ތަޙުޤީޤުތަކަށާއި، ޕްރޮސެކިއުޓަރުންނާއި ކޯޓުތަކަށް ގެންގޮސް، ފަލަސްޠީނު މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ބޭނުންކުރާ ހެކީގެ ބައެއްގެ ގޮތުގައި ބޭނުން ކުރާ ގޮތް ވަނީ ތަފްޞީލުކޮށްދީފައެވެ.

"އަނިޔ ާކުރުމަކީ ނިޒާމީ ސިފައެއްގައި ހިންގާ ޢަމަލެއްގެ ގޮތުގައި ބޭނުންކުރޭ. މިއީ ޚިޔާލު ތަފާތުވުމެއް އޮތް ކަމެއް ނޫން،" ރިޕޯޓުގައި ބުނެފައިވެއެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި، އދ ގެ އިދާރާތަކާއި، އިސްރާއީލުގެ ރަސްމީ ތަޙުޤީޤުތަކާއި ލިޔެކިޔުންތަކުން މި ޢަމަލު ހިންގާކަން ސާބިތުކޮށްދީފަ ވެއެވެ. ކޯޓުތަކުގައި ޝިން ބެޓްގެ ތަހުގީގު ކުރާ އޮފިސަރުންވެސް އެކަމަށް އިޢުތިރާފުވެފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި ޝިން ބެޓްގެ ތަހުގީގު ކުރާ ފަރާތްތަކާ ގުޅޭގޮތުން ފަލަސްޠީނު މީހުން ހުށަހެޅި 42 މައްސަލައެއް އެ ކޮމިޓީން ވަނީ ދިރާސާކޮށްފައެވެ. އޭގެ ތެރެއިން ހަތަރުބައިކުޅަ ތިންބަޔަށް ވުރެ ގިނަ މީހުން ބުނެފައިވަނީ އަނިޔާދިނުމާއި ޤާނޫނާ ޚިލާފު އެހެނިހެން އުސޫލުތައް ބޭނުންކުރުމުން އެމީހުން މަޖުބޫރުން އިޢުތިރާފުވެފައިވާ ކަމަށެވެ. އަދި ކޮންމެ ދިހަ މީހަކުން އެކަކު ބުނެފައިވަނީ އަނިޔާދިނުމުގެ ސަބަބުން އެހެން މީހުން ބޮލުގައި ކުށުގެ ތުހުމަތު އެޅޭ ގޮތަށް ވާހަކަތައް ދައްކާފައިވާނެ ކަމަށެވެ.

"ފަލަސްޠީނުގެ ގައިދީންނަށް ބަލާއިރު، އެ އިޢުތިރާފުތަކުގެ ޙަޤީޤަތެއް އޮތްތޯ ނުވަތަ ނޫންތޯ ބެލުމެއް ނެތި، އިޢުތިރާފު ހޯދުމުގެ ވަސީލަތެއްގެ ގޮތުގައި އަނިޔާދިނުމަށް އިސްރާއީލުގެ ޤާނޫނީ ނިޒާމުން ރަސްމީކޮށް ހުއްދަ ދޭ،" ޕީސީއޭޓީއައިގެ އެގްޒެކެޓިވް ޑިރެކްޓަރު ސާރީ ބާޝީ ވިދާޅުވިއެވެ.

ޔަހޫދީން އަނިޔާ ކުރާ ޤާނޫނީ އޮނިގަނޑު 1999 ވަނަ އަހަރު އިސްރާއީލުގެ ހައި ކޯޓުން ނެރުނު ޙުކުމަކާ ހަމައަށް ގުޅޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެ ޙުކުމުން ސުވާލުކުރުމުގެ ތެރޭގައި ފަލަސްތީނު މީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުން ޝިން ބެޓްގެ މައްޗަށް މަނާކުރި ނަމަވެސް، ހާލަތު ނިޔާ ކުރާ ގޮތުން އެ ކަމަށް ހުއްދަ ދީފައި ވެއެވެ.

ފަލަސްޠީނު މީހުންނަށް އަނިޔާވެރިވާ ގޮތްގޮތަށް ސުވާލުކުރުމަށް ހުއްދަ ދޭ އުސޫލެއް 2018 ވަނަ އަހަރު ޔަހޫދީންގެ ސުޕްރީމް ކޯޓުން ނެރުނެވެ. އެކަމުގެ ސަބަބުން އަނިޔާ ކުރުމަށް ޤާނޫނީ ސިފަ ޖެހިފައި ވެއެވެ.

ފަލަސްޠީނު މީހުންނަށް އަނިޔާ ކުރަނީ ހަމައެކަނި ޖާސޫސީ މަޢުލޫމާތު ހޯދުމަކަށް ނޫން ކަމަށާއި، ޖިނާޢީ ދަޢުވާ އުފުލުމަށް އިޢުތިރާފު ހޯދުމަށް ވެސް އަނިޔާ ކުރާ ކަމަށް އެ ޖަމްޢިއްޔާއިން ވަނީ ހޯދާފައެވެ. އެފަރާތުން ދިރާސާކުރި 42 މައްސަލައިގެ ތެރެއިން 33 މައްސަލައެއްގައި ސުވާލުކުރުމުގެ ތެރޭގައި އިޢުތިރާފުތައް ހޯދާފައިވާ އިރު، ބައެއް ގައިދީން ވަނީ ފަހުން އެ އިއުތިރާފްތައް އަނބުރާ ގެންގޮސްފައިވެއެވެ.

އަނިޔާ ކުރުން މަނާކޮށް ގައިދީން ޙިމާޔަތްކުރުމުގެ ޤާނޫނީ ޒިންމާ އިސްރާއީލުގެ މުއައްސަސާތަކަށާއި ކޯޓުތަކަށް އޮތް ނަމަވެސް، އިސްރާއީލުގެ ފަނޑިޔާރުން އެކަމުގައި ނާކާމާބުވެފައިވާ ކަމަށް ޕީސީއޭޓީއައިއިން ވަނީ ތުހުމަތު ކޮށްފައެވެ. އަދި ޝަރީއަތުގެ ތިން މަރުހަލާއެއްގައި އެ ނާކާމާބުވުން ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

2019 ވަނަ އަހަރު، ފަލަސްޠީނުގެ ޤާނޫނީ ވަކީލަކު އިސްރާއީލުގެ ކޯޓެއްގައި ވިދާޅުވީ، 27 ދުވަސް ތެރޭގައި 552 ގަޑިއިރަށް ވުރެ ގިނައިރު އޭނާއާ އެކު ތަހުގީގު ކުރި ކަމަށެވެ. އަދި އެއިން ތަހުގީގުގެ އެއް ސެޝަން 28 ގަޑި އިރަށް ދިގުލައިގެން ދިޔަ ކަމަށެވެ. އަދި އެ ވަގުތުތަކުގެ ތެރޭގައި އޭނާ ބިޑި އަޅުވާފައި ބޭންދި ކަމަށް ކިޔައި ދީފައި ވެއެވެ. މި ވާހަކަތައް ކޯޓަށް ކިޔައި ދިނުމުންވެސް އޭނާގެ ޝަކުވާތަކަށް ބެލުމެއް ނެތި ކޯޓުން ބަންދުގެ މުއްދަތު އިތުރުކުރި ކަމަށް ޕީސީއޭޓީއައިއިން ބުނެއެވެ.

ހިއްސާ ކުރައްވާ!