ދެކުނު އޭޝިއާގެ އަވަށްޓެރި ގައުމުތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދޭ މައިގަނޑު މަސްދަރަކަށް އިންޑިއާ ވެއްޖެ

އިންޑިއާގެ 'ނެއިބަރހުޑް ފަސްޓް' ސިޔާސަތުގެ ދަށުން ބަންގްލަދޭޝް، ނޭޕާލް، ސްރީލަންކާ އަދި ބޫޓާނަށް ބޭނުންވާ މުހިންމު ޕެޓްރޯލިއަމް އުފެއްދުންތައް ފޯރުކޮށްދީ، ދެކުނު އޭޝިއާގެ ހަކަތައިގެ މައިގަނޑު މަސްދަރުގެ ގޮތުގައި އިންޑިއާ އޮތް މަގާމު ވަނީ ވަރުގަދަވެފައެވެ. އީރާ ދެކޮޅަށް އެމެރިކާއާއި ޒަޔަނސިްޓު ބާރުން ފާށާފައިވާ ޓެރަރިސްޓް ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރަށް އައިސްފައިވާ ލޮޅުންތަކާއެކު، އިންޑިއާގެ މި ދައުރު ވަނީ ކުރިއަށްވުރެ މުހިންމުވެފައެވެ.

ކުއްލި ހާލަތުގައި ބޭނުންވާ ތެޔޮ ހޯދުމަށް ބަންގްލަދޭޝްއިން:

  • ތެލުގެ ރިޒާވް މަދުވަމުންދާތީ، ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި އިތުރު 50,000 މެޓްރިކް ޓަނުގެ ޑީސަލް ފޯރުކޮށްދިނުމަށް ބަންގްލަދޭޝްއިން އިންޑިއާގައި ވަނީ އެދިފައެވެ.
    މީގެ ތެރެއިން 5,000 ޓަނުގެ ފުރަތަމަ ޝިޕްމަންޓް މާރިޗު 10 ގައި ވަނީ އެ ގައުމަށް ގޮސްފައެވެ. އިންޑިއާ-ބަންގްލަދޭޝް ފްރެންޑްޝިޕް ޕައިޕްލައިން މެދުވެރިކޮށް އިންޑިއާއިން މިހާރުވެސް ޕެޓްރޯލާއި، ޑީސަލް އަދި މަތިންދާބޯޓަށް އަޅާ ތެޔޮ ޑާކާއަށް ފޯރުކޮށްދެއެވެ. 131.5 ކިލޯމީޓަރުގެ މި ޕައިޕްލައިންގެ ސަބަބުން، ކުރިން ބޭނުންކުރި 512 ކިލޯމީޓަރުގެ ރޭލު ދަތުރުގެ ބަދަލުގައި ތެޔޮ އުފުލުމުގެ ހަރަދާއި ޖައްވަށް ބޭރުކުރާ ވިހަ ގޭސް ވަނީ މަދުކުރެވިފައެވެ.

ނޭޕާލްގެ ތެލުގެ ބޭނުންތަކަށް އިންޑިއާއަށް މުޅިން ބަރޯސާވުން:

  • ނޭޕާލަށް ބޭނުންވާ ޕެޓްރޯލިއަމްގެ ހުރިހާ ބޭނުންތަކަކަށް އެ ގައުމުން މުޅިން ބަރޯސާވަނީ އިންޑިއާއަށެވެ. މިއީ އިންޑިއާގެ އައި.އޯ.ސީ  އާއި އެން.އޯ.ސީ އާ ދެމެދު އޮންނަ ޒަމާންވީ ގުޅުމުގެ ދަށުން ފޯރުކޮށްދޭ ހިދުމަތެކެވެ.
    ދެކުނު އޭޝިއާގެ ފުރަތަމަ ބޯޑަރު ހުރަސްކުރާ ޕެޓްރޯލިއަމް ޕައިޕްލައިން ކަމަށްވާ މޯތިހާރީ އަމްލެކްގަންޖް ޕައިޕްލައިންގެ ސަބަބުން ތެޔޮ އެތެރެ ކުރުން ހަރަދު ކުޑަވެ، މެދުނުކެނޑި ތެޔޮ ލިބޭނެކަން ނޭޕާލަށް ވަނީ ކަށަވަރުވެފައެވެ. އަދި ޗިޓްވަން އާއި ޖާޕާއާ ހަމައަށް މި ޕައިޕްލައިން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ނޭޕާލްގެ ހަކަތައިގެ ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށެވެ.

