ގިނަ ބަޔަކަށް އާ ދީނަކަށް ރުޖޫޢަވުމަކީ ކުއްލިއަކަށް އަންނަ ބަދަލެކެވެ. ނަމަވެސް، ތޫނުފިލިކަމާއި ތުރުކީގެ ސަގާފަތަށް އޮތް ލޯތްބެއްގެ ސަބަބުން، ލަންޑަނަށް ނިސްބަތްވާ އެޑްވަރޑް ރޯވްގެ ދަތުރަކީ ލަސްލަހުން، ވިސްނުންތެރިކަމާއެކު ކުރިއަށްދިޔަ ދަތުރެކެވެ. ސާނަވީ މަދަރުސާގެ ކްލާސްރޫމަކުން ފެށުނު މި ދަތުރު، އެންމެ ފަހުން އޭނާ އިސްލާމްދީނާ ހަމައަށް ގެންގޮސްދިނެވެ.
މުސްލިމް މުޖުތަމަޢުގެ ހަރަކާތްތެރި މެންބަރަކަށް ވުމުގެ މާ ކުރިން، ރޯވްއަކީ އަމަލީ ގޮތުން ކްރިސްޓިއަން ދީން ގަބޫލުކޮށްގެން އުޅުނު މީހެކެވެ. ހަގީގަތުގައި، އޭނާ އެ ދީނަށް އޮތް ސާބިތުކަމެއްގެ ބޮޑުކަމުން، އެއްދުވަސްވަރެއްގައި ފާދިރީއަކަށް ވުމަށްވެސް އުންމީދުކުރިއެވެ. ނަމަވެސް، ފަލްސަފާ އަދި އަޚްލާގިއްޔާތު ކްލާހެއްގެ ތެރެއިން، ދިރިއުޅުމުގެ މަގްސަދާއި އިލާހުގެ ޒާތުފުޅާ ބެހޭ "ބޮޑެތި ސުވާލުތަކާ" މެދު އޭނާ ފުންކޮށް ވިސްނަން ފެށިއެވެ.
"އޭގެ ނަތީޖާއެއްގެ ގޮތުން އަހަރެން އިސްލާމްދީނާ މެދު ދިރާސާކުރަން ފެށިން،" ރޯވް ހަނދާން އާކުރިއެވެ. "އަހަރެންނަށް ފެނުނީ އެ ސުވާލުތަކަށް އެންމެ ހިތްހަމަޖެހޭ، އެންމެ ފުރިހަމަ ޖަވާބު ދެނީ އިސްލާމްދީން ކަމަށް. އެއީ އަހަރެން އެންމެ ބޮޑަށް މި ދީނަށް ޝައުގުވެރިކުރުވި ކަންތައް." ރޯވް ބުނެއެވެ.
ފުރަތަމަ ޝައުގުވެރިކަން އުފެދުނު ނަމަވެސް، މި ބަދަލު އައީ އެއްފަހަރަކާއެއް ނޫނެވެ. އެއީ 7 އަހަރު ދުވަހަށް ދެމިގެންދިޔަ، ވިސްނުންތެރިކަމާއި ރޫހާނީ ގޮތުން ކުރެވުނު ދިގު މަސައްކަތެކެވެ.
ލަންޑަން ޔުނިވަރސިޓީގެ 'ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒް' ގައި ކިޔަވަމުން ދިޔައިރު، ރޯވް މެދުއިރުމަތީގެ ތާރީޚާއި އިސްލާމީ ހަޟާރާގެ ތެރެއަށް ފީނައިގަތެވެ. މި އިލްމީ ދިރާސާތަކުގެ ސަބަބުން، އިނގިރޭސި މުޖުތަމަޢުގެ ތެރޭގައި މުސްލިމުންނާ މެދު އޮތް ނުބައި ތަސައްވުރުތައް އޭނާގެ ހިތުން ފިލައިގެން ދިޔައެވެ.
"މުސްލިމުންނަކީ ހަރުކަށި ނުވަތަ ފަހަތަށްޖެހިފައިވާ ބައެއް ކަމަށް މީހުން ދެކޭ ނުބައި ތަސައްވުރު ބާތިލުކުރުމަށް މީގެ ސަބަބުން އެހީތެރިވެދޭ،" އޭނާ ކިޔައިދިނެވެ. "އިސްލާމީ އަސްލުތަކުގެ މައްޗަށް ބިނާވެފައިވާ ވަރަށް މަތިވެރި، އަޖައިބުކުރުވަނިވި ހަޟާރާތުގެ ހެކި އަހަރެންނަށް ފެނުނު." އޭނާ ކިޔައި ދެއެވެ. ނަމަވެސް، ތިއަރީތަކުން އަމަލީ ދިރިއުޅުމަށް އޭނާ ގެންގޮސްދިނީ މާ ޒާތީ ގުޅުމެކެވެ.
