ރަޝިޔާގެ ސަރަހައްދީ ގާނޫނު ހަދާ މަޖިލިސްގައި އިންޑިއާގެ ބިހާރު މީހެއް

ރަޝިޔާގެ ސިޔާސީ މަސްރަހަށް އިންޑިއާގެ ރަހައެއް ގެނެސްދީފައިވާ މީހަކީ އިންޑިއާގެ ބިހާރުގައި އުފަންވި ޑޮކްޓަރެއް ކަމަށްވާ އަބޭ ކުމާރު ސިންގް އެވެ. އޭނާ އަކީ ރަޝިޔާގައި އިންޑިއާ ނަސްލުން ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހަކަށް ހޮވުނު ފުރަތަމަ މީހާއެވެ. އޭނާއަކީ މިހާރު ކުރުސްކްގެ ސަރަހައްދީ ގާނޫނު ހަދާ މަޖިލިސްގެ މެމްބަރެކެވެ.

އަދި އޭނާ ވަނީ 2015 ވަނަ އަހަރު ރައީސް ވްލަޑިމީރް ޕޫޓިންގެ ޔުނައިޓެޑް ރަޝިޔާ ޕާޓީއާ ގުޅިވަޑައިގެން ފައެވެ. އަދި  2017 އަދި 2022 ވަނަ އަހަރު އޒެނާ ވަނީ އިންތިޚާބު ކާމިޔާބު ކުރަޢްވާފައެވެ. އޭނާ މަޝްހޫރު ވެފައިވަނީ ބިހާރުގައި އާދަވެފައިވާ ގޮތަށް، އާންމު ބައްދަލުވުންތައް ބާއްވައި، ރައްޔިތުންނާ ސީދާ ބައްދަލުކޮށްގެން ކެމްޕޭން ކުރެއްވުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އޭނާއަށް ރެކޯޑް އަދަދެއްގެ ވޯޓުން ކާމިޔާބީ ލިބިވަޑައިގެންފައިވެއެވެ.

ސިންގްގެ ސިޔާސީ ހަޔާތް ގުޅިފައިވަނީ އޭނާގެ ތައުލީމީ ދަތުރާއެވެ. 1991 ވަނަ އަހަރު އޭނާ ޕަޓްނާ ދޫކުރައްވައި ކުރުސްކް ސްޓޭޓް މެޑިކަލް ޔުނިވަރސިޓީގައި މެޑިސިން ކިޔަވާ ވިދާޅުވުމަށް ރަޝިޔާއަށް ވަޑައިގެންނެވިއެވެ. އެނބުރި އިންޑިއާއަށް ވަޑައިގެން އިންޑިއާގައި ކުރު މުއްދަތަކަށް ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، ރަޝިޔާއަށް އެނބުރި ވަޑައިގެން، ފާމަސޫޓިކަލްސް ދާއިރާއާއި ރިއަލް އެސްޓޭޓް، އަދި ކޮންސްޓްރަކްޝަން ދާއިރާގައި ވިޔަފާރިތައް ފުޅާކުރެއްވިއެވެ.

ރައީސް ޕޫޓިންގެ ޚިޔާލުފުޅުތަކުން ހިތްވަރު ލިބިގެން، ސިންގް 2015 ވަނަ އަހަރު ޔުނައިޓެޑް ރަޝިޔާ ޕާޓީއާ ގުޅިވަޑައިގެން، 2017 ވަނަ އަހަރު ކުރުސްކް ސިޓީ އެސެމްބްލީގެ ގޮނޑިއަކަށް ވާދަކުރައްވައި ކާމިޔާބު ކުރެއްވިއެވެ. މި ކާމިޔާބީއާއެކު އޭނާ ވެގެންދިޔައީ ރަޝިޔާގެ ތާރީޚުގައި އިންޑިއާ ދަރިކޮޅުން ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހަށް އިންތިޚާބު ކުރެވުނު ފުރަތަމަ މީހާ އަށެވެ.  2022 ވަނަ އަހަރު އޭނާ އަލުން އެ މަގާމަށް އިންތިޚާބުވިއެވެ.

ސިންގް ފާހަގަކުރެއްވި ގޮތުގައި ރަޝިޔާގެ ސިޔާސީ ބޭފުޅުން އާންމުކޮށް ރައްޔިތުންނާ ގާތުން ގުޅުން ބަދަހިކުރުން މަދެވެ. ނަމަވެސް އޭނާ ވަނީ އިންޑިއާގެ ވައްޓަފާޅިއަށް ކެމްޕޭން ކުރުން ތައާރަފްކުރައްވާފައެވެ. އެގޮތުން، އާންމު ބައްދަލުވުންތައް ބޭއްވުމާއި، ވޯޓަރުންނާ ސީދާ ބައްދަލުކޮށް ވާހަކަ ދެއްކުމަކީ، ރަޝިޔާގެ ރައްޔިތުންގެ ތެރޭގައި އޭނާ މަގުބޫލުކަން ހޯދި ގޮތެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރު ރައީސް ޕޫޓިން އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ކުރިން، ސިންގް ވަނީ ރަޝިޔާ އުފެއްދި އެސް-400 މިސައިލް ސިސްޓަމަކީ "ވަރަށް ރަނގަޅު" އެއްޗެއް ކަމަށް ސިފަކުރައްވާފައެވެ. ނަމަވެސް އޭނާ ވަނީ އިންޑިއާއިން އެޑްވާންސްޑް އެސް-500 ގެ މިސައިލް ސިސްޓަމް ހޯދުމަށް ބާރުއަޅުއްވާފައެވެ. މި ސިސްޓަމަކީ ރަޝިޔާއިން މިހާތަނަށް ޗައިނާއަށް ވެސް ދީފައި ނުވާ އެއްޗެކެވެ.

މަސައްކަތުގެ ދާއިރާއަށް ބަލާއިރު، ސިންގް ފާހަގަކުރެއްވި ގޮތުގައި ރަޝިޔާއަށް ހުނަރުވެރި މަސައްކަތްތެރިންގެ ދަތިކަން ކުރިމަތިވެފައިވެއެވެ. އޭނާ ވިދާޅުވީ، މި ދަތިކަން ފޫބައްދަން އިންޑިއާގެ ރައްޔިތުންނަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. ހުދު ނޫން ބިދޭސީއެއްގެ ގޮތުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ސިންގް ވަނީ ކުރުސްކް ސަރަހައްދުގައި ފާހަގަކޮށްލެވޭ ޝަޚުސިއްޔަތަކަށް ވެފައެވެ.

ހިއްސާ ކުރައްވާ!