ދިއްލީއާއި ކާބުލްއާ ދެމެދު ކާގޯ ހިދުމަތް އަލުން ފަށައިފި

އިންޑިއާއިން އަފްޣާނިސްތާނާއެކު ވައިގެ މަގުން މުދާ އުފުލުމުގެ ޚިދުމަތް އަލުން ފަށައިފި އެވެ. މިގޮތުން، ކާބުލް-ދިއްލީ އަދި ކާބުލް-އަމްރިޓްސަރް ވައިގެ ކާގޯ ދަތުރުތަކުގެ މަގުތައް މިހާރު ވަނީ އަލުން ހުޅުވާލާފައެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީ އާނަންދު ޕްރަކާޝް ވިދާޅުވީ، ކާގޯ ދަތުރުތަކަށް ބޭނުންވާ ތައްޔާރީތައް ނިމިފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި މިދަތުރުތައް ފަށާނެ ކަމަށެވެ. ވައިގެ މަގުން މުދާ އުފުލުމުގެ ޚިދުމަތް ފެށުމަށް ނިންމީ އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުގެ ވިޔަފާރި ވަޒީރު އަލްހާޖް ނޫރުއްދީން އަޒީޒީ، ނިއުދިއްލީއަށް ފަސް ދުވަހުގެ ދަތުރުފުޅެއް ކުރައްވަމުންދާ ދުވަސްވަރާ ދިމާކޮށެވެ. މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ދެގައުމުގެ ދެމެދުގައިވާ ވިޔަފާރި ގުޅުންތައް ވަރުގަދަ ކުރުމެވެ.

މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ސަމާލުކަން ދީފައި ވަނީ އަފްޣާނިސްތާނުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓު ކުރާ މިންވަރު އިތުރުކުރުމަށެވެ. އަދި އިންޑިއާއިން އުފައްދާ ބޭސް، މެޝިނަރީ އަދި ފޭރާމުގެ ވިޔަފާރި އަފްޣާނިސްތާނަށް ފުޅާކުރުމަށްވެސް އިންޑިއާއިން ބޭނުންވެއެވެ.

މި ފަހުން ހިނގާފައިވާ ސަރަހައްދުގެ ހަމަނުޖެހުންތަކާ ގުޅިގެން ޕާކިސްތާނުން އެގައުމުގެ ބިމުގެ ސަރަހައްދު ބަންދުކުރުމުން، އަފްޣާނިސްތާނުގެ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ކުރިތިވިއެވެ. ވަކިން ހާއްސަކޮށް، ދަނޑުގޮވާމާއި މޭވާގެ ބާވަތްތައް ފަދަ އަވަހަށް ހަލާކުވާ ތަކެތި ބޭރުކުރުމަށް ހުރަސްތަކެއް ކުރިމަތި ވެގެން ދިޔައެވެ. މިކަމާ ގުޅިގެން އަފްޣާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވިޔަފާރިވެރިންނަށް ގޮވާލަމުން ދިޔައީ، ޕާކިސްތާނަށް ބަރޯސާވުން ކުޑަކޮށް، އެހެނިހެން ދިމަދިމާ ހޯދައިގެން މުދާ އެކްސްޕޯޓު ކުރުން އިތުރު ކުރުމަށެވެ.

މީގެ އިތުރުން، އިންޑިއާއިން ވަނީ، އީރާނުގެ ޗަބަހާރު ބަނދަރު މެދުވެރިކޮށް ވިޔަފާރި ކުރިއެރުވުމާ ބެހޭ ގޮތުންވެސް އަފްޣާނިސްތާނާއެކު މަޝްވަރާ ކޮށްފައެވެ.

ތާލިބާން ސަރުކާރުގެ ވިޔަފާރި ވަޒީރު އަޒީޒީގެ މި ދަތުރުފުޅަކީ، މީގެ ދެމަސް ކުރިން އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު މައުލަވީ އާމިރު ޚާން މުއްތަގީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ލިބިގެންދިޔަ ކުރިއެރުމެކެވެ. މި ދެ ދަތުރުފުޅުންވެސް ދައްކުވައިދެނީ އިންޑިއާއާއި އަފްޣާނިސްތާނާ ދެމެދު ގުޅުންތައް އިތުރަށް ބަދަހިވަމުންދާކަމެވެ.

 

ހިއްސާ ކުރައްވާ!