ބަންގްލަދޭޝްގެ ރަށްފުށުގެ ސަރަހައްދާއި އަވަށްތަކުގައި ވެސް ބިމުގެ އަޑީގެ ފެން ފަށަލަ ހީނަރުވަމުން ދާތީ، އެ ގައުމަށް ފެނުގެ ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށް 'ދަ ބިޒްނަސް ސްޓޭންޑަރޑް' ނޫހުން ގެނަސްދިން ތަފްސީލީ ރިޕޯޓެއްގައި ބުނެފިއެވެ. މިކަމުގެ ސަބަބުން މިހާރު ވެސް އެތައް ހާސް ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެފައި ވެއެވެ.
އެންމެ ބޮޑު ކަންބޮޑުވުމެއް ކުރިމަތި ވެފައި އޮތީ ވެރިރަށް ޑާކާގައެވެ. އެ ސިޓީގައި އަހަރަކު 2 މީޓަރާ ހަމައަށް ފެން ފަށަލަ ހިނދެމުންދާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.
1996 ވަނަ އަހަރު 25 މީޓަރު އަޑީގައި ހުރި ފެންވަރު، 2023 ވަނަ އަހަރާ ހަމައަށް އައި އިރު 75 މީޓަރަށް ދަށްވެފައި ވެއެވެ. މިހާރު ފެން ޕަމްޕްތަކަށް ނަގަން ވެސް މިހާރު ބޭނުންވާ މިންވަރަށް ފެން ނުލިބެއެވެ.
ޑާކާގެ އިބްރާހިމްޕޫރު ސަރަހައްދުގައި އެތައް ހާސް އާއިލާތަކަށް ހަފްތާތަކެއް ވަންދެން ފެން ނުލިބި ތިބެން ޖެހުނެވެ. އެމީހުންނަށް މަޖުބޫރުވެފައި ވަނީ ފުޅީގައި ވިއްކާ ފެނަށް ނުވަތަ ރޭގަނޑު ވަގުތުގައި ލިބޭ މަދު ފެނަށް ބަރޯސާވާށެވެ.
ބަންގްލަދޭޝްގައި ބޭނުންކުރާ ފެނުގެ 86 އިންސައްތަ ހޭދަވަނީ ދަނޑުވެރިކަމަށެވެ. ގެވެހި ބޭނުންތަކަށް 12 އިންސައްތަ އަދި ސިނާއަތަށް 2 އިންސއްތަ ހޭދަވެއެވެ.
ދަނޑުވެރިކަމަށް ބޭނުންވާ ފެން ނެގުމަށް ބައެއް ސަރަހައްދުތަކުގައި ފެން ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން އެހިސާބުގެ ވަޅުތައް ވަނީ ހިކި، ދަނޑުތަކަށް ގެއްލުން ލިބިފައެވެ. އަދި ބަރިޝާލްގައި ހުންނަ ފުޅީގެ ފެން ކުންފުންޏަކުން ފެން ނަގާތީ، އެ ސަރަހައްދުގެ އާންމުންގެ އަމިއްލަ ވަޅުތަކަށް ފެން ނުލިބި ހިކިގެންދާ ކަމަށް ވެސް އެ ސަރަހައްދުގެ ރައްޔިތުން ވަނީ ބުނެފައެވެ. މިއީ ސިނާއީ ބޭނުންތަކަށް ކުޑަކޮށް ފެން ނެގުމުން ވެސް އާންމުންނަށް ކުރާ ނޭދެވޭ އަސަރު ދައްކުވައިދޭ މިސާލެކެވެ.
ވާރޭ ވެހެއ މިންވަރު މަދުވުމާއި، ބިންތައް ކޮންކްރީޓުގެ ފަށަލައަލުން ހަރުކޮށްލުމުގެ ސަބަބުން ބިމުގެ އަޑިއަށް ފެން ހިނދޭ މިންވަރު މަދުވެފައި ވެއެވެ. އެކަމުގެ ސަބަބުން ފެނުގެ ދަތިކަން އިތުރުވެއެވެ.
މާހިރުން އިންޒާރު ދެއްވާ ގޮތުގައި، ބަންގްލަދޭޝްގައި ފެން ނެގުން ކޮންޓްރޯލްކުރުމަށް ބޭނުންވާ ވަރުގަދަ ނިޒާމެއް ގައިމް ކުރެވިފައެއް ނެތެވެ.
ފެން ނެގުމުގެ ހުއްދަ ދެނީ އެކަށީގެންވާ ތަފާސްހިސާބުތަކެއް ނެތި ކަމަށް ވާތީ، އެކަމުގެ ގއްލުމާ ކުރިމަތިލާން ޖެހެނީ އާންމުންނަށެވެ.
ޑާކާ ޔުނިވަރސިޓީގެ ޕްރޮފެސަރު ކާޒީ މަތީއުއްދީން އަޙްމަދު ވިދާޅުވަނީ އާންމުކޮށް އާންމު ރައްޔިތުން ބޭނުންކުރަނީ ކުދި ހަނި ވަޅުތަކެވެ. އެހެންކަމުން ބޮޑެތި މަޝްރޫޢުތަކަށް ބޮޑެތި ވަޅުތަކުން ފެން ނަގަން ފެށުމުން އެމީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.
ޖަހާންގީރުނަގަރު ޔުނިވަރސިޓީގެ ޑރ. ޚައިރުލްބަޝާރު ވެސް ވަނީ ފެން ނެގުމާއި ފެން ފަށަލަ ތާޒާވާ މިންވަރު ހަމަހަމަ ކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ފެން އިސްރާފްު ކުރުން ކުޑަކުރުމަށް ވާރޭ ފެން ރައްކާކުރުމަށާއި ދަނޑުވެރިކަމުގެ ބާވަތްތައް ބަދަލުކުރުމަށް ވެސް ގޮވާލައްވާފައެވެ.
ފެން ފަށަލަ ހީނަރު ވުމުގެ ކާރިސާގެ ސަބަބުން ބާރިންޑް ސަރަހައްދުގެ ދަނޑުވެރިންނަށް މާލީ ދަތިކަން ކުރިމަތިވެ އެވެ. އަދި ފެން ނުލިބުމުގެ ސަބަބުން އަވަށްތަކުގައި އުޅޭ އާއިލާތައް އެހެން ތަންތަނަށް ބަދަލުވާން މަޖުބޫރުވެއެވެ. އަދި ރައްކާތެރި ނޫން މަސްދަރުތަކުން ފެން ބޭނުންކުރުމުގެ ސަބަބުން ސިއްހީ ނުރައްކާތައް ވެސް އިތުރުވެ ދެއެވެ. އަދި، މަދު މިންވަރެއްގެ ފެން ފޮދަކަށް އެންމެން ވާދަކުރަން ޖެހުމުން ރަށްފުށުގެ މުޖުތަމަޢުތަކާއި ސިނާއީ ފަރާތްތަކާ ދެމެދު ނުތަނަވަސްކަން އުފެދޭ ކަމަށް ރިޕޯޓްގައިވެއެވެ.