އިގްތިސާދީ ދަތިކަމުގެ ވަގުތުގައި ސްރީލަންކާއަށް ލިބުނު އެހީތެރިކަން:

  • ސްރީލަންކާއަށް ދިމާވި އިގްތިސާދީ ކާރިސާގެ ވަގުތުތަކުގައި، މުޅި ގައުމުން ތެޔޮ ހުސްވިޔަނުދިނުމަށްޓަކައި އިންޑިއާއިން ވަނީ ތަކުރާރުކޮށް ކްރެޑިޓް ލައިންތަކާއި ކުއްލި ހާލަތުގައި ބޭނުންވާ ތެޔޮ ފޯރުކޮށްދީފައެވެ.
    ޓްރިންކޮމަލީގެ ތެޔޮ ރައްކާކުރާ ފާމް ދެ ގައުމުން ގުޅިގެން ތަރައްގީކުރުމާއި، ރީޓެއިލް މާކެޓުގައި ލަންކާ އައި.އޯ.ސީ ކުންފުނީގެ ހަރަކާތްތަކުގެ ސަބަބުން، ސްރީލަންކާގެ ހަކަތައިގެ ހަމަޖެހުމުގައި އިންޑިއާގެ ދައުރު ވަނީ ވަރަށް ބޮޑުވެފައެވެ.

ބޫޓާން އަދި ސަރަހައްދީ ގުޅުން ބަދަހިކުރުން

  • ނޭޕާލް ފަދައިން ބޫޓާނުންވެސް ތެލުގެ ބޭނުންތަކަށް މުޅިން ބަރޯސާވަނީ އިންޑިއާއަށެވެ. ހަކަތައިގެ މި ގުޅުންތަކަކީ އިންޑިއާގެ ފުޅާ ސަރަހައްދީ އިސްތިރާތީޖީގެ ބައެކެވެ. މީގެ ތެރޭގައި ސާގަރް އަދި ބީ.ބީ.އައި.އެން އޮނިގަނޑުގެ ދަށުން ކުރިއަށްގެންދާ ބޯޑަރު ހުރަސްކޮށް ކަރަންޓުގެ ވިޔަފާރިކުރުމާއި ގުޅުންތައް ބަދަހިކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

މި ގުޅުމުގެ އަސާސަކީ 'ނެއިބަރހުޑް ފަސްޓް' ސިޔާސަތު

  • 2014 ވަނަ އަހަރު ތައާރަފުކުރި 'ނެއިބަރހުޑް ފަސްޓް' ސިޔާސަތުގެ މަގްސަދަކީ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުމާއި، ކުއްލި ހާލަތްތަކުގައި އެހީތެރިވުމާއި، އިގްތިސާދީ ގޮތުން ގުޅިލާމެހިގެން ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމެވެ. އިންޑިއާގެ ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަކީ މި ސިޔާސަތުގެ މައިގަނޑު ތަނބަކަށް ވެފައިވާއިރު، މިއީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ބަދަލުތަކުގެ ތެރޭގައި ނިއު ދިއްލީއަކީ ސަރަހައްދީ ހަމަޖެހުން ދަމަހައްޓާ ބާރެއްގެ ގޮތުގައި ދައްކުވައިދޭ ކަމެކެވެ.
ހިއްސާ ކުރައްވާ!