ޕާކިސްތާނުން ބަންކަރިންގެ ޚިދުމަތް ފަށައިފި

ޕާކިސްތާނުން ރަސްމީކޮށް ދުނިޔޭގެ ބަންކަރިން މާކެޓަށް ވަދެއްޖެއެވެ. ކަރާޗީ ބަނދަރުގައި ފުރަތަމަ ފަހަރަށް އާގު ބޯޓުތަކަށް ތެޔޮ އަޅައި ދިނުމުގެ އޮޕަރޭޝަންތައް ފެށުމާއެކު، ޕާކިސްތާންގެ އެންމެ ބޮޑު ބަނދަރު ވަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަލާމަތާއި އޮޕަރޭޝަނަލް ސްޓޭންޑަޑްތަކާ އެއްގޮތަށް ބަންކަރިންގެ ޚިދުމަތް ފަށާފައެވެ.

މެރިޓައިމް އެފެއާޒް މިނިސްޓަރު ޖުނައިދު އަންވަރު ޗައުދަރީ ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ކަރާޗީ ބަނދަރުގެ ޚިދުމަތްތައް ޒަމާނީ ކުރުމުގެ މަސައްކަތް އަވަސްވެ ޕާކިސްތާނުގެ މެރިޓައިމް އިންފްރާސްޓްރަކްޗާ ހަރުދަނާވެގެންދާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަރާޗީ ބަނދަރަށް މިހާރު ފުޖައިރާ އާއި ސިންގަޕޫރު ފަދަ ބަނދަރުގެ ހަބްތަކާ ވާދަކުރެވޭނެ އެވެ. އަދި، ޝިޕިން ލައިންތަކަށް ފަސޭހައިން ލަފައި، ބަނދަރު ކޯލްތައް ކުރެވޭނެ ކަމަށެވެ.

ޕާކިސްތާނުގައި ބަންކަރިން ޚިދުމަތް ދެނީ ސްވިޒަލޭންޑްގެ ޑަޗް އެނާޖީ އެންޑް ކޮމޮޑިޓީސް ކުންފުނި ވިޓޯލް އާ ގުޅިގެންނެވެ. ވިޓޯލްއިން ވަނީ އެ ކުންފުނީގެ ބަންކަރު ބާޖް ބޭނުންކޮށްގެން ބޯޓުތަކަށް ތެޔޮ އަޅައި ދިނުމުގެ ޚިދުމަތް ފަށާފަ އެވެ.

ކަރާޗީ ބަނދަރުން އާގު ބޯޓުތަކަށް ތެޔޮ އަޅައި ދިނުމަށްޓަކައި ކަރާޗީގެ ކްނަރޖިކޯ ރިފައިނަރީން ދުނިޔޭގެ މިންގަނޑުތަކަށް ފެތޭ އަދި ދަށް މިންވަރަށް ސަލްފަރ ހުންނަ ފިއުލް އޮއިލް (ވީއެލްއެސްއެފްއޯ) އުފައްދަން ފަށާފައި ވެއެވެ. އަދި ބަންކަރިންގައި އަޅާ ދޭތެލަކީ މި ބާވަތުގެ ތެލެވެ. ކަރާޗީގެ ކްނަރޖިކޯ ރިފައިނަރީއަށް ސާފު ނުކުރާ ތެޔޮ ސަޕްލައި ކޮށްދެނީ ވިޓޯލްއިން ނެވެ.

ކަރާޗީ ޕޯޓް ޓްރަސްޓްގެ އޮފިޝަލުން ބުނާ ގޮތުގައި މި އާ ޚިދުމަތުގެ ސަބަބުން ކަނޑުދަތުރުފަތުރުގެ ދާއިރާގެ ޚިދުމަތްތަކާއި އާގު ބޯޓުތައް މަރާމާތު ކުރުމާއި އަދި ލޮޖިސްޓިކްސް ސަޕްލައި ކޮށްދިނުމާއެކު އުޅަނދުފަހަރުގެ ޓްރެފިކާއި ބަނދަރުގެ އާމްދަނީއިން ޕާކިސްތާނަށް ވަންނަ ބޭރު ފައިސާގެ އާމްދަނީ އިތުރުވެގެން ދާނެއެވެ.

ޕާކިސްތާނުން ބަންކަރިންގެ މަސައްކަތް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ އޮޕަރޭޝަންތައް ހިންގާނީ ބައިނަލްއަގްވާމީ ގޮތުން ސެޓްފިކެޓް ލިބިފައިވާ އުސޫލުތަކަށް ތަބާވުމުގެ ގޮތުން، ވިޓޯލްއާ ގުޅިގެން ނެވެ. އަދި ޕާކިސްތާންގެ އެތެރޭގެ ތެޔޮ ސާފުކުރާ މަރުކަޒުތަކުން މިންގަނޑަށް ފެތޭ ސަލްފަރގެ މިންވަރު ދަށް ތެޔޮ އުފެއްދުން އިތުރުވާ ވަރަކަށް އަމިއްލައަށް ބަންކަރިންގެ ޚިދުމަތް ޕާކިސްތާނުން ފުޅާކުރަމުން ގެންދާނެއެވެ.

ވިޓޯލް އިން ބުނެފައި ވަނީ ޕާކިސްތާނުގައި ސާފުކޮށްފައިވާ ތެޔޮ (ވީއެލްއެސްއެފްއޯ) އެ ކުންފުނީގެ ތެޔޮ ބާޖު ބޭނުން ކޮށްގެން ފުރަތަމަ ބޯޓަށް އަޅާދީފައި ވަނީ 8،722 މެޓްރިކް ޓަނުގެ ތެޔޮ ކަމަށެވެ. އެތެޔޮ އަޅާދީފައި ވަނީ ޕޯޓް ޤާސިމްގައި އޮތް އެމްއެސްސީ ކޮންޓެއިނަރު ބޯޓަކަށެވެ.

ވިޓޯލް އިން ފުޖައިރާއާއި، ސިންގަޕޫރު ފަދަ ދުނިޔޭގެ ބޮޑެތި ބަނދަރުތަކުގައި ބަންކަރިންގެ ޚިދުމަތް ދެމުން ގެންދެއެވެ.

ހިއްސާ ކުރައްވާ!