އިންޑިއާއަށް ނުފޫޒެއް ނުފޯރުވޭނެ: ރަޝިއާގެ ރައީސް ޕޫޓިން

ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕޫޓިން ވިދާޅުވެފައިވަނީ އިންޑިއާއަކީ ބޭރުގެ ބާރުތަކުން ބޭނުވީމަ ގަދަބާރުން ކަންކަން ކުރުވޭނެ ޤައުމެއް ނޫން ކަމަށާއި، އެއީ ދުނިޔޭގައި މުހިންމު ބާރެއް ކަމަށެވެ. މިކަމުން ދައްކުވައިދެނީ ދިފާޢީ، ހަކަތައިގެ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ނިއު ދިއްލީއާ ގުޅުން ބަދަހިކުރުމަށް މޮސްކޯއިން ދޭ އަހަންމިއްޔަތެވެ.

އިންޑިއާ ޓުޑޭއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޕޫޓިން ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ލީޑަރޝިޕާއި އެނާގެ ކެތްތެރިކަމަށް ތައުރީފުކުރައްވާފައެވެ. އަދި ބަދަލުވަމުން އަންނަ ބައިނަލްއަޤްވާމީ ނިޒާމުގައި އިންޑިއާގެ ސިޔާދަތަށާއި ކަންކަން ނިންމުމުގެ މިނިވަންކަމަށް އިޙްތިރާމް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. ޕޫޓިން ވިދާޅުވީ، "އިންޑިއާއާ އެކު މީގެ 77 އަހަރު ކުރިން ކަން ކުރަމުން އައި ގޮތަށް މުޢާމަލާތްކުރެވޭކަށް ނޯންނާނެ،" ކަމަށެވެ. އަދި އިންޑިއާއަށް ފިއްތައިގެން ގަދަބާރުން ކަންކަން ކުރުވުމަށް ކުރާ މަސައްކަތަކީ ބޭކާރު ކަމެއް ކަމަށް ވިދާޅުވިއެވެ.

ޕޫޓިން ވަނީ ދިފާޢީ ދާއިރާގައި ދެޤައުމުގެ ދެމެދުގައި ގިނަ ދުވަސްތަކެއް ވެފައިވާ އަސްކަރީ ބަދަހި ގުޅުމެއް އޮތްކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި އިންޑިއާއިން ރަޝިއާގެ މަތިންދާބޯޓުތަކާއި ބްރަހްމޯސް މިސައިލް ޕްރޮޖެކްޓް ބޭނުންކުރުން ހިމެނޭ ކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، މުސްތަޤްބަލުގައި ދިފާއީ އެޑްވާންސްޑް ސިސްޓަމްތައް ކަމަށްވާ އެސްޔޫ-57 ފައިޓަރ ޖެޓް އަދި އެސް-500 އެއަރ ޑިފެންސް ސިސްޓަމް ފަދަ މުހިންމު ވަސީލަތްތަކާއި ދާއިރާތަކުގައި ރަޝިޔާއިން އިންޑިއާއަށް އެއްބާރުލުން ދޭނެ ކަމަށްވެސް އޭނާ އިޝާރާތްކުރެއްވިއެވެ. ރަޝިއާއިން އަންނަނީ އިންޑިއާއާއެކު، ނިއުކްލިއަރ ހަކަތައިގެ ދާއިރާއާއި ސްޕޭސް، މަނަވަރު ބަނުން އަދި އޭވިއޭޝަން އާއި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ގުޅުން ބަދަހިކުރަމުންނެވެ. މިގޮތުން ކުޑަންކުލަމް ނިއުކްލިއަރ ޕްރޮޖެކްޓަކީ މި އެއްބާރުލުމުގެ ފާހަގަކޮށްލެވޭ މިސާލެއްގެ ގޮތުގައި ޕޫޓިން ފާހަގަކުރެއްވިއެވެ.

ރަޝިއާއިން އިންޑިއާއަށް ޑިސްކައުންޓްކޮށް އަގުހެޔޮކޮށް ތެޔޮ ވިއްކުމާ ގުޅިގެން ހުޅަނގުގެ ޤައުމުތަކުން އިންޑިއާއަށް ފިއްތާ ފިއްތުމަށް ޕޫޓިން ވަނީ ފާޑުވިދާޅުވެފައެވެ. އަދި މިފަދަ ކަންކަމަކީ އިންސާފުވެރި ކަމެއް ނޫން ކަންކަން ކަމަށް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު ދެ ޤައުމުގެ ދެމެދުގައިވާ ވިޔަފާރީގެ 90 އިންސައްތައަށްވުރެ ގިނަ މުޢާމަލާތްތައް ކުރެވެމުން ދަނީ ދެ ޤައުމުގެ އަމިއްލަ ފައިސާ ބޭނުންކޮށްގެންނެވެ. ޕޫޓިން ވިދާޅުވީ އިންޑިއާ އާއި ޗައިނާ، އެފްރިކާ ބައްރުގެ ގައުމުތަކާއި އަދި އިންޑޮނޭޝިއާ ފަދަ ޤައުމުތަކަކީ ދުނިޔޭގެ އިޤްތިޞާދު ބަދަލުކުރަމުން އަންނަ ކުރިއަރަމުން އަންނަ މަރުކަޒުތަކެއް ކަމަށެވެ.

ޕޫޓިން ވަނީ އިންޑިއާ އާއި ޗައިނާ ވެސް ރަޝިއާގެ “އެންމެ ގާތް ރަޙްމަތްތެރިން” ކަމަށް ސިފަކުރައްވާފައެވެ. އަދި މޯދީ އާއި ޝީ ޖިންޕިންގ ގެ ދެމެދުގައި އުފެދޭ މައްސަލަތައް ޒިންމާދާރުކަމާއެކު ދެބޭފުޅުންވެސް ހައްލުކުރައްވާކަމަށް ވިދާޅުވެ އެކަމަށް ތައުރީފު ކުރެއްވިއެވެ. މި އިންޓަވިއު ކޮށްފައި ވަނީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާ އާއި ހުޅަނގުގެ ޤައުމުތަކާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ޕޫޓިން ވަނީ މި ހަނގުރާމައަކީ ރަޝިއާ ބަހުން ވާހަކަދައްކާ މީހުން ދިފާޢުކުރުމާއި ނޭޓޯގެ ހަންފެތުރުމާ ދެކޮޅު ހެދުމުގެ ގޮތުން ކުރާ ދިފާއީ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ނަމަވެސް އޭނާ ވަނީ އިންޑިއާއާ އެކު ރަޝިއާގެ ގުޅުމަކީ އެހެން އެއްވެސް ޤައުމަކާ ދެކޮޅަށް އަމާޒުކޮށްފައިވާ ގުޅުމެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.

Putin’s Courtship of India Signals a Multipolar Future

ހިއްސާ ކުރައްވާ!