ފަޒުލްއާއި، ޝުހޫދަށް ދަޢުވާކުރެވޭ ވަރަށް ހެއްކެއް ނެތް

އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާޙީމް ފަޒުލް ރަޝީދު އަދި އެ ކުންފުނީގެ އައިޓީ ހެޑް ޢަބްދުﷲ ޝުހޫދުގެ މައްޗަށް، އެ ކުންފުނީގެ ސަރވަރގައި ހުރި ލިޔުންތަކެއް ޑިލީޓްކޮށްލުމުގެ ތުހުމަތުގައި ޖިނާއީ ދަޢުވާއެއް ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން، ނިންމައިފިއެވެ. އެއީ، އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި އަދި ޤަރީނާ ލިބިފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި މައްސަލާގައި ފަޒުލް ރަޝީދާއި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަކީ، ޖިނާއީ ތަޙްޤީޤެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސަރވަރގެ ތެރެއިން ރިކަވަރ ނުކުރެވޭ ގޮތަށް ޑިލީޓްކޮށްލާފައިވާތީ، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުނު ކަމުގެ ތުހުމަތެވެ. ޕީޖީ އޮފީހުން މިއަދު ބުނީ، އެ ދެމީހުންގެ މައްޗަށް ދަޢުވާކުރުމަށް އެކަށީގެންވާ މިންވަރަށް ހެކި ނުލިބުމުގެ ސަބަބުން، މައްސަލަ ރައްދުކޮށްފައިވާ ކަމަށެވެ.

މި ތުހުމަތުތަކާ ގުޅިގެން ހިންގި ތަޙްޤީޤުތަކުން އެނގޭ ގޮތުގައި، އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ބަޔާންކޮށްފައިވަނީ، އެޗްޑީސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަމަށެވެ. އަދި ފުލުހުންގެ ތަޙްޤީޤް ރިޕޯޓުގައިވެސް ވަނީ، އިބްރާހީމް ފަޒުލް ރަޝީދާއި، ޢަބްދުﷲ ޝުހޫދު، އެޗްޑީސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަޙްޤީޤަށް ހޯދިފައިނުވާކަމަށް ބަޔާންކޮށްފައެވެ.

މި މައްސަލާގައި ކުރެވުނު ތުހުމަތަށް ބާރުދޭނެ އެއްވެސް ހެއްކެއް ތަޙްޤީޤުން ހޯދިފައިނުވާތީ، ޕީޖީ އޮފީހުން ވަނީ އިބްރާހީމް ފަޒުލް ރަޝީދާއި ޢަބްދުﷲ ޝުހޫދުގެ މައްޗަށް ޖިނާއީ ދަޢުވާއެއް ނުކުރަން ނިންމައިފައެވެ. މި ނިންމުމާއެކު، އެ ދެ ބޭފުޅުންގެ މައްޗަށް ކުރެވުނު ތުހުމަތްތަކަށް ޤާނޫނީ ގޮތުން ކުރިއަށްގެންދެވޭނެ އެއްވެސް ކަމެއް ނެތްކަން ވަނީ ކަށަވަރުވެފައެވެ.

ހިއްސާ ކުރައްވާ!