ކޯޓު ތެރޭގައި ލަވަކިޔައި އުޅުނު ގާޒީގެ މައްސަލަ ބަލަން ފެށުމުން އިސްތިއުފާ ދީފި

އެމެރިކާގެ މިޒޫރީ ސްޓޭޓްގެ ސެއިންޓް ޗާލްސް ކައުންޓީ ޑިސްޓްރިކްޓް ކޯޓުގެ ގާޟީ ކޯޓުތެރޭގައި އެލްވިސް ޕްރެސްލީގެ ވިގު އަޅައިގެން، އޭނާގެ މިއުޒިކަށް ލަވަ ކިޔައި އުޅުމުން ސުލޫކީ މައްސަލަ ބަލަން ފެށުމުން އިސްތިއުފާ ދެއްވައިފިއެވެ. ރަސްމީ ރިޕޯޓުތައް ބުނާ ގޮތުގައި، ގާޟީ މެތިއު ތޯންހިލް ކޯޓު ތެރޭގައި ހެއްވާ މަޖާކޮށް އުޅުނީ ޝަރީއަތަށް ހާޒިރުވާ ފަރާތްތަކުގެ ހިތްހަމަޖައްސައިދިނުމުގެ ބޭނުމުގައެވެ. ނަމަވެސް، ޖޭއެސްސީއިން ބަލާފައި ވަނީ އޭނާގެ މިއަމަލަކީ ކޯޓުގެ ސީރިއަސްކަމާއި ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައެވެ.

ޖޭއެސްސީގެ ތަހުގީގަށް ސާބިތުވި ގޮތުގައި ގާޒީ ތޯންހިލް، އެލްވިސް ޕްރެސްލީގެ ވިގު އަޅައިގެން ކޯޓުގައި އުޅުނީ އޮކްޓޯބަރު މަހުގެ ފަހުކޮޅު ހެލޯވީން ފާހަގަ ކުރުމުގެ ގޮތުންނެވެ. އޭނާ މި ވިގު އަޅައިގެން އުޅުނީ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު އަޅާ ހެދުމުގައި ހުރެގެންނެވެ. އަދި ބައެއް ފަހަރު އޭނާ އެލްވިސް ޕްރެސްލީއާ އެއްގޮތަށް އަވި އައިނު އަޅައިގެންވެސް އުޅުނެވެ. ފަނޑިޔާރުގެ މި އަމަލުތަކާ ގުޅިގެން ކޯޓުގެ އެހެން މުވައްޒަފުންނާއި ޝަރީއަތަށް ހާޒިރުވި ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގާޟީ ތޯންހިލް ވަނީ އެލްވިސް ޕްރެސްލީގެ އުފަންދުވަހާއި އޭނާ މަރުވި ދުވަސް ފާހަގަ ކުރުމުގެ ގޮތުންވެސް ކޯޓު ތެރޭގައި އެލްވިސްގެ ލަވަތައް ޖަހައި ހަދާފައެވެ.

ގާޟީ ތޯންހިލްއަކީ ކުޑައިރުއްސުރެ އެލްވިސްއަށް ލޯބިކުރާ މީހެކެވެ. އޭނާ ވަނީ އެލްވިސްގެ ގެ ކަމަށްވާ "ގްރޭސްލޭންޑް" އަށް 13 ފަހަރު ޒިޔާރަތްކޮށްފައެވެ.

ޖޭއެސްސީއިން ގާޒީގެ މައްސަލަ ބަލަން ފެށުމާއެކު އޭނާ 6 މަސް ދުވަހަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައި ވެސް ބެހެއްޓިއެވެ. އޭނާގެ އިސްތިއުފާއާއެކު، ޝަރުއީ ދާއިރާއަށް 20 އަހަރު ވަންދެން ޚިދުމަތް ކުރިކުރުން ނިމުމަކަށް އައީއެވެ. 

ހިއްސާ ކުރައްވާ!