ނެދަރލެންޑްގެ އެމެލޫރޑްގައި ހުންނަ ޔޫނުސް އެމްރޭ މިސްކިތަށް، މިދިޔަ ހަފްތާ ތެރޭގައި އެތައް ފަހަރެއްގެ މަތިން ބިރުދެއްކުންތަކާއި އިންޒާރުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް ދަ ނެދަރލޭންޑްސް (އައިއެސްއެން) އިން ރިޕޯޓުކޮށްފިއެވެ. މި މިސްކިތުގެ އިމާމަށް ފޯނުން ބިރުދެއްކުމުގެ އިތުރުން، އެހެން ދެ ހާދިސާއެއްގައި އިސްލާމްދީނާ ދެކޮޅު ލިޔުންތަކާއެކު ކީރިތި ޤުރުއާނުގެ ޞަފްޙާތައް ވީދާލާފައިވުމާއި މަރުވެފައިވާ ދޫންޏެއް މިސްކިތުގެ ދޮރުމަތީގައި ބަހައްޓާފައި ހުއްޓާ ފެނިފައިވެއެވެ.
ފާއިތުވި ހަފްތާގެ ހޯމަ ދުވަހު ގޮތް ނޭނގޭ ފަރާތަކުން ވަނީ މިސްކިތުގެ އިމާމަށް ފޯނުން ބިރުދައްކާފައެވެ. އައިއެސްއެން އިން ބުނި ގޮތުގައި، އެމީހާ ބުނެފައިވާ ބަސްތަކުގެ ތެރޭގައި "ތިޔަބައިމީހުން ތިބޭ މިސްކިތްތައް އަހަރަމެން ހުޅު ޖަހާލާނަން،" "ހުރިހާ މުސްލިމުން މި ޤައުމުން ނެރެލާނަން،" އަދި "އަހަރަމެން މިސްކިތެއް ބޭނުމެއް ނޫން،" ފަދަ ބަސްތައް ހިމެނެއެވެ.
އޭގެ އިތުރުން ހުކުރު ދުވަހު މިސްކިތުގެ ދޮރުމަތީގައި މަރުވެފައިވާ ދޫންޏެއް ބާއްވާފައި ވެއެވެ. އަދި ފަތިސް ނަމާދަށް މިސްކިތަށް ދިޔަ މީހަކަށް ވަނީ ވީދާލާފައިވާ މުސްހަފްގެ ޞަފްޙާތަކާއި "އިސްލާމައިޒޭޝަން ހުއްޓާލާ" ފަދަ ނަފްރަތުގެ މެސެޖްތައް ހިމެނޭ ދަބަސްތަކެއް ފެނިފައެވެ. އައިއެސްއެން އިން ބުނީ މި ހާދިސާގެ ކަންކަން ތައް "ބޮޑުކުރަން" ބޭނުން ނުވި ނަމަވެސް، ފުލުހުންނަށް ރިޕޯޓުކޮށްފައިވާނެ ކަމަށެވެ.
އައިއެސްއެންގެ ތަރުޖަމާނު ވިދާޅުވީ، މި މިސްކިތް ބިނާކުރި ފަހުން މިއީ މިފަދަ ކަމެއް ދިމާވީ ފުރަތަމަ ފަހަރު ކަމަށެވެ.







