ހަމްޒާ ބަސްޔޫނީ އަކީ ޖަމާލު އަބްދުއްނާސިރުގެ ވެރިކަމުގައި މިސްރުގެ ޖަލުތައް ބެލެހެއްޓި އަނިޔާވެރި ޖައްލާދެވެ. އޭނާގެ ޖަލުތަކުގައި އަނިޔާ ކުރުމުގެ ވާހަކަތައް ތަފާތު އެތައް ބަޔަކު ވަނީ އެމީހުން ޖަލުގައި ހޭދަކުރި ދުވަސްތަކާ ބެހޭ ގޮތުން ލިޔުނު ފޮތްތަކުގައި ލިޔެފައެވެ. މި އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވާ ގިނަ މީހުންނަކީ ދަންނަބޭކަލުންނެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ދެ ޖިންސުން މީހުން ތަފާތުކޮށް ވަކި ގޮޅިތަކުގައި ގެންގުޅުނު އިރު އޮރިޔާމުން ގެންގުޅެފައި އަނިޔާ ކުރިކަން ޔަގީން ކޮށްދީފައި ވެއެވެ.
ހަމްޒާ ބަސްޔޫނީ މަޝްހޫރު ވެފައި ވަނީ "އަނިޔާވެރިކަމުގެ ރަސްގެފާނު" ނުވަތަ "ޖަލުތަކުގެ އަނިޔާވެރިޔާ" ގެ ނަމުން ނެވެ. ހަމްޒާ ބަސްޔޫނީ އަކީ، ޖަމާލު އަބްދުއްނާސިރުގެ ނިޒާމުގައި އަނިޔާ ކުރުމުގައި މަޝްހޫރުވި ނަންތަކުގެ ތެރޭން އެއް ނަމެވެ.
ހަމްޒާ ބަސްޔޫނީއަކީ ސިފައިންގެ ޖެނަރަލެކެވެ. އަބްދުއްނާސިރުގެ އިތުބާރާއެކު އޭނާއަށް އަނިޔާކުރުމުގެ މަގާމު ހަވާލު ކުރެވުނީ އެވެ. އޭނާ ވަނީ 1950 އާއި 1960 ގެ އަހަރުތަކުގެ ތެރޭގައި ސިފައިން ބަލަހައްޓަމުން ދިޔަ ޖަލުގެ އެންމެ އިސް ޖައްލާދުގެ މަގާމު އަދާކޮށްފައެވެ.
މިސްރުގައި އިސްލާމީ ފިކުރުގެ މީހުންނާ ދެކޮޅަށް ސަރުކާރުން ރޭވި ރޭވުމެއްގައި 1954ގައި މަންޝިއަތުލްބަކްރީގައި ޖަމާލު އަބްދުއްނާސިރު ތަގްރީރު ކުރައްވަނިކޮށް އޭނާއާ ދިމާއަށް ބަޔަކު ބަޑި ޖެއްސެވެ. އެކަމާ ގުޅިގެން އިސްލާމީ ސިޔާސީ ވާހަކަ ދެއްކި ހުރިހައި ދަންނަބޭކަލުން ޖަލަށް ލިއެވެ. އަނިޔާ ކުރިއެވެ.
ހަމްޒާ ބަސްޔޫނީގެ އަނިޔާވެރިކަމަށް ވުރެން ބޮޑަށް މިހާރުވެސް މިސްރުގައި އޭނާ މަޝްހޫރުވެފައި ވަނީ އޭނާގެ މަރާއި، އޭނާގެ ޖަނާޒާއާއި، އޭނާގެ ކަށުނަމާދުގައި ދިމާވި ކަންތައްތަކާ ގުޅިގެންނެވެ.
މޫސުމް ރީތި ފިޠުރު އީދު ދުވަހެއްގެ ހެނދުނެވެ. އެއީ 1971 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހެވެ. އުމުރުން 68 އަހަރުގެ ބަސްޔޫނީ ދިޔައީ އޭނާގެ ބޭބެއާއެކު ކާރުގައި ޤާހިރާއިން ފުރައިގެން އިސްކަންދަރިއްޔާއާ ދިމާ އަށެވެ.
ކުއްލިއަކަށް އޭނާގެ ކާރުގެ ކުރިމައްޗަށް އެރީ ކޮންސްޓްރަކްޝަން ދަނގަޑު ހިފައިގެން ދިޔަ ލޮރިއެކެވެ. ބަސްޔޫނީގެ ކާރު ލޮރިއާ މުޑިއެރުމުން ލޮރީގައި ހުރި ދަނގަނޑުތައް ކާރުގެ ބިއްލޫރި ފޫއަޅުވާފައި އައިސް ވަދެފައި ވަނީ ބަސްޔޫނީގެ ކަރަށާއި މެއަށެވެ.

