އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ގެއިން ފުލުހުން ހޯދި 1.4 މިލިއަން ރުފިޔާ މިހާރު ވަނީ އަނބުރާ އޭނާއާ ހަވާލުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ފައިސާ ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށެވެ. ނަމަވެސް، ފަޒުލްގެ ޕާސްޕޯޓު އަދިވެސް ވަނީ ހިފަހައްޓާފައި ކަމަށާއި، ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފަޒުލްގެ ގެ ބަލައި ފާސްކޮށްފައިވަނީ ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކޮށްފައިވާ މައްސަލަތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލައިގައި ފަޒުލްއަށް ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޯއްޗަށް ޝަރުތު ހަމަނުވާ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ބިމެއް ދިން މައްސަލައެއް ހިމެނެއެވެ.
ފަޒުލްގެ ގެއިން ފެނުނު ފައިސާއާ ގުޅޭގޮތުން މާލެ ސަރަހައްދުގައި ލޯންޗު އޮޕަރޭޓް ކުރާ "ރިލެކްސް ފެރީ ސާވިސް" ކުންފުނިން ބުނެފައިވަނީ، އެއީ ލޯންޗެއް ބަނުމަށް ފަޒުލްގެ ކުންފުންޏަށް ދިން 1.4 މިލިއަން ރުފިޔާ ކަމަށެވެ.



