ހުޅުމާލެއިން ދޫކުރި ބިމެއްގެ މައްސަލައިގައި ސިވިލް ސާވިސް މުވައްޒަފެއްގެ ބޮލުގައި އެޅުވި ތުހުމަތުތައް ވުޒާރާއިން ދޮގުކޮށްފި

ހުޅުމާލެއިން އަމިއްލަ މީހަކަށް ދޫކުރި ބިމަކާ ގުޅުވައިގެން މިނިސްޓްރީ އޮފް އިންފްރަސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓުގެ ސިވިލް ސާވިސް މުވައްޒަފެއްގެ ބޮލުގައި ބޮޑެތި ބަދުނާމުތަކެއް އަޅުވައި ފަތުރަމުން އައި ވާހަކައިގެ ހަގީގަތް އެ ވުޒާރާއިން ހާމަކޮށްފިއެވެ.

ފަސްމަންޒރު

  • މި ބިން ލިބުނު އަހްމަދު ޒާހިރަށް ޑިސެންބަރު 22، 2003 ގައި، އެއިރުގެ ހޯމްއެފެއާޒް އެންޑް އެންވަޔަރަމެންޓުގެ ދަށުން "މޯލްޑިވްސް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓު ބޯޑު"އިން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ ސްކީމެއްގެ ތެރެއިން ރަށު ތެރެއިން ވިއްކާ 56 ގޯތީގެ ދަށުން ގޯއްޗެއް ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ލިބިފައިވާކަން ރަސްމީ ލިޔެކިޔުންތަކުން އެނގެއެވެ.
  • އޭނާއަށް އެ ސްކީމުގެ ދަށުން ލިބުނީ 904 އަކަފޫޓުގެ ބިމެކެވެ، އެ ބިމުގެ އަގަކީ 339،000 ރުފިޔާކަން އެއިރު ރައީސް އޮފީހުން ޑިސެންބަރު 24، 2003 ގައި ދޫކުރި ލިޔުމުންވެސް އެނެން އޮންނަކަން ފާހަގަކޮށް، ފާއިތުވި އެކި ސަރުކާރުތަކުގައި އެ ގޯތި އޭނާއާ ހަވާލުކޮށްދިނުމަށް ތަކުރާރުކޮށް އެދުމުންވެސް އެ ބިން ހަވާލުކޮށްފައިނުވާ ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ.
  • އަދި 23 އަހަރުވީ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ޒާހިރު މުއިއްޒު ސަރުކާރުގައި އެދިފައިވާތީ، އޭނާއަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އޭނާގެ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް، އޭނާއަށް ބިން ވިއްކުމަށް ކުރިން ސަރުކާރުން އެއްބަސްވި ކޮމާޝަލް ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިމެއް ވިއްކުމަށް މިނިސްޓްރީން ނިންމިކަމަށް ބުނެފައިވެއެވެ.
  • ޒާހިރަށް ވިއްކަން ނިންމާފައިވަނީ ބިމަކީ ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމުގެ ދަށުން ބިން ދޫކުރުމަށް ނެގި ބިންތަކުގެ ތެރެއިން، އެ ސްކީމުގެ ދަށުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގައި ބަޔާންކުރާ އަސާސީ ޝަރުޠެއް ފުރިހަމަނުވާތީ އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ހުސްކޮށް އޮތް ބިމެއް ކަމަށް ވެސް ވުޒާރާއިން ބުނެފައިވެއެވެ.
  • ހުޅުމާލެއިން ބިން ވިއްކަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ޒާހިރަށް ލިބިފައި އޮތް ބިމާ ގުޅޭ ހުރިހައި ހައްގުތަކެއް ދޫކޮށްލުމަށް އޭނާ އެއްބަސްވުމުންކަން ވުޒާރާއިން ހާމަކުރިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ހައްސާސް މައްސަލައަކަށްވާތީ، އެ މައްސަލައާ ގުޅުންހުރި ކަންކަމުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް، ޒާހިރަށް ބިން ވިއްކަން ނިންމުމުގައި އަމަލުކުރީ އުސޫލާ އެއްގޮތަށްތޯ ބަލައިދިނުމަށް އެ ވުޒާރާގެ އަމިއްލަ އިސްނެގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެ ގޯތި ވިއްކުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ އޭސީސީގެ ލަފާ ހޯދުމާއެކު އެއްބަސްވުމާ ގުޅޭ ގޮތުން ގާނޫނީ ލަފާވެސް ހޯދުމަށްފަހު ކަމަށް ވުޒާރާއިން ކަށަވަރުކޮށްދީފައިވެއެވެ.

ހިއްސާ ކުރައްވާ!