އެތައް އިރެއް ވަންދެން ބަސްޔޫނީ މަރުގެ ސަކަރާތުގައި އޮތެވެ. އަދި އޭނާ ސަލާމަތް ކުރަން މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް އޭނާ، ކާރު ތެރޭން ނެރެވޭނެ ގޮތެއްވެސް ނުވިއެވެ. އަދި ދަނގަނޑުތައް އޭނާގެ ގައިން ދަމައި ގަނެވޭނެ ގޮތެއް ވެސް ނުވިއެވެ.
އެހާދިސާ ތަހުގީގު ކުރުމަށް އެތަނަށް ދިޔަ ޕްރޮސެކިއުޓަރު އޮފީހުގެ އުސްތާޒް ޚައިރީ ޔޫސުފްގެ ރިޕޯޓްގައި ލިޔުއްވާފައި ވަނީ އެހައި ބިރުވެރި ގޮތަކަށް މީހަކު މަރުވެފައި ވަނިކޮށް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.
އެކްސިޑެންޓް ސިފަ ކުރައްވަމުން އޭނާގެ ރިޕޯޓްގައި ލިޔުއްވަނީ ބަސްޔޫނީގެ މެދުހަށީގެ ހުރހައި ހިސާބަކަށް ދަނޑުތައް ވަދެފައި ހުރި ކަމަށެވެ. ބޮލަށާއި ކަރަށް ވެސް ދަނގަނޑުތައް ވަދެފައި ހުރި ކަމަށެވެ. މާނައަކީ އޭނާ އިނީ އުލު ބޭންދިފައެވެ! މިއީ މީހަކު ގަސްތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށާއި މިއީ މަގުމަތީގެ ހާދިސާއެއް ކަމަށް ރިޕޯޓް ތައްޔާރު ކުރެއްވުމަށްފަހު ޝުބްރަލްޚީމާގެ ޕަބްލިކް ޕްރޮސެކިއުޝަން އޮފީހުގެ އަރުޝީފްގައި އޭނާ މައްސަލަ ފައިލްކުރައްވައި، މައްސަލަ ކުރިއަށް ނުގެންދަވަން ނިންމެވިއެވެ.
ދެން އޮތީ ބަސްޔޫނީ ހިނެވުމުގައި ކަން ދިމާވި ގޮތުގެ ވާހަކައެވެ. މިސްރުގެ ނޫސްތަކުގައި ލިޔެފައިވާ ގޮތުގައި ބަސްޔޫނީ، އެތައް ފަހަރަކު ހިނަވަން ޖެހުނެވެ. ކޮންމެ ފަހަރަކުވެސް ހިނަވައި ކަފުންކޮށް ނިމޭ ތަނާ ނަޖިސް ބޭރުވެ، މައްޔިޔާ ތަޣައްޔަރުވެ ނުބައި ވަސް ދުވާން ފަށައެވެ. އެންމެ ފަހުން ކެތް ނުކެރިގެން އެހާލުގައި އޭނާ ކަފުންކޮށް ބޭއްވުމަށް ނިންމީއެވެ. މިވާހަކަތައް ނޫސްތަކުގައި ލޮލުން ދުށް މީހުން ރިޕޯޓްކޮށްފައި ވެއެވެ.
ހަމްޒާ ބަސްޔޫނީގެ ޖަނާޒާ ނަމާދަށް ގެންދެވުނީ ޤާހިރާގެ ސައްޔިދާ ޒައިނަބް މިސްކިތަށެވެ.
ސައްހަ ރިޕޯޓްތަކުން ކަށަވަރު ކޮށްދީފައިވާ ގޮތުގައި އޭނާގެ ސަންދޯއް މިސްކިތް ތެރެއަށް ވައްދަން އުޅެ އުޅެ މިސްކިތް ތެރެއަށް ވެއްދޭ ގޮތެއް ނުވިއެވެ. ކޮންމެ ފަހަރަކުވެސް ކޮންމެވެސް ބާރަކުން މިސްކިތު ދޮރާ ހަމައިން ސަންދޯއް ބޭރަށް ދަމައިގަންނަ ހެން ހީވެއެވެ. އެހެންވެ، އޭނާގެ ޖަނާޒާ ނަމާދު ބާއްވާފައި ވަނީ މިސްކިތުން ބޭރުގައި މިސްކިތުގެ އަނެއް ފަރާތު ދުވާރު މަތީގައެވެ.
މިވާހައަކީ ތެދު ވާހަކައެއް ކަން ޔަގީން ކޮށްދެއްވި ފަރާތްތަކަކީ ލިޔުންތެރިން ކަމަށްވާ ސަރްވަތު ޚަރްބާވީއާއި މުސްތަފާ ބަކްރީއާއި އަޙުމަދު ރަޖަބްއާއި ޚައިރީ ޔޫސުފް އެވެ.
