ވަގުތީ ސަރުކާރުގެ ސިޔާސަތުތަކާއި ހިނގަމުންދާ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ބަނގްލަދޭޝްގެ އިގްތިސާދު ނާޒުކު ހާލަތަކަށް ވެއްޓިފައިވާ ކަމަށް ބުނެ މުހައްލިލުން އިންޒާރު ދެއެވެ. މީގެ އިތުރުން ބޭރުގެ ފަރާތްތަކުން ބަނގްލަދޭޝްގެ އިގްތިސާދުގައި ބައިވެރިވާން ނިންމާފައިވީނަމަވެސް ބައެއް ފަރާތްތަކުން ފަސްޖެހިފައި ވެއެވެ. އަދި އަނެއް ބައިފަރާތްތަކުން އެމީހުންގެ ހަރަކާތްތައް ލަސްކޮށްފައި ވެއެވެ.
- ޗައިނާ: ޖުލައި މަހު ބަންގްލަދޭޝްގެ ސަރުކާރު ބަދަލުވެ އައިސްފައިވާ ސިޔާސީ ބަދަލަށް ފަހު ޗައިނާއާއެކު ފުރަތަމަ ގުޅުން ބަދަހިވި ނަމަވެސް، ފަހުން ޑާކާއާއި އެމެރިކާއާގެ ގުޅުން ރަނގަޅުވެ ބަންގްލަދޭޝް އިން ވެފައިވާ ވިޔަފާރީގެ އެއްބަސްވުންތަކާ ގުޅިގެން ބެއިޖިން މިހާރު ވަނީ އިތުރު އިންވެސްޓްމެންޓަށް ހައްސާސްވެ ސަމާލުވެފަ އެވެ.
- އިންޑިއާ: އެއްގައުމުން އަނެއް ގައުމުގެ މުދަލަށް އަޅާ ހުރަސްތަކާ ގުޅޭ މައްސަލަތަކުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރި ލަސްވެފައި ވެއެވެ. ކުރިން އިންޑިއާއިން ގެންނަ ހަނޑޫ މިހާރު ސިންގަޕޫރުން ގެންނަ ތަން ފެނެއެވެ. އެކަމުގެ ސަބަބުން މުހިއްމު ތަކެތީގެ އަގު ބޮޑުކުރަން ބަންގްލަދޭޝް އަށް މަޖުބޫރުވެފައި ވެއެވެ.
- ޖަޕާން: ޖަޕާނާއެކު ކުރިއަށް ގެންދިޔަ އިކޮނޮމިކް ޕާޓްނަޝިޕް އެގްރީމަންޓެއްގެ މަޝްވަރާތައް ވަނީ ހުއްޓިފައެވެ. އެމެރިކާއަށް ޑާކާއިން ދީފައިވާ ލުއިތަކާ އެއްގޮތަށް ޖަޕާނުގެ އުޅަނދުފަހަރުގެ ޓެރިފް ކުޑަކުރުމަށް ޓޯކިޔޯއިން ވަނީ ޑިމާންޑްކޮށްފަ އެވެ.
- ޔޫރަޕިއަން ޔޫނިއަން: ފްރާންސުގެ އެއާބަސް މަތިންދާބޯޓުތައް ގަތުމަށް ކުރިން ވެފައިވާ ވައުދާ ފުށުއަރާ ގޮތަކަށް އެމެރިކާގެ ބޮއިންގް ކުންފުނީގެ މަތިންދާބޯޓާއި ގޭސް އެމެރިކާއިން ގަތުމަށް ބަންގްލަދޭޝްއިން ނިންމުމުން އެކަމާ މެދު ފްރާންސުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އީޔޫގެ އޮފިޝަލުން އިންޒާރު ދެނީ މިކަމުގެ ސަބަބުން އެލްޑީސީ އިން ބަނގްލަދޭޝް ގްރެޖުއޭޓް ވުމަށްފަހު ޖީއެސްޕީ ޕްލަސްގެ އިމްތިޔާޒުތައް ހޯދުމަށް ނުރައްކާވެދާނެ ކަމަށެވެ.
މިކަންކަމަށް އިންޒާރު ދޭ ތަޖުރިބާކާރުންގެ ތެރޭގައި ބަންގްލަދޭޝް ބޭންކުގެ ކުރީގެ ޗީފް އިކޮނޮމިސްޓް އެމް. މުޒޭރީ ހިމެނެއެވެ. އޭނާ އިންޒާރު ކުރައްވަނީ މި އެއްބަސްވުންތަކުގެ ސަބަބުން ދެން އިންތިޚާބުވާ ސަރުކާރަށް ބުރަ ބޮޑުވެދާނެ ކަމަށެވެ.