ފަހުން އޭނާގެ އަނބިމީހާއަށްވި ތުރުކީ އަންހެނަކާ ބައްދަލުވުމަށްފަހު، ރޯވް އޭނާގެ އާއިލާއާ ބައްދަލުކުރުމަށް ތުރުކީއަށް ދަތުރުކުރިއެވެ. އޭނާގެ މުސްތަގުބަލުގެ ބަފާބެ ނަމާދުކުރަނިކޮށް ފެނުމުން، އެ އިލްމީ ދިރާސާވެރިޔާގެ ހިތުގައި ހަގީގީ ބަހުސެއްގެ ޝައުގުވެރިކަން އުފެދުނެވެ.
"އޭނާއަށް ލިބިފައިވާ ހިތްހަމަޖެހުން އަހަރެންވެސް ބޭނުންވި،" ރޯވް ބުންޏެވެ. ޖެިހގެން އައި ދުވަހު، އިސްތަންބޫލްގެ ފާތިހްގައި ހުންނަ ތާރީޚީ ނޫރުއުސްމާނިއްޔާ މިސްކިތުގައި އޭނާ ޝަހާދަތް ކިޔައި، އިސްލާމްވިއެވެ.
"އަހަރެން އިސްލާމްވި ދުވަހު ބައްދަލުވި އިމާމާ އަދިވެސް ގުޅުން އޮވޭ… އަދި ހުކުރު ޚުތުބާ ދޭން ދަސްކުރުމަށްފަހު، ތުރުކީގެ ޖުއްބާއެއް ލައިގެން ހުރި ފޮޓޯއެއްވެސް އަހަރެން އޭނާއަށް ފޮނުވިން." ރޯވް ކިޔައި ދެއެވެ.
އަނބުރާ ލަންޑަނަށް އައިސް، ރޯވްގެ ރޫހާނީ އަދި އަމިއްލަ ދިރިއުޅުން ގުޅިގެންދިޔައީ އިރުމަތީ ލަންޑަނުގެ ހެކްނީގެ ހިމޭން ކޮޅެއްގައި ހުންނަ މަސްޖިދު ރަމަޟާން ގައެވެ. ރޯވްއަށް މި ބިނާއަކީ އޭނާގެ ދިރިއުޅުމުގެ "ދެ ލޯބި" ކަމަށްވާ އޭނާގެ އަނބިމީހާއާއި ތުރުކީވިލާތް ރަމްޒުކޮށްދޭ ތަނެކެވެ.

"އަހަރެންގެ ކައިވެނި ކުރެވުނީވެސް މި މިސްކިތުގައި،" އޭނާގެ ދިރިއުޅުމުގައި ބޮޑު އަހައްމިއްޔަތެއް ދެވިފައިވާ އެ ތަނަށް އިޝާރާތް ކުރަމުން ރޯވް ބުންޏެވެ.
މި މިސްކިތަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ތަނެކެވެ. 1977 ވަނަ އަހަރު ތުރުކީ ސައިޕްރަސްގެ މުޖުތަމަޢުން ޔަހޫދީ ފައްޅިއަކުން މިސްކިތަކަށް ބަދަލުކުރި މި ތަނަކީ، އިނގިރޭސިވިލާތުގައި ބިނާކުރެވުނު ފުރަތަމަ ތުރުކީ މިސްކިތެވެ. މިއީ އުސްމާނީ ޚިލާފަތުގެ މާޒީއާ ގުޅުވައިދޭ ދިރިހުރި ފާލަމެކެވެ. 2006 ވަނަ އަހަރު، އުސްމާނީ ޚިލާފަތުގެ އެންމެ ފަހުގެ ޚަލީފާ ޢަބްދުލްމަޖީދު ދެވަނަގެ ދަރިކަނބަލުން ދުއްރުއްޝަހްވާރު ސުލްޠާންގެ ކަށުނަމާދުވެސް ބޭއްވީ މި މިސްކިތުގައެވެ.