ޖަނާޒާ ނަމާދަށްފަހު، ސައްޔިދާ ޒައިނަބްގެ މިސްކިތުގެ މިންބަރަށް އަރައިވަޑައިގެން ޚަޠީބު ޚުޠުބާއެއް ވިދާޅުވިއެވެ. ބުނެވޭ ގޮތުގައި މި ޚުޠުބާ ދެއްވި ފަރާތަކީ މަރުޙޫމް ޝެއިޚު މުޙައްމަދުލް ޣަޒާލީއެވެ. އޭނާގެ ޚުތުބާ ވަނީ މަޝްހޫރު ޚުޠުބާއަކަށް ވެފައެވެ. ވިދާޅުވިއެވެ!
"އޭ ބަސްޔޫނީއެވެ! ނިކަން ބުނެދީ ބަލާށެވެ! މީހަކު ޖަލު ބަންދުކޮށް ކަސްތަޅު އަޅުވައިގެން މިއުޅެނީ ކޮން ފަރާތަކުން ހެއްޔެވެ؟ ކަލެއަށް، ﷲ އެކަހެރި ގޮޅިއެއްގައި ބަންދު ކުރެވުނު ހެއްޔެވެ؟ ނުވަތަ ﷲ ކަލޭ ބަންދުކުރައްވައި، އެއިލާހުގެ ގެކޮޅަށް، ކަލޭ ވެއްދިޔަ ނުދެއްވީ ހެއްޔެވެ؟ އޭ ހަމްޒާއެވެ! މިހާރު ދުނިޔެއަށް އެނގި ކަށަވަރު ވެއްޖެއެވެ! ކަލޭ ތިޔައީ، އެ އިލާހުގެ އަޅެކެވެ! އަދި އެ އިލާހު އެއީ، ރައްބު ވަންތަ އިލާހެވެ!"
ހަމްޒާ ބަސްޔޫނީއަކީ އޭނާގެ ޖަލު ބެލެހެއްޓުމުގައި އިލާހީ ޒާތުފުޅަށް ކުޑައި މީސް ބަސްތައް ރައްދުކޮށް ބޮޑު ބަސް ބުނެ އުޅުނު ޖައްބާރެކެވެ. ލޯފަން ޝެއިޚު ޢަބްދުލްހަމީދު ކިޝްކަށް އަނިޔާ ކުރަމުންވެސް ބަސްޔޫނީ ބުނަމުން ދިޔައީ "ކޮބާ ހޭ ކަލޭގެ ރައްބު؟ ….ދޭ ނޫން ހެއްޔެވެ؟" އަދި ޝެއިޚު އޭނާއަށް ޒުވާބު ދެއްވުމުން އިތުރަށް އިލާހީ ޒާތުފުޅަށް ޖަދަލުކޮށް ބުނާ ވާހަކަ، ޝެއިޚު މުޙައްމަދުލްޣަޒާލީ އޭނާގެ ޚުޠުބާގައި އިޝާރާތް ކުރައްވާފައި އެވަނީއެވެ.
އަންހެން ދަންނަބޭކަލެއް ކަމަށްވާ ޒައިނަބުލް ޣަލާޒީގެ ޖަލުގެ ދުވަސްތަކާ ބެހޭގޮތުން އޭނާގެ ފޮތުގައި ލިޔުއްވަނީ އޮރިޔާންކޮށް ގަނޑުފެން މަތީގައި ބާއްވައިގެން ހަމްޒާ ބަސްޔޫނީގެ ހާޒިރުގައި އަނިޔާ ކުރަމުން ދިޔަ ކަމަށެވެ. އަދި އެފަދަ އެހެން ވާހަކަތައް ޝެއިޚު ކިޝްކްވެސް ވިދާޅުވެ ދެއްވާފައި ވެއެވެ.
މިސްރުގައި މީހުން ވަޅުލަނި އާއިލީ ގަބުރުސްތާންތަކުގައެވެ. ކޮންމެ ފަހަރަކުވެސް އާއިލީ މީހަކު މަރުވުން ކަށްވަޅު ނަގައި އާއިލާ މީހާ ބާއްވައި މަތި ޖަހައެވެ. ނަމަވެސް ބަސްޔޫނީގެ ގަބުރުން ދުވަމުން ދިޔަ ނުބައި ވަހާ ހެދި އޭނާ ވަޅުލާފައި ވަނީ އެކަނި މަހާނައެއްގައެވެ. އަދި ދެވަނަ ފަހަރަށް އެތަން ނުހުޅުވާ ގޮތަށް ސިމެންތި އަޅައި އެމަހާނަ ބަންދު ކުރިއެވެ.







