ހަމަނުޖެހުންތަކާ ގުޅިގެން ބަނގްލަދޭޝްއަށް ފޭރާމުގެ ބޮޑެތި އޯޑަރުތައް ގެއްލެނީ

މުސާރައިގެ މައްސަލަތަކުގައި މަސައްކަތްތެރިން ކުރަމުންދާ އިހުތިޖާޖުތައް ދިގުލައިގެން ދިއުމާއި، ތަކެތި އުފެއްދުމުގެ ޚަރަދު ބޮޑުވުމުގެ އިތުރުން މުދާ ފޯރުކޮށްދިނުމުގައި ލަސްތަކެއް ކުރިމަތިވުމުގެ ސަބަބުން، ބައިނަލްއަގުވާމީ ބޮޑެތި ފެޝަން ބްރޭންޑްތަކުން ބަންގްލާދޭޝްއަށް ދީފައިވާ ގާތްގަނޑަކަށް 254 މިލިއަން އެމެރިކާ ޑޮލަރުގެ އޯޑަރުތައް ކެންސަލްކޮށް އެހެން ގައުމުތަކަށް ބަދަލުކޮށްފިއެވެ.

މި އޯޑަރުތައް ބަދަލުކޮށްފައިވަނީ ޒާރާ އަދި އެޗްއެންޑްއެމް ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުންނެވެ. ބަންގްލާދޭޝްއަށް ގެއްލުނު މި އޯޑަރުތަކަކީ އެ ގައުމަށް މަހެއްގެ މައްޗަށް ލިބޭ ޖުމްލަ އޯޑަރުތަކުގެ ގާތްގަނޑަކަށް ދިހަބައިކުޅަ އެއްބައެވެ. މި ބަދަލުގެ ސީދާ ފައިދާ ކުރީ އިންޑިއާ، ވިއެޓްނާމް، ކެމްބޯޑިއާ އަދި އިންޑޮނޭޝިޔާ ފަދަ ސަރަހައްދީ ވާދަވެރި ގައުމުތަކަށެވެ.

ބަންގްލާދޭޝްގެ ތިން ފެކްޓަރީއެއްގެ ވެރިންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މި މަހުގެ 1 އިން 18 އާ ދެމެދު ޒާރާ އާއި އެޗްއެންޑްއެމްގެ އިތުރުން މާކްސް އެންޑް ސްޕެންސަރ އަދި ސެލިއޯ ފަދަ ބްރޭންޑްތަކުން ވަނީ މި އޯޑަރުތައް އެހެން މަންޒިލްތަކަށް ބަދަލުކޮށްފައެވެ.

މި ހާލަތު މެދުވެރިވާން ދިމާވީ އެންމެ ކުޑަ އުޖޫރަ ބޮޑުކުރުމަށް ގޮވާލައި ހެދުން އުފައްދާ ފެކްޓަރީތަކުގެ މަސައްކަތްތެރިން ހަފްތާތަކެއް ވަންދެން ކުރަމުންދާ މުޒާހަރާތައް ހޫނުވުމާ ގުޅިގެންނެވެ. އޮކްޓޫބަރު މަހުގެ ފަހު ދެ ހަފްތާގައި ފެށުނު މި އިހުތިޖާޖުތައް އޮކްޓޫބަރު 31 އިން ފެށިގެން ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެ، މަސައްކަތްތެރިން ވަނީ ފުލުހުންނާ ކުރިމަތިލައި، ފެކްޓަރީތަކަށް ގެއްލުންދީ، އުޅަނދުތަކުގައި ހުޅުޖަހާފައެވެ. މީގެ އިތުރުން ޑާކާ އާއި، ގާޒީޕޫރު އަދި ނާރަޔަންގަންޖު ފަދަ ފޭރާން އުފައްދާ މައި ސަރަހައްދުތަކުގެ މައި މަގުތައް ބަންދުކުރުމުގެ ސަބަބުން އެތައް ސަތޭކަ ފެކްޓަރީއެއްގެ މަސައްކަތް ހުއްޓި، އެތައް ލައްކަ މަސައްކަތްތެރިންނަށް ވަނީ އޭގެ އަސަރުކޮށްފައެވެ.

މިކަމާ ގުޅިގެން ބަންގްލާދޭޝްގެ ސިޔާސީ މަސްރަހު ވެސް ވަނީ ނުތަނަވަސްވެފައެވެ. ވެރިކަމުން ދުރުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އަންނަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭތީ، ގައުމުގެ އެކި ކަންކޮޅުތަކުގައި ތަންތަނުގައި ހުޅުޖެހުމާއި ގެއްލުންދިނުމުގެ އަމަލުތައް ދަނީ އިތުރުވަމުންނެވެ.

ބަންގްލަދޭޝް ގާމެންޓް މެނުފެކްޗަރާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (ބީޖީއެމްއީއޭ) އާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަނުޖެހުންތަކުގެ ސަބަބުން އުފެއްދުންތެރިކަމަށް ލިބުނު ގެއްލުން 400 މިލިއަން ޑޮލަރަށް ވުރެ އިތުރު ވާނެ ކަމަށް ބެލެވެއެވެ. ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ އަވާމީ ލީގު ސަރުކާރުގެ ދުވަސްވަރު ބޮޑު ކުރިއެރުމެއް ހޯދި ރެޑީމޭޑް ގާމެންޓް ދާއިރާއަކީ ބަންގްލަދޭޝްގެ އިގްތިސާދުގެ މައިބަދައެވެ. ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ވަޒީފާ އަދާކުރާ މި ސިނާއަތަކީ އެ ގައުމުގެ އެކްސްޕޯޓް އާމްދަނީގެ 80 އިންސައްތައަށް ވުރެ ބޮޑު ބައެއް އަދި ގައުމީ އުފެއްދުންތެރިކަމުގެ ގާތްގަނޑަކަށް 10 އިންސައްތަ ހިއްސާކުރާ ދާއިރާއެކެވެ.

ބީޖީއެމްއީއޭގެ ޑިރެކްޓަރު މުހުޔިއްދީން ޗައުދަރީ ވިދާޅުވި ގޮތުގައި، މުސާރަ ބޮޑުވުމާއި، ކަރަންޓާއި ފެނުގެ ޚަރަދުތަކުގެ އިތުރުން ރޯމެޓީރިއަލްގެ އަގު އުފުލުމުގެ ސަބަބުން ފޭރާން އުފައްދާ ފަރާތްތަކަށް ދަނީ ބޮޑެތި މާލީ ފިއްތުންތަކާ ކުރިމަތިވަމުންނެވެ.

އަނެއްކޮޅުން، ބަންގްލާދޭޝްއިން އޯޑަރުތައް ބަދަލުކުރުމުގެ ސަބަބުން އިންޑިއާގެ ޓެކްސްޓައިލް ކުންފުނިތަކުގެ ހިއްސާގެ އަގު ވަނީ އުފުލިފައެވެ.

ހިއްސާ ކުރައްވާ!