އިސްލާމްދީނަށް ބަދަލުވާ މީހަކަށް ސަގާފީ ގޮތުން ބާކީވެފައިވާ ކަމުގެ އިހުސާސެއް ކުރެވިދާނެ ކަމަށް ހީވި ނަމަވެސް، ރޯވްއަށް އިހުސާސް ކުރެވުނީ މުޅިން އިދިކޮޅަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި "އަޖައިބު" ކަމެއްގެ ގޮތުގައި ސިފަކުރަމުން އޭނާ ބުނީ: "މުސްލިމަކަށް ވީ ފަހުން، ކުރިއަށްވުރެ ބޮޑަށް އަހަރެންނަކީ އިނގިރޭސިއެއް ކަމުގެ އިހުސާސް ކުރެވޭ،" ކަމަށެވެ.
އޭނާ އިނގިރޭސިވިލާތުގެ މުސްލިމް މުޖުތަމައު ސިފަކުރަނީ ތަފާތު ސަގާފަތްތަކުގެ ސޯމާލީ، ބަންގްލަދޭޝް، ޕާކިސްތާން އަދި އެހެނިހެން މީހުން ހިމެނޭ މަސްހުނިގަނޑެއްގެ ގޮތުގައެވެ. މީގެ ސަބަބުން އޭނާގެ އަމިއްލަ ތަރިކައާ މެދު ފުންކޮށް ވިސްނުމަށް މަޖުބޫރުވިއެވެ. އޭނާ ހަނދާން އާކުރަނީ މުސްލިމުންގެ އީދު ފާހަގަކުރުމަށް، އިނގިރޭސި ސަގާފީ އާދަކާދައެއް ކަމަށްވާ "އާފްޓަނޫން ޓީ" ބޭނުންކުރި ގޮތެވެ.
"ބަންގްލަދޭޝް މީހަކަށް، ނުވަތަ އަރަބި ނުވަތަ ޕާކިސްތާނު މީހަކަށް ވާކަށް ނުޖެހޭ،" ރޯވް ބުންޏެވެ. "އިސްލާމްދީނަކީ ސަގާފަތް ފުރާނާލާ ފުރޭންޏެއް ކަހަލަ އެއްޗެއް؛ އެއީ އަހަރެމެންގެ ސަގާފަތުގައި ހުރި އެންމެ ގޯސް ކަންތައްތައް ނައްތާލައި، އެންމެ ރަނގަޅު ކަންތައްތައް ބައްޓަންކޮށްދޭ ވަސީލަތެއް. އެހެންވީމާ، ސައިތަށްޓާއި، ފިޝް އެންޑް ޗިޕްސް ފަދަ ކަންކަން ބެހެއްޓިދާނެ." އޭނާ ބުނެއެވެ.
ރޯވްގެ މި ދަތުރު ދިޔައީ ހަމައެކަނި އުފާވެރިކަމުގައެއް ނޫނެވެ. އޭނާ ވަނީ 2024 ވަނަ އަހަރުގެ ހަރުކަށި ކަނާތު ފިޔައިގެ ހަމަނުޖެހުންތަކަށް އިޝާރާތްކޮށް، އިނގިރޭސިވިލާތަށް ކުރިމަތިވަމުންދާ "ބިރުވެރި ދުވަސްތަކާ" ބެހޭގޮތުން ފާޅުގައި ވާހަކަދައްކާފައެވެ.
މިދިޔަ އަހަރު އިނގިރޭސިވިލާތުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ސައުތުޕޯޓުގައި ޖުލައި މަހު ހިނގި ވަޅިން ހަމަލާދިނުމުގެ ހާދިސާއަކަށްފަހު، މުޅި ގައުމުގައި ހަރުކަށި ކަނާތު ފިޔައިގެ ހަމަނުޖެހުންތައް ފެތުރިގެންދިޔައެވެ.
މި ހަމަނުޖެހުންތައް އުފެދުނީ، ކާޑިފްއަށް އުފަން އިނގިރޭސި ރައްޔިތެއް ކަމަށްވާ އެކްސެލް ރޫޑަކުބާނާ އަކީ މުސްލިމް ރެފިއުޖީއެއް ކަމަށް ބުނެ އޮންލައިންކޮށް ފެތުރި ދޮގު މައުލޫމާތުތަކުގެ ސަބަބުންނެވެ.
ބިރުދެއްކުމާއި ހިޖުރަވެރިންނާ ދެކޮޅު ވިސްނުން އިތުރުވެފައިވާ ސަރަހައްދެއްގައި ދިރިއުޅޭ ރޯވް، މިހާރު މިސްކިތާ ވަނީ ކުރިއަށްވުރެ ބޮޑަށް ގާތްވެފައެވެ. އެއީ ހަމައެކަނި އޭނާގެ އަމިއްލަ ހިތްހަމަޖެހުމަކަށް ނޫނެވެ، ނަމަވެސް ނިކަމެތިންގެ ރައްކާތެރިއެއްގެ ގޮތުގައެވެ.
"އަހަރެން މިހާރު މިސްކިތަށްދާ މިންވަރު އިތުރުވެއްޖެ … ސަބަބަކީ އެތަނަށް އަންނަ އުމުރުން ދުވަސްވީ މީހުންނާ މެދު އަހަރެން ހަގީގަތުގައިވެސް ކަންބޮޑުވާތީ،" އޭނާ ބުންޏެވެ.
އެހެންނަމަވެސް، މިފަދަ ގޯނާތަކާ ކުރިމަތިލާއިރުވެސް، އޭނާގެ ވިސްނުން ބިނާވެފައިވަނީ އިސްލާމީ އަގީދާގެ މައްޗަށެވެ: "ﷲ ތިބާޔާ އެކުވޭ. އެކަލާނގެ ބައްލަވާވޮޑިގެންވޭ، އަދި ހުރިހާ ކަމެއްގެ މައްޗަށް ބާރު ފޯރުއްވަނީ އެކަލާނގެ. އެކަން ހަނދާނުގައި ބަހައްޓާނަމަ … ދިރިއުޅުމުގައި ދިމާވާ މައްސަލަތަކާއި އިމްތިހާނުތަކަކީ އެހާ ބޮޑު ކަންތައްތަކެއް ކަމަކަށް ނުފެންނާނެ." ރޯވު ކިޔައި ދިނެވެ.
ރޯވްގެ ވާހަކައިގައި އުފާވެރި ބަޔަކީ އޭނާގެ މައިންބަފައިންގެ ފަރާތުން ލިބުނު އިޖާބައެވެ. ދީން ބަދަލުކުރާ ބައެއް މީހުންނަށް އާއިލާގެ ފަރާތުން ކުރިމަތިވާ "ބިރުވެރި" ހާދިސާތަކާ ޚިލާފަށް، އޭނާގެ އާއިލާއިން އޭނާގެ ނިންމުމަށް އިހުތިރާމްކޮށް، އެކަމާ މެދު ޝައުގުވެރިކަން ފާޅުކުރިއެވެ.
އޭނާގެ ބައްޕަ، ދަރިފުޅު ކުރި ފުން ދިރާސާތަކަށް "ފިރިހެންވަންތަ އިހުތިރާމެއް" އަދާކުރި ކަމަށް ސިފަ ކުރެއެވެ. އަދި މަންމަ ވަނީ އޭނާގެ އާ ދިރިއުޅުމުގައި އަމަލީ ގޮތުން ބައިވެރިވާން ފަށާފައެވެ. "މަންމަ އަހަރެންނަށް މުސައްލައެއް ގަނެދިން. މަންމަ ކައްކަނީ ހަލާލު މަސް ބޭނުންކޮށްގެން." އުފަލާއެކު ރޯވް ކިޔަޔއި ދެއެވެ.
"ބައެއް ފަހަރު ރަމަޟާން މަހު މަންމަ އަހަރެމެންނާއެކު ރޯދަ ވީއްލުމުގައި ބައިވެރިވޭ،" ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަވީއްލުމަށް އިޝާރާތްކޮށް، ހިނިތުންވުމަކާއެކު ރޯވް ބުންޏެވެ.
ރޯވްގެ ނަސޭހަތަކީ، "ހުޅުވިފައިވާ ހިތަކާއި ސިކުނޑިއަކާއެކު އިސްލާމްދީނާ މެދު ދިރާސާކުރޭ … މުސްލިމުން ގޯސްކޮށް އުޅޭތަން ފެނިއްޖެނަމަ، އެއީ އިސްލާމްދީނުގެ ކުށެއް ކަމަށް ނުބަލާ، އެއީ އެމީހުންގެ އަމިއްލަ ކުށް ކަމަށް ބަލާ." އެވެ.






